ކުޅިވަރު

އައިއޯއައިޖީ 2023: ރީޔޫނިއަން ބަލިކޮށް ފިރިހެން ބެޑްމިންޓަން ޓީމު ފައިނަލަށް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓް ޓީމު އިވެންޓް ސެމީ ފައިނަލުގައި ރީޔޫނިއަން ބަލިކޮށް ރާއްޖޭގެ ފިރިހެން ޓީމު ފައިނަލަށް ދަތުރުކޮށްފިއެވެ.

މިއަދު ކުޅުނު ސެމީ ފައިނަލް މެޗު ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ 3-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ގޭމުގައި ރާއްޖޭގެ ޒަޔާން ޝަހީދު ޒަކީ ނުކުތީ ރީޔޫނިއަންގެ އާރޮން އަސިންގާ ދެކޮޅަށެވެ. މި މެޗު ޒަޔާން ކާމިޔާބުކުރީ ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ޒަޔާން ގެންދިޔައީ 21-15 އަދި 21-8 އިންނެވެ.

މި މެޗުގެ ދެވަނަ ގޭމުގައި ރާއްޖޭގެ އަޙްމަދު ނިބާލް ވަނީ ރީޔޫނިއަންގެ ލޮރިކް ބާޓިލް އަތުން 2-1 ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-18 އިން ބާޓިލް ގެންދިޔަ ނަމަވެސް، އަނެއް ދެ ސެޓު ނިބާލް ވަނީ 21-14 އަދި 21-10 އިން ކާމިޔާބުކޮށްފައެވެ.

އަދި މި މެޗުގެ ތިންވަނަ ގޭމުގައި ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދު ވަނީ ރީޔޫނިއަންގެ ތިބައޫ ކޯގުއިލް އަތުން ފަސޭހަކަމާއެކު ސީދާ ދެ ސެޓުން މޮޅުވެފައެވެ. އެ މެޗުގެ ސެޓުތައް އަޖުފާން ގެންދިޔައީ 21-12 އަދި 21-15 އިންނެވެ.

މި މޮޅާއެކު ފިރިހެން ބެޑްމިންޓަން ޓީމު ފައިނަލަށް ދަތުރުކުރިއިރު، މާދަމާ ކުޅޭ ފައިނަލުގައި ރާއްޖެ ނުކުންނާނީ މޮރިޝަސްއާ ދެކޮޅަށެވެ. މީގެ ކުރިން 2015 ވަނަ އަހަރު ރީޔޫނިއަންގައި ބޭއްވި އައިއޯއައިޖީގެ ފައިނަލުގައިވެސް ފިރިހެން ބެޑްމިންޓަން ޓީމު ނުކުތީ މޮރިޝަސްއާ ދެކޮޅަށެވެ. އެކަމަކު އެ ފަހަރުގެ ފައިނަލުން ބަލިވުމުން ރާއްޖެއަށް ލިބިފައިވަނީ ރިހި މެޑެއްޔެވެ.