ޚަބަރު

އައްޑޫ މައި ބަނދަރު ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ހަދާނަން: އިލްޔާސް


  • އައްޑޫ ސިޓީގެ މައި ބަނދަރު ބައިނަލްއަގްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ހަދާނަން

  • މަހުގެ އެންމެ ދަށް އަގެއްގެ ގޮތުގައި 25 ރުފިޔާ ކަނޑައަޅާނަން

  • އެންމެ ކުދި ވިޔަފާރިތަކުން ޖީއެސްޓީ ދެއްކުން ނިމުމަކަށް ގެންނާނަން

ދަ މޮކްރެޓްސްގެ ވެރިކަމެއްގައި އައްޑޫ ސިޓީގެ މައި ބަނދަރު ބައިނަލްއަގްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ހައްދަވާނެކަމަށް އެޕާޓީގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީއަށް ކުރެއްވި ކެމްޕެއިން ދަތުރުގެ ތެރެއިން ހުޅުދޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިލްޔާސް ލަބީބުވަނީ ޑިމޮކްރެޓްސްގެ ރިޔާސީ ކެނޑިޑޭޓް އިލްޔާސް ލަބީބް ވަނީ އައްޑޫގެ މައި ބަނދަރުގެ ތެރެއިން ހިންގާ ވިޔަފާރީގެ ނިޒާމަށް ގެންނަވާނެ ކުރިއެރުމާއި ތަރައްޤީއަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެނބަދަރުން ދުނިޔޭގެ އެކި ޤައުމުތަކަށް މުދާ އެތެރެކޮށް ބޭރުކުރެވޭނެ ގޮތް ހައްދަވައި، ޑިއުޓީ ފްރީ ޒޯނެއް ގާއިމްކޮށްދެއްވާނެ ކަމަށާއި، އަދި އެބަނދަރުން، ރާއްޖޭގެ އެހެން ހިސާބުތަކަށް މުދާ ރީއެކްސްޕޯޓް ކުރެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް އިލްޔާސް ވިދާޅުވިއެވެ.

"މި އައްޑޫގެ މައި ވިޔަފާރި ބަނދަރަކީ ރާއްޖޭގެ މުހިންމު ޕޮއިންޓެއްކަން މުޅި ރާއްޖޭގެ ރައްޔިތުންވެސް ގަބޫލުކުރޭ. މިތަނުގެ ބޭނުން ހިފާ، މިތަނުގެ ތަރައްގީގެ މަޝްރޫއު ހިންގާ، އޭގެ މަންފާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބޭނެގޮތަކަށް މިކަން ކުރުމަކީ މުހިންމުކަމެއްކަމުގައި އެބޭފުޅުން ދެކިވަޑައިންނަވާ." އިލްޔާސް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކައިގައި އައްޑޫ، ފުވަމުލައް، ހއ.، ހދ.، ށ.، ސަރަހައްދުގެ ފަތުރުވެރިކަން ކުރިއަރުވަން ޖެހޭކަން ފާހަގަކުރައްވާ ވިދާޅުވީ ފަތުރުވެރިކަމާ ބެހޭ އިންވެސްޓްމެންޓުތަކުގެ ޓީޖީއެސްޓީ 3 އަހަރަށް މަޢާފްކޮށް ދެއްވާނެކަމަށްވެސް އިލްޔާސް ވިދާޅުވިއެވެ.

އަދި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި، މަހުގެ އެންމެ ދަށް އަގެއްގެ ގޮތުގައި 25 ރުފިޔާ ކަންޑައަޅުއްވާނެކަމަށާއި، މަސްވެރިންނާއި ދަނޑުވެރިންފަދަ އަމިއްލަ މަސައްކަތްކުރާ މީހުންގެ އާމްދަނީ، ރަސްމީ އާމްދަނީއެއްގެގޮތުގައި ދައުލަތުން ބަލައިގަންނާނެ ނިޒާމެއް ގާއިމްކުރައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން އިލްޔާސް ތަކުރާރުކުރެއްވިއެވެ. މީގެ އިތުރުން، އެންމެ ކުދި ވިޔަފާރިތައް، ނުވަތަ 8219 ރުފިޔާ އަށްވުރެ މަދުން އާމްދަނީ ލިބޭ ވިޔަފާރިތަކުން ޖީއެސްޓީ ދެއްކުން ނިމުމަކަށް ގެންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިލްޔާސްގެ ވާހަކައިގައި އިތުރަށް ވިދާޅުވީ އައްޑޫގެ ސިއްހީ ދާއިރާ ތަރައްގީކުރައްވައި އެކަމުގެ ފައިދާ މުޅި އަތޮޅަށް ލިބޭނެކަމަށާއި، ރާއްޖޭގެ އެންމެ ރަނގަޅު ހޮސްޕިޓަލުތައް އައްޑޫ، ކުޅުދުއްފުށި އަދި މާލޭގައި ތަރައްގީކުރައްވާނެކަމަށެވެ.