ޚަބަރު

ފަށްކަނޑަން ކައިވެނިކުރި ދެމީހަކު 5000 ރުފިޔާ އިން ޖޫރިމަނާކޮށްފި


  • 2 މީހެއްގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ

  • ކުށުގެ އަދަބުގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާކުރި

  • ފަށް ކެނޑުމަށް ކައިވެނިކުރުމަކީ ހުއްދަކަމެއްނޫން

  • ކޯޓުން ކުރިންވެސް މިފަދަ މައްސަލަތަކުގަ އަދަބު ކަނޑައެޅި

ރާއްޖޭގައި ފަށް ކަނޑަން މީހަކާ އިންކަމުގެ ކުށުގައި ދެ މީހަކު ފެމެލީ ކޯޓުން ޖޫރިމަނާކޮށްފިއެވެ.

ފަށްކެނޑުމަށް ކައިވެނިކުރި ދެމީހަކު ޖޫރިމަނާކުރީ ފެމެލީ ކޯޓުގެ އާއިލާއާ ބެހޭ ޤާނޫނުގެ 66 ވަނަ މާއްދާގެ ދަށުން ބަލަންޖެހޭ ކަންކަމަށް ބެލުމަށްފަހުގައެވެ. ކޯޓަށް ހުށައެޅުނު ގަޟިއްޔާގައި ހިމެނޭ ދެމީހުންގެ މައްޗަށް ފަށްކަނޑަން މީހަކާ އިންކަމުގެ ތުހުމަތު ސާބިތުވެއެވެ. ފެމެލީ ކޯޓުންވަނީ މި ދެމީހުން 5000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

ފެމިލީ ކޯޓުން ވިދާޅުވީ ފަށްކެނޑުމަށް ކައިވެނިކުރި ކަމުގެ ކުށް ދެމީހުންގެ މައްޗަަށް ސާބިތުކުރުމުގައި ޝަރީއަތުން ކާވެނީގެ ޢަޤްދުވުމުގެ ކުރިންނާއި އޭގެފަހުން ދެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށާއި، ކާވެނީގެ ޢަޤްދުގެ މަތީގައި ހޭދަކޮށްފައިވާ ވަގުތަށާއި، ވަރިކުރި ކަމަށް ބުނެފައިވާ ސަބަބުގެ އިތުރުން، ދެމީހުން ރާވައިގެން ވަރިކުރުމުގެ އިންތިޒާމު ދުރާލައި ހަމަޖެއްސުމުގެ ގޮތުން ކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރިކަމަށެވެ.

ކޯޓުން ވިދާޅުވިގޮތުގައި އަދަބު ކަނޑައެޅީ ފަށް ކެނޑުމަށްޓަކައި ކައިވެނި ރޫޅާލުމަށް ދެފަރާތުން ދުރާލާ ރާވައިގެން ކައިވެނި ކޮށްފައިވާކަން ކޯޓަށް ޔަޤީންވާތީއެވެ. އަދި މީގެ ކުރިންވެސް މިިފަދަ ޙާލަތްތަކުގައި އަދަބު ކަނޑައަޅާފައިވާނެ ކަމަށް ފެމިލީ ކޯޓުން ފާހަގަކުރެއްވިއެވެ.

ފަށްކެނޑުމަށް ކައިވެނި ކުރާ ވާހަކައަކީ ރާއްޖޭގައި މަދުން ނަމަވެސް އިވޭ އަޑެކެވެ. ނަމަވެސް މިއީ އިސްލާމްދީނުގައި އެއްގޮތަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. މި ސަަބަބަށްޓަކައި ފަށްކެނޑުން ހިމެނެނީ ކުށުގެ ތެރޭގައެވެ. ޚާއްސަކޮށް ރާއްޖެއަކީ އިސްލާމީ ޤައުމަކަށް ވީހިނދު މިފަދަ ކުށްތައް މަދުކުރުމަށް ހުރިހާ ފަރުދުންވެސް މަސައްކަތް ކުރަންޖެހެއެވެ.