ޚަބަރު

ކެމެރާތަކާއި ޓްރެފިކް ލައިޓް ވިއު ގެއްލޭގޮތަށް ހުރި ކެމްޕެއިން ތަކެތި ނެގުމަށް އަންގައިފި


  • ކެމެރާތަކުގެ ވިއު ގެއްލޭގޮތަށް ތަކެތި ހަރުނުކުރުމަށް އެދުނު

  • މިތަކެތި ނެގުމަށް 24 ގަޑިއިރުގެ މުހުލަތެއް ވަނީ ދީފަ

  • ނުނަގައިފިނަ ފުލުހުން މެދުވެރިކޮށްވެސް ނަގާނެކަމަށް

ސެކިއުރިޓީ ކެމެރާތަކާއި ބްރިޖް ޓްރެފިކް ލައިޓް ވިއު ގެއްލޭގޮތައް ކެމްޕެއިންގެ ތަކެތި ނުދެމުމަށް އިލެކްޝަންސް ކޮމިޝަނުން ކެންޑިޑޭޓުންނަށް އިލްތިމާސްކުރައްވައިފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ފުލުހުން ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެމްޕެއިން މެޓީރިއަލްސް ބަހައްޓަމުން ދަކަން ފާހަގަކުރެވިފައިވާކަމަށެވެ. އެހެންކަމުން އެކަން އެގޮތަށް ނުކުރުމަށް ހަބީބު ވަނީ އެދިވަޑައިގެންފައެވެ. އެގޮތައް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އަންގަވާފައެވެ.


ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނާއެކީގައި އިލެކްޝަންސް ކޮމިޝަނާއި، ފުލުހުން ބައްދަލުކޮށްވެސް އެ ވާހަކަ ފާހަގަކޮށްފައިވާނެކަމަށް ހަބީބް ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ގަވާއިދާ ޚިލާފު ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.

އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދެވިފައިވާ ގޮތުގެމަތީން، ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫންގޮތަކަށް، މަގުތަކުގަޔާއި، ޢިމާރާތްތަކުގައި، ކެމްޕޭން އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް އީސީން ވަނީ އެދިވަޑައިގެންފައެވެ.


މިފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު، ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތްނޫންކަމަށްވެސް އީސީން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރުމަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސްކުރެއްވިއެވެ.