ކުޅިވަރު

އައިއޯއައިޖީ 2023: އަންހެން ރިލޭ ޓީމަށް އިތުރު ލޯ މެޑެއްޔެއް


މަޑަގަސްކަރައިގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގެ އެތުލެޓިކްސް 4 ގުނަ 400 މީޓަރު ދުވުމުން އަންހެން ރިލޭ ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

މިއީ މި ފަހަރުގެ ގޭމްސްގައި އަންހެން ރިލޭ ޓީމުން ހޯދި ދެވަނަ ލޯ މެޑެއްޔެވެ. އެގޮތުން މީގެ ކުރިން ވަނީ 4 ގުނަ 100 މީޓަރު ދުވުމުންވެސް ލޯ މެޑަލް ހޯދާފައެވެ.

މިއަދު ކުރިއަށްދިޔަ 4 ގުނަ 400 މީޓަރު ދުވުމުގެ އިވެންޓުން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނުނީ ހައްވާ މުޒްނާ ފާއިޒް، އައިޝަތު ހިމްނާ ހަސަން، އާމިނަތު ލަޔާނާ މުހައްމަދު އަދި ޒިވާ މޫސާ ޝަފީއު އެވެ.

މި ޓީމުން ލޯ މެޑަލް ހޯދާފައިވަނީ ތިން މިނެޓު 52.99 ސިކުންތުން ރޭސް ނިންމައިގެނެވެ. ތިން މިނެޓު 45.78 ސިކުންތުން ނިންމައިގެން ރަން މެޑަލް ހޯދީ މަޑަގަސްކަރައެވެ. އަދި ތިން މިނެޓު 52.76 ސިކުންތުން ނިންމައި، ރިހި މެޑަލް ހޯދީ މޮރިޝަސް އެވެ. މީގެއިތުރުން މި އިވެންޓުގައި ވާދަކޮށްފައިވަނީ ރިޔޫނިއަން އާއި ސީޝެލްސް އެވެ.

މި އާއެކު މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖެއިން ވަނީ މިހާތަނަށް ޖުމްލަ 28 މެޑަލް ހޯދާފައެވެ.