ޚަބަރު

ކެންދޫ ބިން ހިއްކާ، ބަނދަރާއި މަގުތައް ޒަމާނީ ފެންވަރަށް ހަދައިދޭނަން: ރައީސް


  • ދެވަނަ ދައުރެއްގައި ކެންދޫ ބިން ހިއްކާ ބޯހިޔާވަހިކަމަށް ފްލެޓް އަޅުއްވައިދެއްވާނެކަމަށް ރައީސް ވިދާޅުވި

  • ރަށުގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވި

  • ބަނދަރު ބޮޑުކޮށް، ރައްޔިތުން ބޭނުންވާގޮތަށް ބީޗެއް ތަރައްޤީކޮށްދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި

ރިޔާސީ ދެވަނަ ދައުރެއް ލިބިއްޖެނަމަ، ބ. ކެންދޫ ބިން ހިއްކާ، އެރަށު ބަނދަރާއި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބ. ކެންދޫއަށް ވަޑައިގެން، ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންފިނަމަ، އެރަށަށް ކޮށްދެއްވާނެ ކަންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.

އެގޮތުން ރައްޔިތުން އެންމެ ބޭނުންވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ގެނެސްދެއްވުމަށް ބިން އިތުރުކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާ، ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް ފްލެޓް އަޅުއްވައިދެއްވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. އަދި ރައްޔިތުން ބޭނުންވާގޮތަށް ބީޗެއް ތަރައްޤީކޮށްދެއްވާނެކަމަށާއި، މިހާރު ފަށާފައިވާ ފަތާފެންގަނޑުގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައި އޮތީ ބޯހިޔާވަހިކަން. ބިން އިތުރުކުރުން. ބިންނެތިގެން ހުރި ދަތިކަން ހައްލުވުން. އިރާދަކުރެއްވިއްޔާ މިރަށުގައި ބިން ހިއްކެން އޮތް ވަރު ބެލުމަށްފަހުގައި ވީހާވެސް ބޮޑެއްކޮށް ބިން ހިއްކުމަށްފަހު މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށްޓަކާ މިރަށުގައި ފްލެޓް ކުރިއަށްއޮތް ދައުރުގެ ތެރޭގައި އަޅުގަނޑުމެން އަޅައިދޭނަން" ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ވަނީ ކެންދޫގެ ބޮޑެތި މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދެއްވާ، ބަނދަރުގެ ޖާގައިގެ ދަތިކަން ޙައްލުކޮށްދިނުމަށް ބަނދަރު ބޮޑުކޮށްދެއްވާނެކަމަށްވެސް ވަޢުދުވެވަޑައިގެންނެވިއެވެ.

ހަމައެހެންމެ ޒުވާނުންގެ ޖަމްޢިއްޔާތައް އެއްފުރާޅެއްގެ ދަށުގައި މަސައްކަތްކުރުމަށް ޢިމާރާތެއް އަޅާ، އެތަނުން އޮފީސް ޖާގަ ޖަމްޢިއްޔާތަކަށް ލިބޭގޮތް ހައްދަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކެންދޫއަކީ މަސްވެރި ރަށެއްކަން ފާހަގަކުރައްވާ، މަސްވެރިކަމުގެ ނަފާ ރަށަށް ލިބޭނެގޮތް ހައްދަވައިދެއްވާ، އަމިއްލަ ފަރާތްތަކުގެ ތެރެއިން މަސް ޕްރޮސެސްކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ލޯނު ދޫކޮށް، އެ މަސައްކަތް ފެށޭނެގޮތްވެސް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.