ކުޅިވަރު

އައިއޯއައިޖީ 2023: ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމަށްވެސް ލޯ މެޑަލް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖޭގެ ބާސްކެޓްބޯޅަ ތުރީ އޮން ތުރީ ދެ ޓީމުންވެސް ލޯ މެޑަލް ހޯދައިފިއެވެ.

ދެ ޓީމުންވެސް ވަނީ ތިންވަނަ ހޮވި މެޗުން ރަނގަޅު ކާމިޔާބެއް ހޯދައިފައެވެ.

މިއީ އައިއޯއައިޖީގައި ތުރީ އޮން ތުރީ ބާސްކެޓްބޯޅަ ޓީމުން ވާދަކުރި ފުރަތަމަ ފަހަރެވެ. އެހެންކަމުން، މިއީ ރާއްޖޭގެ ބާސްކެޓްބޯޅަ އަށް ތާރީހީ ކާމިޔާބެކެވެ. ތުރީ އޮން ތުރީ އަންހެން ޓީމުގައި ހިމެނެނީ އީހައު ޝަމީމް، އިފާ އާތިފް، ކައިލީން ޝިރްހާން އަދި ޒުހާ އަޝްރަފް އަލީ އެވެ.

ފިރިހެން ޓީމުގައި ހިމެނެނީ އިސްމާއިލް ވިލްދާން، އަބްދުﷲ އަމްޒަރު، މުހައްމަދު ހުވައިލިދު (ހުވޭ) އަދި ޒަކަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އެވެ.

ރާއްޖޭގެ އަންހެން ތުރީ އޮން ތުރީ ޓީމުން ސެމީ ފައިނަލުގައި ރީޔޫނިއަން އަތުން ވަނީ 06-18 އިން ބަލިވެފަ އެވެ. މި މެޗުގައި ރީޔޫނިއަން އިން ވަނީ އެ ޓީމުގެ ފިޒިކަލް ވަރުގަދަކަމުގެ ބޭނުން ރަނގަޅަށް ހިފައިފަ އެވެ. އަދި ރާއްޖޭގެ ގޭމް ހަލާކުކޮށްލައިގެން ޕޮއިންޓް އެއްކުރުމުގައި ރީޔޫނިއަން އިން ދެއްކި ތަފާތާ އެކު އެ ޓީމުން މި މެޗު ކާމިޔާބުކުރީ އެވެ.

ތިން ވަނަ ހޮވާ މެޗުގައި އަންހެން ޓީމު ކުޅެން ޖެހުނީ މަޔޯޓްއާ އެވެ. އެ ޓީމު އަތުން ފަހު ވަގުތާ ހަމައަށް ޖެހެންދެން ހިތްވަރުކޮށްގެން މޮޅުވެފައިވަނީ 19-15 އިންނެވެ. މި މެޗުގައި ދެ ޓީމުން ވެސް ލީޑު ނަގަމުންދިޔަ އެވެ. އަދި ޕްރެޝަރު ވަގުތުތަކުގައި ދެ ޓީމަށް ވެސް ގޯސްތަކެއް ހެދި އަތުގައި އޮތް ލީޑު ވަނީ ގެއްލިފަ އެވެ. އެކަމަކު، ސެޓުގެ ފަހު ކޮޅުގައި ރާއްޖޭގެ ކުޅުންތެރިން ކުޅުން ރަނގަޅުކޮށް، ސްކޯ ކުރި މުހިންމު ޕޮއިންޓްތަކާ އެކު މޮޅުވީ އެވެ. އެ ގޮތުން އެ ވަގުތުތަކުގައި ރާއްޖެ ޓީމުގެ ކައިލީން ވަނީ ރަނގަޅު ސްކޯތަކެއް ކޮށްފަ އެވެ.

ފިރިހެން ޓީމުން މިއަދު ވަނީ ފުރަތަމަ ކުޅުނު ކުއާޓާ ފައިނަލް މެޗުން 20-18 އިން ރީޔޫނިއަން އަތުން މޮޅުވެފަ އެވެ. އެކަމަކު، ސެމީ ފައިނަލުގައި މަޔޯޓް އަތުން 21-16 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު، ތިން ވަނަ ހޮވާ މެޗަށް ރަނގަޅު ރޫހެއްގައި ނުކުމެ، 14-13 އިން މޮރިޝަސް އަތުން މޮޅުވެ، ރިހި މެޑަލް ހާސިލްކުރީ އެވެ. ތިން ވަނަ ހޮވާ މެޗުގައި ރާއްޖެ ޓީމުން ވަނީ ޒަކިއްޓެ އާއި ހުވޭގެ ތަޖުރިބާގެ ބޭނުންހިފައި، މުހިންމު ވަގުތުތަކުގައި ތަފާތު ދައްކައިފަ އެވެ.

ބާސްކެޓްބޯޅަ ޓީމުގެ ކާމިޔާބީ ރާއްޖޭގެ ކޮންޓިންޖެންޓްގައި ހިމެނޭ ގިނަ ފަރާތްތަކެއް އެކުވެގެން ވަނީ ފާހަގަކޮށްފަ އެވެ.

ރާއްޖޭން މިހާތަނަށް ވަނީ މި ފަހަރުގެ އައިއޯއައިޖީގައި 13 މެޑަލް ޔަގީންކޮށްފަ އެވެ. އެއީ ޓައެކްވަންޑޯ އިން ހޯދި ދެ ރިހި މެޑަލާއި ތިން ލޯ މެޑަލް، ޓޭބަލް ޓެނިހުން ހޯދި ދެ ރަން މެޑަލާއި އެއް ރިހި މެޑަލް އަދި ލޯ މެޑަލް، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ އިިން ހޯދި ދެ ލޯ މެޑަލްގެ އިތުރުން އަންހެން ބެޑްމިންޓަން ޓީމު ހޯދި ރިހި މެެޑަލާއި މާދަމާ ފިރިހެން ބެޑްމިންޓަން ޓީމުން ފައިނަލުގައި ކުޅެގެން ލިބޭ މެޑަލް އެވެ.