ކުޅިވަރު

އައިއޯއައިޖީ 2023: ހިމްނާ، ޒިވާ އަދި ލަޔާނާ 400 މީޓަރުގެ ފައިނަލަށް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސްގެ އަންހެނުން 400 މީޓަރު ދުވުމުގެ ފައިނަލުން އައިޝަތު ހިމްނާ ހަސަން، ޒިވާ މޫސާ ޝަފީއު އަދި އާމިނަތު ލަޔާނާ މުޙައްމަދު ޖާގަ ހޯދައިފިއެވެ.

އައިއޯއައިޖީގެ 400 މީޓަރު ދުވުމުގެ ފައިނަލުން ހިމްނާ އާއި ޒިވާ ޖާގަ ހޯދީ ދެ އެތުލީޓުން ދުވި ހީޓުގެ ގަދަ ތިން ދުވުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. އަދި ލަޔާނާއަށް ފައިނަލުން ފުރުސަތު ލިބުނީ ބާކީ ތިބި ބައިވެރިންގެ ޓައިމިންއަށް ބަލާއިރު އެންމެ ރަނގަޅު ނަތީޖާ ހޯދި ދެ އެތުލީޓުންގެ ތެރޭގައި ހިމެނިގެންނެވެ.

މިއަދު ކުރިއަށްދިޔަ ދެ ހީޓުގެ ތެރެއިން ދެވަނަ ހީޓުގެ އެއްވަނަ ހޯދީ ހިމްނާ އެވެ. ހިމްނާގެ ޓައިމިންއަކީ 56.90 ސިކުންތެވެ. ދެ ހީޓަށް އެއްކޮށް ބަލާއިރު ހިމްނާގެ ޓައިމިން އަކީ ދެވަނަ އެވެ.

އަދި ހިމްނާ އާއި އެއް ހީޓެއްގައި ވާދަކޮށް ލަޔާނާ ދިޔައީ ފަސްވަނަ އަށެވެ. އޭނާގެ ޓައިމިން އަކީ 58.51 ސިކުންތެވެ. ހީޓު އެކެއްގެ ތިންވަނަ އުއްމީދީ ދުވުންތެރިޔާ ޒިވާ ހޯދީ 60.30 ސިކުންތުން ރޭސް ނިންމައިގެންނެވެ.

400 މީޓަރު ދުވުމުގެ ފައިނަލުގައި މާދާމާ ރާއްޖޭގެ ތިން ދުވުންތެރިންގެ އިތުރުން ދެން ވާދަކުރާނީ މަޑަގަސްކަރައިގެ ތިން ދުވުންތެރިންގެ އިތުރުން ރިޔޫނިއަންގެ ދެ ދުވުންތެރިންނެވެ.