3 ރަށެއްގެ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީ.ސީއާއި ޙަވާލުކޮށްފިއެވެ. މި 3 މަޝްރޫޢުގެ އަގު 285 މިލިއަން ރުފިޔާއަށް އަރައެވެ.
މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އާރް.ޑީ.ސީއާއި މަގުހެދުމުގެ މަސައްކަތް ޙަވާލުކުރި 3 ރަށަކީ ލ. އިސްދޫ-ކަލައިދޫ، ލ. މާވަށް އަދި ޅ. ނައިފަރެވެ. މީގެ ތެރެއިން އެންމެ ބޮޑު ޚަރަދެއް ހިނގާނީ އިސްދޫ-ކަލައިދޫ މަގުހެދުމުގެ މަޝްރޫޢަށެވެ.
ޑިޒައިން އެންޑް ބިލްޑް އުޞޫލުން އިސްދޫ-ކަލައިދޫ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 730 ދުވަހުން މަސައްކަތް ނިންމާގޮތަށެވެ. މި މަޝްރޫޢަށް 138 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ. މި މަޝްރޫޢުގެ ދަށުން 4.39 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުމުގެ މަސައްކަތް ކުރާނެއެވެ.
ލ. މާވަށުގެ މައި މަގުތަކުގައި ތާރުއަޅާ ތަރައްޤީކުރުމުގެ މަސައްކަތްވެސް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ ޑިޒައިން އެންޑް ބިލްޑް އުޞޫލުންނެވެ. މި މަޝްރޫޢު ނިންމަން 540 ދުވަސް ދީފައިވާއިރު، މި މަސައްކަތަށް 51 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން މާވަށުގެ 1.855 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާނެއެވެ. އަދި މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ޖެހުންވެސް ހިމެނެއެވެ.
ޅ. ނައިފަރު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އާރް.ޑީ.ސީއާއި ޙަވާލުކޮށްފައިވަނީ 720 ދުވަހުން ނިންމާގޮތަށެވެ. ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަސައްކަތަށް 95 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެއެވެ.
މި މަޝްރޫޢުގެ ދަށުން ނައިފަރުގެ ހުރިހާ މަގުތައް ޑިޒައިން ކުރާނެއެވެ. އަދި ފުރަތަމަ ފިޔަވަހީގެ ދަށުން 2.66 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ތަރައްޤީކުރާނެއެވެ. ހަމައެހެންމެ މަގުތަކުގައި ފެން ހިންދާ ނިޒާމު ޤާއިމުކޮށް މަގުބައްތި ހަރުކުރުންވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނެއެވެ.
ޕްލޭނިންގ މިނިސްޓްރީގައި ވަކިވަކިން ބޭއްވި ރަސްމިއްޔާތުތަކެއްގައި މި 3 މަޝްރޫޢު އާރް.ޑީ.ސީއާއި ޙަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޝާނާ ފާރޫޤެވެ. އަދި އާރް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ އަޙްމަދު ޝިހާދެވެ.