ޚަބަރު

ހުރިހާ ސޯޝަލް ހައުސިންގއެއްގެ ކުލި މަޢާފްކޮށްދޭނަން: ޤާސިމް


  • މީގެ ކުރިން ދޫކޮށްފައިވާ ހުރިހާ ފްލެޓެއްގެ ކުލި މަޢާފްކޮށްދޭނެކަމަށް

  • ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ އެންމެނަށް ބޯހިޔާވަހިކަން ދެއްވާނެކަމަށް

ކުރީގެ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެއްކޮށް މަޢާފްކޮށްދެއްވާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޤާސިމްގެ ބޯހިޔާވަހިކަމުގެ ސިޔާސަތާއި ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގެ، ކޮންމެ ބިމެއް އެއްވެސް ސަރުކާރަކުން ރައްޔިތުންނަށް ހިލޭ ދޫކުރެވެން އޮތް ނަމަ އެބިންތައް ރައްޔިތުންނަށް ހިލޭ ދިނުމަށް ދުވަހަކުވެސް ދެކޮޅު ނަހަދާނެކަމަށެވެ. ނަމަވެސް ދިވެހިދައުލަތުގައި އޮތް ރައްޔިތުންގެ ފައިސާ އިން ހިއްކާފައިވާ އެންމެ އަގުބޮޑު ބިންތައް ވަކި ބަޔަކަށް ދިނުމަކީ، އެ ހައްޤުން އެއްބައި ރައްޔިތުން މަޙްރޫމުވުންކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ އެފަދަ ބިންތަކުގައި ޢިމާރްކޮށްފައިވާ އިޖްތިމާޢީ ބޯ ހިޔާވަހިކަމުގެ ފްލެޓް ތަކުން 20 ނުވަތަ 25 އަހަރުން 2.5 މިލިއަން ރުފިޔާ ރައްޔިތުންގެ ތެރެއިން ގޯތި ގެދޮރުގެ ދަތިކަން އެންމެ ބޮޑު، އެންމެ ހާލުގައި ދިރިއުޅޭ މީހުންގެ އަތުން ނެގުމަކީ އިންސާފެއްނޫންކަމަށެވެ.

އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ކުރީގެ ހުރިހާ ސަރުކާރުތަކުން ރައްޔިތުންނަށް ދޫކޮށްފައިވާ އިޖްތިމާޢީ ފްލެޓުތަކުގެ ކުލި އެއްކޮށް މަޢާފްކޮށްދެއްވާނެކަމަށް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.

ޤާސިމްގެ މެނިފެސްޓޯގައި ވަނީ ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ތިރީސް ހާސް ފްލެޓް އަޅުއްވައި، ބޯހިޔާވަހިކަމަށް ޖެހިފާ ހުރިހާ ރައްޔިތުންނަށް ބޯހިޔާ ވަހިކަން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ. އޭގެތެރެއިން ބޮޑު ބައެއް ޚާއްޞަކުރައްވާނީ އަލަށް ބޯހިޔާވަހިކަން ބޭނުންވާ ނުވަތަ އަލަތު ކައިވެންޏަށްފަހު ދިރިއުޅުން ފަށާ ޒުވާނުންނަށްކަމަށްވެސް ޤާސިމްގެ ސިޔާސަތުގައި ކަނޑައަޅުއްވާފައިވެއެވެ. ޤާސިމް ވަނީ ސިފައިންނާއި ފުލުހުންނަށް އެމީހަކު ދިރިއުޅޭ ތަނަކުން ބޯހިޔާވަހިކަން ފޯރުކޮށްދެއްވުމަށް ވަޢުދުވެވަޑައިގެންފައެވެ. އަދި ސިފައިންގެ ބަނޑޭރި ކޮށީގައި ސިފައިންނަށް ޚާއްޞަ 15 ފަންގިފިލާގެ ޢިމާރާތެއް އަޅުއްވާނެކަމަށްވެސް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމް ވަނީ ވިދާޅުވެފައެވެ.