ކުޅިވަރު

އައިއޯއައިޖީ 2023: ޓީޓީގެ މިކްސް ޑަބަލްސްއިން ރަފާ އާއި މުންސިފަށް ރަން މެޑަލް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުން ރަން މެޑަލް ރާއްޖޭގެ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިން ހޯދައިފިއެވެ.

ރަފާއާއި މުންސިފް މިއަދު ރަން މެޑަލް ހޯދީ މިކްސް ޑަބަލްސް އިވެންޓްގެ ފައިނަލުގައި މަޑަގަސްކަރައިގެ އެއް ނަންބަރު ޕެއާ ކަމަށްވާ ނެޓިވަލް ޖޮނަތަންއާއި ޑިމްބިމްމިހަރަލަނިޓްރާ ހަރޭނާ ކައިރިން 3-1 ގެ ނަތީޖާއަކުންނެވެ. މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، ފުރަތަމަ ސެޓު މަޑަގަސްކަރަ ޕެއާއިން ވަނީ 9-11 އިން ގެންގޮސްފައެވެ. އެ ސެޓު މަޑަގަސްކަރައިގެ ޕެއާއިން ގެންދިޔަ ނަމަވެސް، ދެވަނަ ސެޓުން ފެށިގެން ރަފާއާއި މުންސިފްވެސް ފެނުނީ ތަފާތު ރޫހެއްގައެވެ.

މެޗުގެ ދެވަނަ ސެޓު ރަފާއާއި މުންސިފް 11-8 އިން ގެންދިޔަ އިރު، އެ ސެޓާއި ފޯމު ރަނގަޅުކޮށް، އަނެއް ދެ ސެޓު ގެންދިޔައީ 11-7 އަދި 11-5 އިންނެވެ.

މިއަދުގެ މިކްސް ޑަބަލްސް އިވެންޓްގައި ރަފާއާއި މުންސިފް ފައިނަލަށް ދިޔައީ ރާއްޖޭގެ ފާތިމަތު ދީމާ އަލީއާއި މުހައްމަދު ޝައްފާން އިސްމާއިލް ބަލިކޮށްފައެވެ. އެ މެޗު ފޯރިގަދަކޮށް ފެނިގެން ގޮސްފައިވާ އިރު، އެ މެޗު ރަފާއާއި މުންސިފް ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އެ މެޗުން ބަލިވި ނަމަވެސް ދީމާއާއި ޝައްފާން ބްރޯންޒް މެޑަލް މެޗަށް ނުކުމެ، މަޑަގަސްކަރައިގެ ރަންޑްރިއަންޓޮއާންޑްރޯ މެހްފާއާއި ރަހަރިޖާނޯ ސަންޓަރިނިއައައިނާ ސީދާ ތިން ސެޓުން ބަލިކުރިއެވެ. ދީމާއާއި ޝައްފާން ސެޓުތައް ގެންދިޔައީ 11-5، 11-8 އަދި 11-7 ގެ ނަތީޖާއަކުންނެވެ.

މިއީ ޓީޓީގެ މިކްސް ޑަބަލްސް ބައިން ރާއްޖޭގެ ކުޅުންތެރިން ހޯދި ފުރަތަމަ މެޑަލްތަކެވެ.