ޚަބަރު

އުތުރުގެ 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރަން އަމިއްލަ ކުންފުންޏަކާއި ޙަވާލުކޮށްފި


  • ރަށްތައް 3 ޒޯނަކަށް ވަނީ ބަހާލާފައި

  • މުޅި މަޝްރޫއަށް 107 މިލިއަނަށްވުރެ ގިނަ ރުފިޔާ

  • ނިންމަން ދީފައިވަނީ 8 މަސް ދުވަސް

ރާއްޖޭގެ އުތުރުގެ 20 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމަށް އަމިއްލަ ކުންފުންޏެއްކަމަށްވާ އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޙަވާލުކޮށްފިއެވެ.

މި މަޝްރޫޢަކީ އޮޕެކް ފަންޑް ފޯރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، އޮފިޑް ލޯން އެހީގެ އަދި ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން މި 20 ރަށުގެ ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމުކުރުމުގެ މަޝްރޫޢަށް ޖުމްލަ 107 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ހއ، ހދ، އަދި ށ އަތޮޅުގެ ރަށްތަކަށް ޖުމްލަ 3 ޒޯނަކަށް ބަހާލައިގެންނެވެ.

ޒޯން 1 - ހއ. އަތޮޅު : (ޖުމްލަ 30.8 މިލިއަން ރުފިޔާ)

• ހއ. މާރަންދޫ
• ހއ. ތަކަންދޫ
• ހއ. އުލިގަމު
• ހއ. މުރައިދޫ
• ހއ. މޮޅަދޫ
• ހއ. ދިއްދޫ

ޒޯން 2 - ހދ. އަތޮޅު : (ޖުމްލަ 47 މިލިއަން ރުފިޔާ)

• ހދ. ނޮޅިވަރަން
• ހދ. ކުމުންދޫ
• ހދ. ވައިކަރަދޫ
• ހދ. މަކުނުދޫ
• ހދ. ފިނޭ
• ހދ. ހިރިމަރަދޫ
• ހދ. ކުރިނބީ
• ހދ. ނޭކުރެންދޫ

ޒޯން 3 - ށ. އަތޮޅު : (ޖުމްލަ 30.9 މިލިއަން ރުފިޔާ)

• ށ. ބިލެތްފަހި
• ށ. ފީވައް
• ށ. ފޭދޫ
• ށ. ކަނޑިތީމު
• ށ. ޅައިމަގު
• ށ. ނޫމަރާ


މި 3 ޒޯނުގައިވެސް ހިމެނޭ ރަށްތަކުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކުރުމަށް އަޒްރޯވާ މޯލްޑިވްސްއާއި ޙަވާލުކޮށްފައިވަނީ 8 މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާގޮތަށެވެ.

މި މަޝްރޫޢު ޙަވާލުކުރުމުގެ އެއްބަސްވުމުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އަދި އަޒްރޯވާ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ ހެވާގޭ މަހެންދުރަ މަދުސަނަކް ކަރުނަރަތަނޭއެވެ.

ރާއްޖޭގެ ރަށްތަކުގައި ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަށް ހުރި ދަތިތައް ނައްތާލާ، ކުނި މެނޭޖްކުރުމުގެ ކަންކަން ހަރުދަނާކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާ ދާއިރާއެކެވެ. އެގޮތުން މާލޭ ސަރަޙައްދުގެ އިތުރުން، އަތޮޅުތަކުގައިވެސް ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމުކޮށްދީ، ވަޞީލަތްތައް ހަމަކޮށްދިނުމުގެ މަޝްރޫޢުތައް އެކި ސަރަޙައްދުތަކުގައި މިވަގުތުވެސް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.