ޚަބަރު

5 އަހަރުގެތެރޭގައި 25،000 ޢާއިލާއަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދޭނަން: އިލްޔާސް


  • ގްރޭޓާ މާލެ އޭރިއާގެ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކުރުން ޕްރޮގްރާމްގައި ހިމެނޭ

  • ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގައި 2 ބައެއް އެކުލެވޭ

  • މަގުތައް ފުޅާކޮށް ޕާކްތައް ތަރައްޤީކުރުން ހިމެނޭ

ފަސް އަހަރުތެރޭގައި 25،000 އާއިލާއަށް ބޯހިޔާވަހިކަން ފޯރުކޮށްދީ، މާލެ ސަރަހައްދުގައި އޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވާނެކަމަށް، ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ. އިލްޔާސް މިކަން ހާމަކުރައްވީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލެ ސަރަހައްދު ތަރައްޤިކުރުމަށް ގެންގުޅުއްވާ "ވެށިފަހި މާލެ" ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ދަ ޑިމޮކްރެޓްސްގެ 'ވެށިފަހި މާލެ' ޕްރޮގްރާމް އިފްތިތާހުކުރުމަށް ރޭ ރާޅުގަނޑު ސަރަޙައްދުގައި ބޭއްވި ޖަލްސާގައި އިލްޔާސް ވަނީ މާލެ ތަރައްޤީކުރުމަށް ގިނަ ޕްލޭންތަކެއް ތަފްސީލްކޮށްދެއްވާފައެވެ. އެގޮތުން އިލްޔާސްގެ ތަސައްވުރުގެ މައިގަނޑު އަސާސްތަކުގެތެރޭގައި މާލޭގެ ތޮށްޖެހުން ކުޑަކޮށ،ް ގްރޭޓަރ މާލެ ސަރަހައްދު ބޯހިޔާވަހިކަމުގެ ދަތިކަން ހައްލުކޮށް، މާލޭގައި ދިރިއުޅޭ ކޮންމެ މީހަކަށް ބޯހިޔާވަހިކަން ކަށަވަރުކޮއްދިނުން ހިމެނެއެވެ.

'ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން 5 އަހަރުތެރޭގައި 25،000 އާއިލާތަކަށް ބޯހިޔާވަހިކަން ހަމަޖެއްސުމާއި، މާލެއިން ބޭރަށް ބަދަލުވާ މީހުންނަށް، ބޯހިޔާވަހިކަމާއި އަދި ސެޓްލްމަންޓް އެލަވަންސް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މާލެ އަތޮޅު ހިއްމަފުއްޓާ ހުރ،ާ އަދި ތުލުސްދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.

'ވެށިފަހި މާލެ' ޕްރޮގްރާމުގައި މާލޭގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމުގެ މަޝްރޫއުގައި 2 ބައެއް ހިމަނާފައިވެއެވެ. ފުރަތަމަ ބައިގައިވަނީ، ސަރުކާރާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބެލުމުގެ ދަށުގައި އޮތް 5 ކޮށްޓެއް ހުސްކޮށް، އެ ބިންތަކުގައި 15 ބުރީގެ ޢިމާރާތްތަކެއް އެލުމަށް ކަނޑައަޅާފައިވެއެވެ. އެ ޢިމާރާތްތަކުގެ 13 ބުރި ހާއްސަ ކުރާނީ 2 އަދި 3 ކޮޓަރީގެ އެޕަޓްމަންޓްތަކަށްކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި 3 ފަންގިފިލާގައި ޖިމާއި ރީޓެއިލް އައުޓްލެޓް ހިދުމަތްތައް ގާއިމުކުރުމަށްވެސް މި ޕްރޮގްރާމްގައި ކަނޑައަޅާފައިވެއެވެ. މި އިމާރާތްތަކަށް ޖުމްލަ 3.9 ބިލިއަން ރުފިޔާ ހޭދަވާނެކަމަށް އަންދާޒާކުރެއެވެ.

މަޝްރޫއުގެ ދެވަނަ ބައިގައި ހިމެނެނީ، ބިން ހުސްކުރެވޭ މުއްދަތުން ފެށިގެން 18 މަސް ދުވަހުގެ ތެރޭގައި ފްލެޓްތައް އިމާރާތްކޮށ،ް ހައްގުވެރި އާއިލާތަކަށް އެތަންތަން ހަވާލުކުރުމަށެވެ. އަދި މާލެ ސަރަހައްދުން ހުސްކުރާ ބިންތަކުގެތެރެއިން 10 ބްލޮކް، ޕާކުތައް ފަދަ ތަންތަން ތަރައްޤީކުރުމަށް ވަނީ ކަނޑައަޅާފައެވެ.

'ވެށިފަހި މާލެ' ޕްރޮގްރާމުގެ ދަށުން މާލޭގެ މަގުތައް ތަރައްގީކޮށް، ފްލެޓްތައް ހިމެނޭ ސަރަހައްދުގެ މަގުފުޅާކުރުމާއި، މާލޭގެ ރަށްވެހި ހިދުމަތްތައް ކުރިއެރުވުންވެސް ހިމެނެއެވެ.