ޚަބަރު

ދެ ޕާޓީއާއެކުވެސް މަޝްވަރާކުރަން އޮތީ ތައްޔާރަށް: އިލްޔާސް


  • ޑިމޮކްރެޓްސްއިން ފެށި މަސައްކަތް ކުރިއަށް ގެންދާނެކަމަށް ވިދާޅުވި

  • އެއްވެސް ޕާޓީއަކާއެކު މަޝްވަރާ ނުފަށާކަމަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ކޯލިޝަން ހަދާނެ ޕާޓީއެއް އަދި ނުނިންމަވާކަމަށާއި، އެމްޑީޕީއާއި ޕީޕީއެމާއެކުވެސް މަޝްވަރާތައް ތައްޔާރަށް ހުންނެވިކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ އިލްޔާސްއަށެވެ.

އިންތިޚާބަށްފަހު މިއަދު އިލްޔާސް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ދަ ޑިމޮކްރެޓްސް އަބަދުވެސް އެދޭނީ ދިވެހިރާއްޖެއަށް އެންމެ ރަނގަޅު ގޮތްކަމަށެވެ. އިލްޔާސް ވިދާޅުވީ އެޕާޓީން ފެށި މަސައްކަތް ކުރިއަށް ގެންދާނެކަމަށާއި އެ މަސައްކަތުގައި ދެމިހުންނާނަވާނެކަމަށެވެ. އަދި އެކަންތައް ކުރިއަށް ގެންދާނީ ދިވެހިންނަށް އެންމެ ފައިދާވާ ގޮތުގައިކަމަށް އިލްޔާސް ވިދާޅުވިއެވެ.
އިލްޔާސް ވިދާޅުވީ ކަންބޮޑުވާ ކަންކަން ޕީޕީއެމާއި އެމްޑީޕީގައިވެސް އެބަހުރިކަމަށާއި، އެޕާޓީން ނިންމަވާނީ ޤައުމަށް އެންމެ ފައިދާވާ ގޮތްކަމަށެވެ.

އިލްޔާސް ވިދާޅުވީ ދެވަނަ ބުރަށް އެއްވެސް ޕާޓީއަކާއެކު މަޝްވަރާ ނުކުރައްވަން އަދި ނުފަށްޓަވާކަމަށާއި، އެކަމަށް ގޮތެއް ނިންމަވާނީ ޕާޓީގެ ލީޑާރޝިޕާ މަޝްވަރާކުރެއްވުމަށްފަހުކަމަށެވެ. އަދި އެޕާޓީއާއެކު މަޝްވަރާއަށް ހުރިހާ ފަރާތްތަކަށްވެސް ހުޅުވިފައި އޮތްކަމަށް އިލްޔާސް ވިދާޅުވިއެވެ.

"ދަތިތަށް ހައްލުކުރުމަށް އަޅުގަނޑުމެން ސިޔާސީ މައިދާނުގަ ކުރަންޖެހޭކަންތައްތައް ކުރަމުންދާނަން، އަޅުގަނޑުމެން އަބަދުވެސް އެދޭނީ މި ދިވެހިރާއްޖެއަށް އެންމެ ފައިދާހުރިގޮތް، ޕާޓީގެ މެމްބަރުންނަށް އެންމެ ރަންގަޅުގޮތް، އަދި އަޅުގަންޑުމެންގެ އުސޫލުތަކާ ފަލްސަފާއާއި ސިޔާސަތުތަކަށް އަޅުގަންޑުމެން އިސްކަން ދޭނަން." އިލްޔާސް ވިދާޅުވިއެވެ.

އިއްޔެގެ އިންތިޚާބުން އިލްޔަސްއަށް ލިބިވަޑައިގަތީ އެއީ 15839 ވޯޓެވެ. އެއީ އިންތިޚާބުގައި ވޯޓުލީ މީހުންގެ 7.18 އިންސައްތައެވެ.