ކުޅިވަރު

އައިއޯއައިޖީ 2023: އަންހެން ރިލޭ ޓީމަށް ލޯ މެޑަލް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސް 4 ގުނަ 100 މީޓަރު ދުވުމުން އަންހެން ރިލޭ ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

ލޯ މެޑަލް ހޯދައިދިން ޓީމުގައި ހިމެެނުނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސައިނެވެ.

މި ޓީމުން ތިންވަނަ ހޯދާފައިވަނީ 47.03 ސިކުންތުން ރޭސް ނިންމައިގެނެވެ. އަދި ރަން މެޑަލް ހޯދި މަޑަގަސްކަރައިގެ ޓީމުން 44.82 ސިކުންތުން ރޭސް ނިންމިއިރު، 46.56 ގެ ޓައިމިން އަކާއެކު ރިހި މެޑަލް ހޯދީ މޮރިޝަސްއެވެ. މި އިވެންޓުގައި އިތުރަށް ވާދަކޮށްފައިވަނީ ރިޔޫނިއަން އާއި ސީޝެލްސްއެވެ.

މީގެ އިތުރުން މިއަދު ކުރިޔަށްދިޔަ ފިރިހެން 200 މީޓަރު ދުވުމުގެ ފައިނަލުގައި ރާއްޖޭގެ ހަސަން ސާއިދު އާއި މުހައްމަދު މިންހާލް ޝާމިން ވަނީ ވާދަކޮށްފައެވެ. 21.58 ސިކުންތުން ނިންމައި، ސާއިދަށް ލިބިފައިވަނީ ފަސްވަނަ އެވެ. އަދި 22.55 ސިކުންތުން ރޭސް ނިންމައި، މިންހާލް އަށް ލިބިފައިވަނީ އަށްވަނަ އެވެ.

އަދި ރާއްޖޭގެ އާމިނަތު ލަޔާނާ މުހައްމަދު ވަނީ އަންހެން 200 މީޓަރު ދުވުމުގެ ފައިނަލުގައި ވާދަކޮށްފައެވެ. 26.30 ސިކުންތުން ރޭސް ނިންމައި، ލަޔާނާ އަށް ލިބުނީ އަށްވަނަ އެވެ.