ޚަބަރު

ދައުލަތަށް އާމްދަނީ ހޯދުމަށް ޒަކާތް ނެގުން ޤާނޫނަކުން ލާޒިމްކުރާނަން: ޒަމީލް


  • ދައުލަތަށް އާމްދަނީ ހޯދުމަށް ޒަކާތް ނަގާނެކަމަށް

  • ދަރަނި މެނޭޖުކުރުމަށް ވިސްނުންތަކެއް ހުރިކަމަށް

  • ޒަކާތުން ލިބޭނެ އާމްދަނީގެ އަންދާޒާއެއް އަދި ނެތްކަމަށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެވިއްޖެނަމަ، ދައުލަތުގެ ދަރަނި މެނޭޖުކުރުމަށް ބޭނުންވާ އާމްދަނީ ހޯދުމަށްޓަކައި، ގާނޫނަކުން ޒަކާތް ލާޒިމުކުރައްވާނެކަމަށް ރިޔާސީ އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް އަލްއުސްތާޛް ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ޚާއްޞަކޮށްގެން ޕީއެސްއެމުން ގެނެސްދޭ "ރިޔާސީ ސިޔާސަތު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ޒަމީލް ވަނީ އެމަނިކުފާނުގެ ސަރުކާރެއްގައި ދަރަނި މެނޭޖުކުރެއްވުމަށް ކުރައްވާނެ އެންމެ މުހިންމުކަމަކީ ޒަކާތް ނެގޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކުރެއްވުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ޒަކާތަކީ އިސްލާމް ދީނުގައި ލާޒިމް ކަމެއްކަން ފާހަގަކުރައްވަމުން ޒަމީލް ވިދާޅުވީ ޒަކާތް ދިނުމަށް މިހާރު ރައްޔިތުން މާބޮޑު ސަމާލުކަމެއް ނުދެއްވާކަމަށެވެ. ޒަކާތް ނުދައްކައިގެން މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ވެރިކަމެއްގައި ޤާނޫނަކުން ޒަކާތް ލާޒިލް ކޮށް ޒަކާތް ނުދައްކާ މީހުންނަށް އަދަބު ކަނޑައަޅުއްވާނެކަމަށް ޒަމީލް ވިދާޅުވިއެވެ.


"ޒަކާތަކީ އިސްލާމް ދީނުގައި ފަރުޟަކަށް ވާއިރުގާ، ގާނޫނަކުން މިކަން ތަންފީޒަ ކުރެވިފައި ނެތީމަ ޒަކާތް ނުދައްކާގެން މިހާތަނަށް މިކަމަށް ފިތަވަޅެއް އެޅިފައެއް ނެތް. ފިޔަވަޅެއް ނުވެސް އެޅޭ. އިސްލާމީ ޝަރީއަތް އަޅުގަނޑުމެން އެހާ ސްޓްރިކްޓްކޮށް ގާއިމްކުރާ ގޮތަކަށް ނޫން އަޅުގަނޑުމެންގެ މަޞްރަހު އޮތީކީ." ޒަމީލް ވިދާޅުވިއެވެ.

ޒަމީލް ވަނީ ޒަކާތުން ލިބޭޏެ އާމްދަނީގެ އަންދާޒާއެއް މިވަގުތު ހެދިފައިނުވިނަމަވެސް ޒަކާތް ނެގުމަށް ޤާނޫނަކުން ލާޒިމްކޮށްފިނަމަ ވަރަށް ބޮޑު އާމްދަނިއެއް ދައުލަތަށް ލިބޭނެކަމަށްވެސް ވިދާޅުވެފައެވެ.