ޚަބަރު

ކުދި ވިޔަފާރިއާއި މެދުފަންތީގެ ވިޔަފާރިތައް އިޤްތިޞާދުގެ މައި އެއް ތަނބަށް ހަދާނަން: އިލްޔާސް


  • ރަށްރަށުގެ ރައްޔިތުންގެ އާމްދަނީ އިތުރުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި

  • ޑިމޮކްރެޓްސްގެ 'ފަސޭހަ ވިޔަފާރި' ސިޔާސަތު ތަފްސީލްކޮށްދެއްވި

ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަކީ އިޤްތިޞާދުގެ މައި އެއް ތަނބުކަމަށް ހައްދަވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ. އިލްޔާސް މިހެން ވިދާޅުވީ ދަ ޑިމޮކްރެޓްސްގެ މައްޗަންގޯޅި ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި ޑިމޮކްރެޓްސްގެ މެނިފެސްޓޯ އާއި ވައުދުތައް ރައްޔިތުންނަށް ތަފްސީލްކޮށްދެއްވަމުންނެވެ.

ރާއްޖޭގެ އާމްދަނީގެ ބޮޑުބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ދާއިރާމުގައިވީނަމަވެސް އޭގެ އެންމެ ފުރިހަމަ އާމްދަނީ ރައްޔިތުންނަށް ނުލިބޭކަމަށް އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސް ވިދާޅުވީ، ދަ ޑިމޮކްރެޓްސްގެ މެނިފެސްޓޯގައި އެކުލަވާލެވިފައިވާ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ދަށުން ރައްޔިތުން ހިންގަން ބޭނުންވާ ކުދި ވިޔަފާރިތައް ހިންގުމަށް މާލީ އެހީތެރިކަން ފޯރުކޮއްދޭނެކަމަށެވެ. އެ ވިޔަފާރިތައް ގިނަވުމަކީ ރައްޔިތުންގެ އާމްދަނީ އިތުރުވާނެކަމެއްކަމަށާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ރާއްޖޭގެ އިގްތިޞާދުގެ މައި އެއް ތަނބަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިކުރާ މަސައްކަތަކީ ބައިވަރު ކުދި ވިޔަފާރިތައް، އަމިއްލަ ވިޔަފާރިތައް، ބައިވަރު ފަރާތްތައް އުފައްދާ، އެމީހުންނަގާ ކޮޅަށް ޖަހާ، އެއީ އިގްތިޞާދުގެ މައި އެއް ތަންބު ކަމުގައިވާ، އެއް ސެކްޓަރއަށް ހެދުމަށް. އޭގެ މަންފާ ދިވެހި އާންމު ރައްޔިތުންނަށް ލިބުގެންދާނެ" އިލްޔާސް ވިދާޅުވިއެވެ.

ދަ ޑިމޮކްރެޓްސްގެ "ފަސޭހަ ވިޔަފާރި" ސިޔާސަތުގެ ދަށުން، ކުދި ވިޔަފާރިތައް ހިންގަން ފަސޭހަކުރުމުގެ ގޮތުން އެންމެ ކުދި ވިޔަފާރިތަކުން ޖީއެސްޓީ ދެއްކުން ނިމުމަކަށް ގެންނާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ. އަދި ކުދި ވިޔަފާރިތަކަށް އަންނާނެ ތަރައްޤީއާއި ކުރިއެރުންތަކާއި، ޓޫރިޒަމް އިންވެސްޓަރުން ދައްކަންޖެހޭ ޓީޖީއެސްޓީ 3އަހަރަށް މަޢާފްކޮށްދެއްވުމަށްވެސް އިލްޔާސް ވަޢުދުވެވަޑައިގެންނެވިއެވެ.

އިލްޔާސްގެ ވާހަކަފުޅުގައި ވަނީ ޓެކްސީ ޑްރައިވަރުންނަށް އިތުރު ފުރުޞަތުތަކާއި، ވަސީލަތްތައް ފޯރުކޮއްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި މާލެއިން ރައްރަށަށް ދަތުރުކުރުމުގެ އަގު ހެޔޮކޮށް، ރާއްޖޭގެ އާސަންދަ ނިޒާމަށް ބަދަލުތަކެއް ގެންނަވާނެކަމަށްވެސް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވިއެވެ.