ޚަބަރު

ވޯޓް ކަރުދާސްތައް މާދަމާ ރަށްރަށަށް ފޮނުވަން ފަށަނީ


  • މާދަމާ އުތުރުގެ އަތޮޅުތަކަށް ފޮނުވަން ފަށާނެ

  • ބުދަދުވަހު ދެކުނުގެ އަތޮޅުތަކަށް ފޮނުވަން ފަށާނެ

  • ރަށްރަށަށް ފޮނުވަން ފަށާނީ ސެޕްޓެމްބަރުމަހުގެ 6 ވަަނަ ދުވަހު

އަންނަމަހުގެ 9 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ބޭނުންކުރާ ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް މާދަމާ ފައްޓަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާސްތައް ބަންދުކޮށް ނިމިފައިވާކަމަށާއި، އެންމެ ފުރަތަމަ އެތަކެތި ފޮނުވާނީ އުތުރުގެ އަތޮޅުތަކަށްކަމަށެވެ.

މާދަމާ އުތުރުގެ އަތޮޅުތަކަށް ވޯޓް ކަރުދާސްތައް ފޮނުވުމަށްފަހު، އޭގެއަނެއް ދުވަހު ދެކުނުގެ އަތޮޅުތަކަށް ވޯޓް ކަރުދާސް ފޮނުވުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

ވޯޓް ކަރުދާސްތައް އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ކުރިއަށްގެންދާނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީތެރިކަމާއެކު، އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފުންނެވެ.

ހަބީބް ވިދާޅުވީ މާދަމާ ފޮނުވަން ފަށާ ތަކެތި ފުރަތަމަ ހަވާލުކުރާނީ ސިޓީ ނުވަތަ އަތޮޅު ކައުންސިލުގެ އިދާރާއާކަމަށެވެ. އަދި ރަށްރަށުގެ ކައުންސިލްތަކަށް އެ ތަކެތި ފޮނުވަން ފަށާނީ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުކަމަށްވެސް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވާ ހުރިހާ ތަކެއްޗެއްގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް، ދިވެހި ފުލުހުންގެ ޚިދުމަތާއެކު އެއްބަސްވުމެއް ޤާއިމްކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތަކުގައި، ސިޓީ ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން އަދި ފޯކަލް ޕޮއިންޓުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ދެއްވާކަމަށެވެ.

ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލުމުގެ ހައްގު 282395 މީހަކަށް ލިބިފައިވެއެވެ. މީގެތެރެއިން 27000 އަށްވުރެ ގިނަ މީހުންނަކީ މިފަހަރުގެ އިންތިޚާބުގައި އަލަށް ވޯޓުލާ މީހުންނެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި މިފަހަރު 574 ފޮށި ބަހައްޓާނެއެވެ. މިއީ މިހާތަނަށް އެންމެ ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓާ އިންތިޚާބެވެ. އަދި މިއިންތިޚާބުގެ ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވާނެއެވެ.

8 ކެނޑިޑޭޓުން ވާދަކުރައްވާ މިފަހަރުގެ އިންތިހާބަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނަ ކެނޑިޑޭޓުން ވާދަކުރައްވާ ރިޔާސީ އިންތިހާބެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.

ރިޔާސީ އިންތިހާބުގެ ވޯޓްލުން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރުދުވަހުއެވެ.