ޚަބަރު

ވިލިނގިލީގެ ބިން ހިއްކައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރާނަން: މުޢިއްޒު


  • ބިން ހިއްކައި ގޯތިދީ އިޤްތިޞާދު ފުޅާކުރާނެކަމަށް

  • ކޫއްޑޫ އެއަރޕޯޓް ޓްރެއިނިން އެއަރޕޯޓަކަށް ހަދާނެކަމަށް

  • އެރަށުގައި އިންޓަރނޭޝަލް އެއަރޕޯޓެއް ތަރައްޤީކޮށް ޓޫރިޒަމް ފުޅަކުރާނެކަމަށް

  • ހުވަދޫގައި 10000 ޓުއަރިސްޓް އެނދު ތަރައްޤީކުރާނެކަމަށް

ގއ.ވިލިނގިލީގެ ބިން ހިއްކައި، އިންޓަނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުއެއްޖެއެވެ. މުޢިއްޒު މިހެން ވިދާޅުވީ ވިލިނގިލީގައި ބޭއްވި ކެމްޕެއިން ޖަލްސާގައެވެ.

މުޢިއްޒު ވިދާޅުވީ ދެކުނަށް ބޮޑު ތަޞައްވުރެއް އޮތްކަމަށާއި، ވިލިނގިލީގެ ތަރައްޤީއަށް ކުރަންޖެހޭ ބައިވަރު ކަންކަން އެބަހުރިކަމަށެވެ. އެގޮތުން' ވިލިނގިލީގައި ހިންގާނެ އެންމެ ބިޔަ އެއް މަޝްރޫޢުއަކީ އެރަށުގެ ބިން ހިއްކައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރެއްވުންކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެ އެއަރޕޯޓް ތަރައްޤީކުރައްވާނީ އެއަތޮޅު ކޫއްޑު އެއާޕޯޓް ޓްރޭނިން އެއާޕޯޓަކަށް ބަދަލުކޮށް، ރަނގަޅު ފެންވަރުގެ ޚިދުމަތްތަކާއިއެކު ގިނަ ވަޒީފާތަކެއް އުފެދޭ ގޮތަކަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ އިންޓަރނޭޝަނަލް އެއަރޕޯޓާއެކު އެ އަތޮޅުގައި ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރައްވާނެކަމަށާއި، 10،000 އެނދު އެއަތޮޅަށް އަންނާނެކަމަށެވެ.

"ކޫއްޑޫ އެއަރޕޯޓް އޭރުން ބޭނުންކުރާނީ ޓްރެއިނިން އެއަރޕޯޓެއްގެ ގޮތުގައި. މައި އެއަރޕޯޓަކަށް ވާނީ ވިލިނގިލީގަ ތަރައްޤީކުރާ އިންޓަނޭޝަނަލް އެއަރޕޯޓް. އަޅުގަނޑު ހަމަ ޔަގީންކަމާއިއެކީ މިދަންނަވަނީ އިރާދަ ކުރެއްވިޔާ އެކަން ކޮށްދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ވިލިނގިލިން ހިއްކާ ސަރަޙައްދުގައި އިންޓަގްރޭޓެޑް ޓުއަރިޒަމް މަޝްރޫޢުއެއްވެސް ހިންގާނެކަމަށެވެ. އަދި އެ ބިމުން ބޯހިޔާވަހިކަމާއި އިޤްތިޞާދީ ބޭޏުންތަކަށްވެސް ބިން ދޫކުރައްވާނެކަމަށެވެ. ޢަދި އާބާދީ އިތުރުކުރުމާއި އެއްފަސްކުރުމުގެ ވިސްނުމުގެދަށުން އެހެން ރަށްރަށުގެ މީހުންނަށްވެސް ބިން ދޫކުރާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން މުޢިއްޒު ވަނީ ކޫއްޑޫގައި ހިންގާ މިފްކޯގެ މަސްފެކްޓްރީގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ ދެގުނަ އިތުރުކޮށްދެއްވަވާނެކަމަށް ވިދާޅުވެފައެވެ. އަދި ވިލިނގިލީ ހޮސްޕިޓަލް އިތުރަށް ތަރައްޤީކޮށް، އެރަށުގައި ޔުނިވަސިޓީގެ ކެމްޕަހެއް ގާއިމްކޮށްދެއްވުމަށްވެސް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވަޢުދުވެވަޑައިގެންފައެވެ.