ޚަބަރު

ރައީސްގެ ވަޢުދު: ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްޤީކުރާނަން!


  • ގޮއިދޫ ފުޅަދޫ ފެހެންދޫއަކީ އެއް ފަޅެއްގައި އޮންނަ ތިން ރަށް

  • ރައީސް ވިދާޅުވީ އެއީ ޓޫރިޒަމް ފުޅާކުރުމަށް އެންމެ ފައްކާ އެއް ސަރަޙައްދުކަމަށް

  • ރިސޯޓެއް ތަރައްޤީކުރަން ޕްރައިވެޓް ސެކްޓަރ އަށް ހުޅުވާލާނެކަމަށް

މާޅޮސްމަޑުލު ދެކުނުބުރީ ފުޅަދޫ ފެހެންދޫ އަދި ގޮއިދޫ ފަޅުތެރޭގައި ރިސޯޓެއް ތަރައްޤީކުރުމާއެކު، ފުޅަދޫގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ކުޑަ އާބާދީއެއް ދިރިއުޅޭ ފުޅަދޫ ފެހެންދޫއަދި ގޮއިދޫއަކީ އެއް ފަޅެއްގައި އޮންނަ ތިން ރަށެވެ.

ބ.އަތޮޅަށް ފަށްޓަވާފައިވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ބަ.ފުޅަދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރެއްވި އެއްވެސް ވެރިއެއް ފުޅަދޫ ފަދަ އާބާދީ ކުދި ރަށްރަށުގެ ތަރައްޤީއަށް އެއްވެސް އިސްކަމެއް ދެއްވާފައިނުވާކަމަށެވެ. އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި އެއްވެސް ވެރިއެއްގެ ވިސްނުންފުޅުގައި ކުދި ރަށްރަށް ތަރައްޤީކުރުމުފެ ވިސްނުންފުޅެއް ނެތްކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް ހޮވިވަޑައިގެންފިނަމަ ގިނަ ކަންތައްތަކެއް އެރަށަށް ކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ.

ރައީށް ވިދާޅުވީ، އެ ތިން ރަށުގެ ފަޅުގައި ރިސޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށެވެ. ގުދުރަތީ ގޮތުން ބޮޑު މުއްސަނދިކަމެއް ލިބިފައިވާ އަދި ރީތި ގޮނޑުދޮށެއް ލިބިފައިވާ ސަރަހައްދެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ފަތުރުވެރިކަން ތަރައްޤީކުރުމަށް އެސަރަހައްދަށްވުރެ ވަކި ރަނގަޅު ސަރަހައްދެއް ނެތްކަމަށެވެ. އެހެންކަމުން އެސަރަހައްދުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ގިނަ ޕްލޭންތަކެއް ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ވަޒީފާގެ ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެގައެވެ.

"މިފަޅުތެރޭގައި... ގޮއިދޫ، ފެހެންދޫ، ފުޅަދޫ ފަޅުތެރޭގައި ރިސޯޓެއް ހެދުމަށްޓަކައި އަޅުގަނޑުމެން އޯޕަން ކޮށްލާނަން ޕްރައިވެޓް ސެކްޓަރއަށް. މިއަށްވުރެ ވަކި ފައްކާ ސަރަހައްދެއް ޓޫރިޒަމަކަށް ނޯންނާނެ." ރައީސް ވިދާޅުވިއެވެ.

ރިސޯޓެއް ތަރައްޤީކުރުމުގެ އިތުރުން ފުޅަދޫގައި ފްލޯޓިން ޖެޓީއަކާއި، ކޮމިއުނިޓީ ސެންޓަރަކާއި، އިންޑޯރ ވޮލީ ކޯޓެއްގެ އިތުރުން ސިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތާއި، މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއްގެ އިތުރުން ވޭސްޓްމެނޭޖްމަންޓް ސެންޓަރެއް އަޅުއްވައިދެއްވާނެކަމަށް ރައީސް ވަޢުދުވެވަޑައިގެންނެވިއެވެ.

ރައީސް ވިދާލުވީ މިއީ އެރަށްރަށް ތަރައްްީވެ މުސްތަޤްބަލުގައި ރަށަށް ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ރަނގަޅު ފުރުޞަތަކަށް ވާނެކަމަށެވެ. އަދި ރަށުގެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ މުސްތަގުބަލެއް ލިބޭނެކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.