ޚަބަރު

ރައްޔިތުން ދެއްކެވީ ވަރުގަދަ މިސާލެއް: ޑރ. މުޢިއްޒު


  • ސަރުކާރުގެ ނުފޫޒާއި އެކުވެސް، ރައްޔިތުން ދެއްކެވީ ވަރުގަދަ މިސާލެއްކަމަށް

  • މުޢިއްޒަށް 46.15 އިންސައްތަ، ރައީސް ޞާލިޙަށް 38.71 އިންސައްތަ

  • ދެވަނަ ބުރެއްގައި ކޯލިޝަން ހެދުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން މަޝްވަރާ ކުރާނެ

  • ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު 30ގައި

ނުފޫޒާއި ފިއްތުންތަކާއެކުވެސް ލިބިވަޑައިގެންނެވީ ބޮޑު ކާމިޔާބެއްކަމަށާއި، ރައްޔިތުން ދެއްކެވީ ވަރުގަދަ މިސާލެއްކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ޑރ. މުޢިއްޒު މިހެން ވިދާޅުވީ އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ވާދަވެރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙުގެ މައްޗަށް ކުރި ހޯއްދެވުމަށްފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައެވެ.

ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ޑރ. މުޢިއްޒަށް ލިބިވަޑައިގަތީ ވޯޓު ލީމީހުންގެ 46.15 އިންސައްތައެވެ. ޑރ. މުޢިއްޒާއި އެންމެ ގާތުން ވާދަކުރައްވާ، މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 38.71 އިންސައްތަ ވޯޓެވެ. މި ދެ ބޭފުޅުންނާއި އެންމެ ގާތުން ދެން ވާދަކުރެއްވީ ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އެގޮތުން އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 7.19 އިންސައްތައެވެ. ވީމާ، ވޯޓުގެ ފުރަތަމަ ބުރުގެ ނަތީޖާ ދައްކާ ގޮތުން، އިންތިޚާބުގެ ދެވަނަ ބުރެއްގައި ވާދަކުރައްވާނީ، ޑރ. މުޙައްމަދު މުޢިއްޒާއި، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އިންތިޚާބުގެ ނަތީޖާ އައިގޮތުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމަށެވެ. ހަމައެއާއެކު، އިންތިޚާބުގެ ދެވަނަ ބުރެއްގައި ބޮޑު ކާމިޔާބީއެއް ލިބިގެންދާނެކަމަށް، އުންމީދު ކުރައްވާކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ. އަދި ދެވަނަ ބުރެއްގައި އެއްވެސް ބަޔަކާއި ކޯލިޝަން ހައްދަވާނެތޯ ސުވާލު ކުރެއްވުމުން މުޢިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުގެ ތެރޭގައި އެކަމަށް މަޝްވަރާ ކުރައްވާނެކަމަށެވެ.

"ވަރަށް ބޮޑަށް ޝުކުރު ދަންނަވަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެންނަށް ކުރެއްވި އިތުބާރާއި ދެއްވި ތާޢީދަށްޓަކައި. ޙަޤީގަތުގައި މިއީ އަޅުގަނޑުމެން ވަރަށް އުފާ ކުރާ ދުވަހެއް. އެކި އެކި ނުފޫޒުތަކާއި، އެކި އެކި ފިއްތުންތަކާއި ކުރި މަތީގައިވެސް ދިވެހި ލޮބުވެތި ރައްޔިތުން ޤައުމީ ފިކުރެއްގައި ނިކުމެވަޑައިގެން މިއަދު ތިދެއްކެވީ ވަރަށް ވަރުގަދަ މިސާލެއް." މުޢިއްޒު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެންބަރު މަހުގެ 30 ގައެވެ.