ޚަބަރު

އިންތިޚާބީ މަރުކަޒުތަކުގެ އޮފިޝަލުންގެ ދަތިކަމެއް މިހާރު ނެތް: ޙަބީބް


  • އޮފިޝަލުން ނެގުމުގައި އިސްކަންދިނީ އެއްވެސް ޕާޓީއެއްގައި ނޫޅުއްވާ ފަރާތްތަކަށް

  • އޮފިޝަލުން ވަކި ސުލޫކީ މިންގަނޑަކަށް ތަބާވާން ޖެހޭނެ

  • އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް އަތޮޅުތަކުގައި ފެށީ މިމަހުގެ 20 ވަނަ ދުވަހު

  • މާލޭގައި ފަށާފައިވަނީ 21 ވަނަ ދުވަހު

އިންތިޚާބީ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުން ހޯދުމުގައި މިހާރު ދަތިކަމެއްނެތްކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ.

އަންނަމަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ހަރަކާތްތެރިވާ އޮފިޝަލުން ތަމްރީންކުރުމުގެ މަސައްކަތް މާލެއާއި އަތޮޅުތަކުގައި މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން އިލެކްޝަން ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ.

ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އީސީގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ އިލެކްޝަނަށް އޮފިޝަލުން ލިބުމުގައި ދަތިތަކެއް ކުރިން ހުރި ނަމަވެސް، މިހާރު އެކަން ހަމައަކަަށް އެޅިފައިވާކަމަށެވެ. އަދި އޮފިޝަލުން ނެގުމުގައި އިސްކަދީފައި ވާނީ އެއްވެސް ސިޔާސީ ހަރަކާތެއް ނުވަތަ އެއްވެސް ސިޔާސީ ޕާޓީއަކަށް ތާޢީދު ނުކުރައްވާ ފަރާތްތަކަށްކަމަށް ޙަބީބް ވިދާޅުވިއެވެ.

ޙަބީބް ވިދާޅުވީ، އިންތިޚާބީ ކަންކަމުގައި އޮފިޝަލުން ހަރަކާތްތެރިވާނީ، ވަކި ގޮތަކަށް ސުލޫކީ މިންގަނޑު ހިފެހެއްޓެވުމަށް އިޤުރާރުވުމަށްފަހުކަމަށެވެ. އަދި އިންތިޚާބެއްގައި އެންމެ މުހިންމު މަސައްކަތްތަކެއް ކުރައްވާނެ ބަޔަކީ، އިންތިޚާބެއްގައި މަސައްކަތްކުރައްވާ އޮފިޝަލުން ކަމަށްވެސް ޙަބީބް ވިދާޅުވިއެވެ. ވުމާއެކު، އެއްވެސް ސިޔާސީ ޕާޓީއަކަށް ތާޢީދު ކުރުމާއި، ކެމްޕޭނު ކުރުމަކީ، އޮފިޝަލުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑާއި ޚިލާފު ކަމެއްކަމަށް ޙަބީބް ފާހަގަކުރެއްވިއެވެ.

"ސިޔާސީ ކަންކަމުގައި އުޅުއްވާ ބޭފުޅުންވެސް، މީހަކު ނުލިބިއްޖެ ޙާލަތެއްގައި، އަޅުގަނޑުމެން ޖެހޭ އޮފިޝަލުން ގޮތުގައި ބޭނުންކުރަން" ޙަބީބް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް 5600 އޮފިޝަލުން ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާނު ކުރައްވާފައެވެ. އެގޮތުން، މިހާތަނަށް 5000 ވުރެ ގިނަ އޮފިޝަލުން، ލިބިފައިވާކަމަށް އެ ކޮމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ރިޔާސީ އިންތިޚާބުގެ އޮފިޝަލުން ތަމްރީނުކުރުމަށް ޓްރެއިނަރުން އުފެއްދުމުގެ މަސައްކަތް، މިދިޔަ ޖުލައިމަހުގެ 15 އިން ފެށިގެން 21 ހަމައަށް ވަނީ އިންތިޚާބީ މައި މަރުކަޒު ދަރުބާރު ގޭގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް، މިމަހުގެ 20 ވަނަ ދުވަހު އަތޮޅުތެރޭ ފަށާފައިވާއިރު، މާލޭގައި އޮފިޝަލުން ތަމްރީނުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ 5 ޤައުމެއްގައި ޖުމްލަ 574 ވޯޓު ފޮށި ބެހެއްޓެވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމަވާފައެވެ. މިއަންނަ ސެޕްޓެންބަރުމަހުގެ 9 ވަނަ ދުވަހު އިންތިޚާބުގެ ވޯޓުލުމުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވާއިރު، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވާނެއެވެ.