ކުޅިވަރު

އައިއޯއައިޖީ 2023: ރާއްޖޭގެ ގިނަ ކުޅުންތެރިން ކުއާޓާ ފައިނަލަށް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ ބެޑްމިންޓަން އިވެންޓުގެ ގަދަ 16 ބުރުގެ މެޗުތަކުން މޮޅުވެ ކުއާޓާ ފައިނަލަށް ރާއްޖޭގެ ގިނަ ކުޅުންތެރިން ދަތުރުކޮށްފިއެވެ.

މިއަދު ހެނދުނު އެންމެ ފުރަތަމަ ކުރިއަށްދިޔައީ ސިންގަލްސް ބައިގެ ގަދަ 16 ބުރުގެ މެޗުތަކެވެ. އެގޮތުން މި ބުރުގެ މެޗުތަކުން މޮޅުވެ ރާއްޖޭގެ ހުސައިން ޒަޔާން ޝަހީދު ޒަކީ، ފާތިމަތު ނަބާހާ، އައިޝަތު އަފްނާން ރަޝީދު، އަޙްމަދު ނިބާލް އަދި އާމިނަތު ނަބީހާ ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ.

ގަދަ 16 ބުރުގެެ މެޗުން ޒަޔާން މޮޅުވީ މަޑަގަސްކަރައިގެ ޖޫލިއޯއާ ވާދަކޮށް ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-17 އަދި 21-12 އިންނެވެ. އަދި ނަބާހާ މޮޅުވީ މޮރިޝަސްގެ ޓިޔާ އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-13 އަދި 21-8 އިންނެވެ.

ގަދަ 16 ބުރުން ރާއްޖޭގެ އަފްނާން މޮޅުވީ ސީޝެލްސްގެ ޖީންއާ ވާދަކޮށް ފަސޭހަކަމާއެކު ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް އަފްނާން ގެންދިޔައީ 21-4 އަދި 21-3 އިންނެވެ. އަދި ރާއްޖޭގެ ނިބާލް ވަނީ ރީޔޫނިއަންގެ ލޮރިކް އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-9 އިންނެވެ.

ސިންގަލްސް ބައިގެ ގަދަ 16 ބުރުން ނަބީހާ މޮޅުވެފައިވަނީ މޮރިޝަސްގެ ލަޔާނާ އަތުން ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-15 އަދި 21-9 އިންނެވެ. އެކަމަކު މި ބައިގެ ގަދަ 16 ބުރުން ރާއްޖޭގެ މުޙައްމަދު ތޯއިފް އަޙްމަދާއި، މުޙައްމަދު އަޖުފާން ރަޝީދު އަދި އައިމިނަތު ޝަހުރުނާޒް މޫސާ ވަނީ ބަލިވެފައެވެ.

މީގެ އިތުރުން މިއަދު ކުރިއަށްދިޔަ ފިރިހެން ޑަމަސްލް ބައިގެ ގަދަ 16 ބުރުން ރާއްޖޭގެ ޒަޔާން އާއި ތޯއިފްގެ ޕެއާ ވަނީ މޮރިޝަސްގެ ޖޫލިއެން އާއި އަލެކްސްގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 21-18 އަދި 21-16 އިންނެވެ.

މިއަދު މެންދުރުފަހު ކުޅުނު މިކްސް ޑަބަލްސް ބައިގެ ގަދަ 16 ބުރުން މޮޅުވެ ރާއްޖޭގެ ތިން ޕެއާއެއް ވަނީ ކުއާޓާއަށް ދަތުރުކޮށްފައެވެ. އެގޮތުން ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ ފޯރިގަދަ މެޗަކަށްފަހު މޮރިޝަސްގެ އަލެކްސް އަދި ކޮބިޓާގެ ޕެއާ އަތުން 2-1 ސެޓުން މޮޅުވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 21-19، 19-21 އަދި 21-16 އިންނެވެ.

މަޑަގަސްކަރައިގެ މާކް އާއި ފެނިޓްރާގެ ޕެއާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ އަޖުފާން އާއި މައިސާ ފަތުހުﷲ އިސްމާޢީލްގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މެޗުގެ ސެޓުތައް ދިޔައީ 21-7 އަދި 21-14 އިންނެވެ. އަދި ރާއްޖޭގެ ނިބާލް އާއި ނަބީހާގެ ޕއާ ވަނީ ފަސޭހަކަމާއެކު މަޑަގަސްކަރައިގެ ޖޫލިއޯ އާއި ސޮނައިނާގެ ޕެއާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-12 އަދި 21-9 އިންނެވެ.

އެކަމަކު މި ބުރުގައި ރާއްޖޭގެ ތޯއިފް އާއި އަފްނާންގެ ޕެއާ ވަނީ މޮރިޝަސްގެ ވަރުގަދަ ޕެއާއެއް ކަމަށްވާ ޖޫލިއެން އަދި ކޭޓްގެ ޕެއާ އަތުން ބަލިވެފައެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-5 އަދި 21-16 އިންނެވެ.