ޚަބަރު

އިޤްތިޞާދީ ސިޔާސަތު ލޯންޗުކުރުމަށް އެމްޑީޕީގެ ތަފާތު ކެމްޕެއިން ހަރަކާތެއް މާދަމާރޭ


  • މި ހަރަކާތް އޮންނާނީ މާދަމާ ރޭ 8:00 ގައި

  • އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާނެ

  • މި ހަރަކާތުގައި އެމްޑީޕީގެ އިޤްތިޞާދީ ސިޔާސަތު އާއްމުކުރާނެ

އެމްޑީޕީގެ ރިޔާސީ މެނިފެސްޓޯގައި ހިމެނޭ އިޤްތިޞާދީ ސިޔާސަތު ލޯންޗުކުރުމަށް މާދަމާރޭ ތަފާތު ކެމްޕޭން ހަރަކާތެއް ބޭއްވުމަށް އެ ޕާޓީން ހަމަޖައްސައިފިއެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް. ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ބައިވެރިވެވަޑައިގަންނަވާ މި ކެމްޕެއިން ހަރަކާތް އޮންނާނީ މާދަމާ ރޭ 8:00 ގައި މާފަންނު ސޯޝަލް ސެންޓަރުގައެވެ. އެމްޑީޕީން ބުނީ މާދަމާ ބާއްވާ ޙަރަކާތަކީ އެމް.ޑީ.ޕީން އާއްމުކޮށް ބާއްވާ ޖަލްސާތަކާއި މުޅިން ތަފާތު، އާ ކޮންސެޕްޓަކަށް ބާއްވާ އިވެންޓެއްކަމަށެވެ.

އެމް.ޑީ.ޕީއަކީ ހަރުގެ ބައްދަލުވުންތަކާއި، ކަންމަތީ ބައްދަލުވުންތަކާއި، ކެމްޕޭން ޖަގަހަތަކާއި، މިނޫންވެސް ކެމްޕެއިން ކުރުމުގެ ތަފާތު ހަރަކާތްތައް ރާއްޖެއަށް ތަޢާރަފްކުރި ޕާޓީކަން ފާހަގަކުރަމުން އެ ޕާޓީން ބުނީ މާދަމާ ރޭ ބާއްވާ ޙަރަކާތަކީވެސް ރާއްޖޭގެ ސިޔާސީ ހަރަކާތްތަކަށް އެމްޑީޕީއިން އަލަށް ތަޢާރަފްކުރާ ކަންތަކުގެ ލިސްޓަށް އިތުރު ވެގެންދާނެ ނަމްބަރެއްކަމަށެވެ.

މާދަމާރޭ އޮންނަ މި އިވެންޓްގައި އެމްޑީޕީން ކުރިއަށް އޮތް 5 އަހަރަށް ހުށަހަޅާ މެނިފެސްޓޯގެ ފަހު ބައި ކަމަށްވާ އިޤްތިޞާދީ މެނިފެސްޓޯ ހުށަހެޅުން އޮންނާނެއެވެ.

އެމްޑީޕީން މިހާތަނަށް އައިރު ވަނީ މެނިފެސްޓޯގައި ހިމެނޭ ބައެއް ސިޔާސަތުތައް ހާމަކޮށްފައެވެ. އޭގެތެރޭގައި ޒުވާނުންނާއި ގުޅޭ ސިޔާސަތާއި ހެޔޮވެރިކަމާއި އަދި އުފާވެރި ދިރިއުޅުމުގެ ސިޔާސަތު ހާމަކޮށްފައެވެ.