ޚަބަރު

ތިނަދޫ ސިޓީއަކަށް، ރައީސްގެ މަރުޙަބާ


  • ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން ރައީސް އިއުލާންކުރެއްވީ އެމްޑީޕީ ޖަލްސާގައި

  • އެކަމުގެ ގަރާރުގައި މިއަދު ސޮއިކުރައްވާފައިވާކަމަށް

  • ރައީށް ވަނީ އެރަށުގެ ތަރައްޤީއަށް ގިނަ މަޝްރޫޢުތަކެއް އިއުލާންކުރައްވާފަ

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވައި އެކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާންކުރައްވައިފިއެވެ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާ އެކަން އިއުލާންކުރެއްވީ އެރަށުގައި ބޭއްވި ޖަލްސާގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ތިނަދޫއަށް ވަޑައިގަތުމުގެ ކުރިން ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަމުގެ ޤަރާރުގައި މާލޭގައި ސޮއިކުރައްވާފައިވާކަމަށެވެ. ރައީސް ވިދާޅުވީ ތިނަދޫ ސިޓީއަކަށް ބަދަލުކުރެއްވީ، ސިޓީއެއްގެ ދަރަޖަ ދެއްވުމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަޒުރުކަޒީ އިދާރާތައް ހިންގުމުގެ ޤާނޫނުގައި ބަޔާންކުރާ ހުރިހާ ޝަރުތެއް ހަމަވެފައިވާކަމަށް ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އެންގެވުމުންކަމަށެވެ.

ރައީސް ވިދާޅުވީ ތިނަދޫ ސިޓީއާއެކު އެސިޓީޢަށް ހެޔޮ ބަދަލެއް އަންނާނެކަމަށެވެ. އަދި ތަރައްޤީގެ ބިޔަ މަޝްރޫޢުތައް ކުރިއަށް ގެންދަވާނެކަމަށެވެ. އެގޮތުން އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ޓާޝަރީ ހޮސްޕިޓަލެއް އެރަށުގައިޤާއިމްކުރުމެވެ. ޓާޝަރީ ހޮސްޕިޓަލް އެޅުމުގެ އެއްބަސްވުމުގައި ސޮއިކުރައްވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ އެއީ އަލަށް ޢިމާރާތްކުރާ ހޮސްޕިޓަލެއްކަމަށާއި، ޓާޝަރީ އައު ހޮސްޕިޓަލާއެކު، މިހާރު ބޭނުންކުރާ ހޮސްޕިޓަލަކީ ސިއްޙީ ދާއިރާއިން މަތީ ތަޢުލީމަށް ޚާއްޞަ ޔުނިވާސިޓީ ކެމްޕަހަކަށް ބަދަލުކުރައްވާނެކަމަށެވެ.

ރައީސް ވިދާޅުވީ، ސިނާޢީ ގޮތުންވެސް ބޮޑު ބަދަލެއް ތިނަދޫ ސިޓީއަށް އަންނާނެކަަމަށެވެ. އެގޮތުން އެރަށުގައި ބައިނަލްއަޤްވާމީ ވިޔަފާރި ބަނދަރެއްގެ މަސައްކަތް ކުރިއަށްގެންގޮސް ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫޢު ނިންމަވާނެކަމަށެވެ. މިއާއެކު އެ ބަނދަރަށް ބޭރުގެ ބޯޓުފަހަރުތައް އައިސް ތިނަދޫއަށް މުދާ ބޭލޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެރަށުގައި ކަސްޓަމްސްއާއި އިމިގްރޭޝަން އަދި އެމްޕީއެލްގެ ޚިދުމަތްފަދަ ގިނަ މުއައްސަސާތަކެއް ޤާއިމްކޮށް އެތައް ސަތޭކަ ވަޒީފާގެ ފުރުޞަތުތަކެއް އުފެދިގެން އަންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ އެސަރަހައްދުގައި މަސްވެރިކަމުގެ ސިނާއަތްވެސް ކުރިއެރުވުމަށް ޚާއްޞަ ޕްލޭނެއް އެބައޮތްކަން ހާމަކުރައްވާފައެވެ. އެގޮތުން 1000 ޓަނުގެ ކޯލްޑް ސްޓޯރޭޖަކާއި، 120 ޓަނުގެ ފްރީޒިން ފެސިލިޓީއެއް ޤާއިމްކުރައްވާނެކަމަށްވެސް ވިދާޅުވެފައެވެ. މީގެ އިތުރުން އެރަށުގެ ބިން އިތުރަށް ހިއްކައި ޓޫރިޒަމް ޒޯންހަދައި ފަތުރުވެރިކަން ފުޅާކޮށް، ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން 500 ފްލެޓް ތިނަދޫގައި އަޅައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ތިނަދޫގައި މަގު ހެދުމަށް ކުރިއަށް ގެންދާ މަޝްރޫޢު މެދު ނުކެނޑި ކުރިއަށްގެންގޮސް އެރަށުގެ ހުރިހާ މަގެއް ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށެވެ. އަދި ދަތުރު ދިއުމަށް އެރަށުގައި ޕިކްނިކް ދާނެ ސަރަޙައްދެއް ތަރައްޤީކޮށް ކާޑެއްދޫ އެއަރޕޯޓް ބައިނަލްއަޤްވާމީ އެއަރޕޯޓަކަށް ތަރައްޤީކޮށްދެއްވާނެކަމަށެވެ.

ރައީސް ވިދާޅުވީ މި ހުރިހާ މަޝްރޫޢުތަކާއެކު މުޅި ތިނަދޫގެ ތަސައްވުރު ބަދަލުކޮށްލާނެކަމަށެވެ.

ތިނަދޫސިޓީއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 5 އަކަށް ބަދަލުވެގެންދިޔައީއެވެ.