ޚަބަރު

އަންނަ ހޮނިހިރު ދުވަހު އަތޮޅު ފެރީތަކުގެ ޚިދުމަތް މެދުކެނޑޭނެ: އެމްޓީސީސީ


  • މެދުކަނޑާލަނީ ސެޕްޓެމްބަރ 9 ވަނަ ދުވަހު އެކަނި

  • ސެޕްޓެންބަރ 10 ގައި ޙިދުމަތް ފަށާނެ

  • ޙިދުމަތް މެދުކަނޑާލަނީ ލަކުޑި ފެރީތަކުން

  • އައްޑޫ ފިޔަވާ ހުރިހާ އަތޮޅެއްގައި ޙިދުމަތް މެދުކަނޑާލާނެ

  • އާރްޓީއެލް ފެރީގެ ޚިދުމަތް ލިބެން ހުންނާނެ

އަންނަ ހޮނިހިރު ދުވަހު އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީތަކުގެ ޚިދުމަތް މެދުކަނޑާލާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީން ބުނެފިއެވެ.

މިމަހުގެ 9 ވާ ހޮނިހިރު ދުވަހަކީ ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދުވަސްކަމަށްވާތީ، އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީގެ ޚިދުމަތްތައް މެދުކަނޑޭނެކަމަށް އެކުންފުނިން ބުނެއެވެ. ޙިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ އަތޮޅުތެރޭގައި ދަތުރުކުރާ ލަކުޑި ފެރީތަކުގެއެވެ.

މިގޮތުން އައްޑޫ ފިޔަވާ ހުރިހާ އަތޮޅެއްގައި ލަކުޑި ފެރީގެ ޚިދުމަތް މެދުކެނޑޭނެކަމަށް އެމްޓީސީސީން ބުނެއެވެ. ނަމަވެސް އެކުންފުނިން ތ، ލ އަދި މ. އަތޮޅުގެ އިތުރުން ފުވައްމުލަކާއި އައްޑޫއާއި ދެމުން އަންނަ ސްޕީޑް ފެރީގެ ޚިދުމަތާއި، ރާއްޖެ ޓްރާންސްޕޯޓް ލިންކް، އާރް.ޓީ.އެލް ފެރީ ދަތުރުތަކުގެ ޚިދުމަތް ކުރިއެކޭވެސް އެއްގޮތަށް މެދުކެނޑުމެއްނެތި ލިބެމުންދާނެކަމަށް އެމް.ޓީ.ސީ.ސީން ބުނެއެވެ.

އަތޮޅު ތެރޭގައި ދަތުރުކުރާ ލަކުޑި ފެރީތަކުގެ ޚިދުމަތް މެދުކަނޑާލުމަށް ހަމަޖެހިފައިވަނީ ވޯޓުލާ ދުވަހު އެކަންޏެވެ. އަދި ޖެހިގެން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއެކޭވެސް އެއްގޮތަށް ލަކުޑި ފެރީތަކުގެ ޚިދުމަތް ދޭން ފަށާނެކަމަށް އެމްޓީސީސީން ބުނެއެވެ.

އަތޮޅުތަކުގައި ދަތުރުކުރާ އާންމު ފެރީތަކުގެ ޚިދުމަތް މެދުކަނޑާލުމާގުޅިގެން ދިމާވެދާނެ ގޮންޖެހުންތަކަށް ކަސްޓަމަރުންގެ ކިބައިން އެމް.ޓީ.ސީ.ސީން ވަނީ މަޢާފަށް އެދިފައެވެ. އަދި މިކަމާގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް އެކުންފުނީގެ ހޮޓްލައިން 1650 އަކަށް ގުޅުމުން އެ މަޢުލޫމާތު ލިބިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ.