ކުޅިވަރު

އައިއޯއައިޖީ 2023: ޕެރަ އިވެންޓުން ފާތުން އާއި ރައްޒާގަށް ލޯ މެޑަލް


މަޑަގަސްކަރައިގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ޕެރަ އެތުލެޓިކްސް އިވެންޓުގައި ވާދަކުރި ރާއްޖޭގެ ދެ ބައިވެރިން ކަމަށްވާ ފާތިމަތު އިބްރާހީމް (ފާތުން) އާއި އަބްދުލްރައްޒާގު އަބްދުއްސަމަދު، ލޯ މެޑަލް ހޯދައިފިއެވެ.

ލޯފަން ކުދިންނަށް ހާއްސަ އިވެންޓުގައި ރާއްޖޭގެ ފާތުން އާއި ރައްޒާގު ވާދަކުރީ 100 މީޓަރު ދުވުމުގަ އެވެ. އެ ގޮތުން މިއަދު ކުރިއަށްދިޔަ އަންހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ފާތުން ބްރޯންޒް މެޑަލް ހޯދީ 17.34 ސިކުންތުން ރޭސް ނިންމައިގެންނެވެ.

ފާތުން މިއަދު ހަވީރު ކުރިއަށްދިޔަ ފައިނަށް ކޮލިފައިވީ މިއަދު ހެނދުނު ކުރިއަށްދިޔަ ހީޓުގައި ވާދަކޮށް ދެ ވަނަ ހޯދައިގެންނެވެ. ފާތުންއާ އެކު އޭނާގެ އެހީތެރި ދުވުންތެރިޔާގެ ގޮތުގައި ބައިވެރިވަނީ ފާތިމަތު ޝަމްހާ އެވެ.

ފިރިހެނުންގެ 100 މީޓަރު ދުވުމުގައި ވާދަކޮށް ރައްޒާގު ރޭސް ނިމްމީ 13.74 ސިކުންތުން ރޭސް ނިންމައިގެންނެވެ. އަރުތަ ޕްރޮގްރާމްގައި ހިމެނިގެން ތަމްރީން ހަދަމުން އަންނަ ރައްޒާގު މިއަދު ރޭސް ނިންމީ ގައުމީ ރެކޯޑު ޓައިމިން އަކާއެކުގަ އެވެ. އެއީ މީގެ ކުރިން 2019ގެ އައިއޯއައިޖީގައި ދުވި މާޒިން އަށް ވުރެ 7 ސިކުންތު އަވަސް ޓައިމިން އެކެވެ. އޭގެ އިތުރުން، 2019ގެ އައިއޯއައިޖީގައި މާޒިން ވަނީ 20.52 ސިކުންތުން ދުވެ މެޑަލް ހޯދައިފަ އެވެ.

ރައްޒާގުގެ ގައިޑް ރަނާގެ ގޮތުގައި މި އިވެންޓުގައި ދުވީ އާތިފް އިބްރާހިމް އެވެ.