ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުސަތުތަކާގުޅޭ މަޢުލޫމާތު ދީފި


ސްކޫލް ނިންމާ ޢުމުރުގެ ކުދިންނަށް ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން، ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން މަޢުލޫމާތު ދީފިއެވެ.

ބަނޑޮސް އައިލެންޑް ރިސޯޓުގައި ހިންގި އެއްދުވަހުގެ މި ޕްރޮގްރާމްގައި ފަތުރުވެރިކަމުގެ ދާއިރާއަށް، ޚާއްޞަކޮށްގެން ބަނޑޮސް އައިލެންޑް ރިސޯޓުގައި ހުރި އެކިކަހަލަ ވަޒީފާގެ ފުރުޞަތުތަކާ ގުޅޭގޮތުން ކުދިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. 

ސްކޫލް ނިންމާ ޢުމުރުގެ 21 ކުއްޖަކު ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެ ބަނޑޮސް އައިލެންޑް ރިސޯޓުގެ މަޢުލޫމާތު ހޯދާފައެވެ. އެގޮތުން އެ ރިސޯޓުގެ އެކި ދާއިރާތަކުގެ ވަޒީފާގެ މާޙައުލު ބަލާލުމުގެ ފުރުޞަތު އެ ރިސޯޓުންވަނީ މި ޕްރޮގްރާމްގެ ބައިވެރިންނަށް ދީފައިވެއެވެ.

ނޭޝަނަލް ކެރިއަރ ގައިޑެންސް ސެންޓަރުން ކުރިއަށް ގެންދަވާ މި ޕްރޮގްރާމަކީ އެ ސެންޓަރުން ޢާންމުކޮށް ހިންގާ ޙަރަކާތެކެވެ. އެގޮތުން މީގެ ކުރިން މާލޭގެ ބައެއް އޮފީސް އިދާރާތަކާއި ކުންފުނިތަކުގައިވެސް އެ ސެންޓަރުން މި ޕްރޮގްރާމް ކުރިއަށް ދިޔަކަމަށް އެސެންޓަރުން ބުނެއެވެ.