ޚަބަރު

އަތޮޅުތަކުގައި ޑޮލަރު އޭޓީއެމް ޚިދުމަތް ފަށާނަން: މުޢިއްޒު


  • ކެމްޕެއިން ދަތުރުގައި މުޢިއްޒު ވަނީ ކ.ގުރައިދުއަށް މިއަދު ވަޑައިގެންފައި

  • މުޢިއްޒު ވިދާޅުވީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށްތަކަށް ޑޮލަރު އޭޓީއެމް މުހިންމުކަމަށް

  • މާފުށި، ގުޅި އަދި ގުރައިދޫގެ ބިން އިތުރަށް ހިއްކަވާނެކަމަށް ވިދާޅުވި

މާލެއިން ބޭރުގައި އެންމެ ފުރަތަމަ ޑޮލަރު އޭޓީއެމްގެ ޚިދުމަތް ދޭ ރަށަކަށް މާފުށީ ހައްދަވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ތިން ރަށަށް ޚާއްސަކޮށް ބޭއްވި ޖަލްސާގައި ވާހަކަދައްވަަމުން ޑރ.މުޢިއްޒި ވިދާޅުވީ ފަތުވެރިކަން ފުޅާވަމުން އަންނަ ހިސާބުތަކަށް، އެކަމުގައި ކުރިއަށްދެވޭނެ ފަސޭހަ މަގުތައް ފަހިކޮށްދޭންޖެހޭކަމަށެވެ. އެގޮތުން މާފުއްޓަކީ މީހުން ދިރިއުޅޭ ރަށެއްގައި، އެންމެ ބޮޑަށް ބޭރު ފަސާގެ މުޢާމަލާތް ހިނގާ ތަންކަން ފާހަގަކުރައްވާ މުޢިއްޒު ވިދާޅުވީ ޑޮލަރުގެ މުޢާމަލާތްކުރެވޭނެ ފަސޭހަ ގޮތެއް އޮންނަންޖެހޭކަމަށެވެ.

"މާފުށީގައި އެންމެ ބޮޑަށް މުޢާމަލާތްކުރެވެނީ ބޭރު ފަސާއިން. އެހެންވީމަ އެކަމަށް މަގުފަހިވާންޖެހޭ. މާފުށީ ހަދާނަން ފުރަތަމަ ޑޮލަރު އޭޓީއެމް ބަހައްޓާ ރަށަކަށް." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ކައުންސިލްގެ ބިންތައް ދޫކޮށްގެން ކުރާ ވިޔަފާރިތަކުން ލިބޭ ބިމު ކުލީގެ %100 އިންސައްތައަކީ ކައުންސިލްގެ އެއްޗެއްކަން ކަށަވަރުކޮށްދެއްވާނެކަމަށެވެ. އަދި ބައެއް ރަށަރަށުގައި ކައުންސިލް ބިންތަކަށް ލިބެންޖެހޭ މަންފާ، މަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލްތަކަށް ގެއްލޭކަމުގެ ޝަކުވާ ލިބެމުންދާކަން މުއިއްޒު ފާހަގަކުރެއްވިއެވެ.

މުޢިއްޒުގެ ވާހަކަފުޅުގައި ވަނީ ގުރައިދޫ ދާއިރާގައި ހިމެނޭ، ގުރައިދޫ، މާފުށި އަދި ގުޅީގެ ބިން އިތުރަށް ހިއްކަވާނެކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މުޢިއްޒު ވިދާޅުވީ މި ސަރުކާރުން މި ތިން ރަށުގެ ބިން ހިއްކުންވެސް ކުރިއަށްގެންދިޔައީ ރައްޔިތުންނާއި މަޝްވަރާނުކޮށްކަމަށް ބުނެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށެވެ، އެހެންކަމުން ތިން ރަށުގެ ބިން އިތުރަށް ހިއްކަވާ ރައްޔިތުންނަށް އެންމެ މަންފާ ބޮޑުވާނެގޮތަށް ބިން ބޭނުންކުރެވޭނެ މަގު ފަހިކޮށްދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ

އަތޮޅުތަކަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން މުޢިއްޒު މިހާތަނަށް ވަނީ 7 އަތޮޅަކަށް ވަޑައިގެންފައެވެ. އެއީ ހއ، ހދ، ވ، މ، ފ، ދ އަދި ކ އަތޮޅުގެ ރަށްތަކަށެވެ.

ޑރ.މުޢިއްޒުގެ މެނިފެސްޓޯ އިޢުލާނުކުރުން އޮންނާނީ މާދަމާ ރޭ ހުޅުވާލެ ދެވަނަ ފިޔަވަހީގައެވެ.