މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 8 ކެންޑިޑޭޓުން ވަނީ ވާދަކުރައްވާފައެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ވާދަކުރެއްވި 5 ކެންޑިޑޭޓުންނާއި، އަމިއްލަގޮތުން ވާދަކުރެއްވި 3 ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ. އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ކެންޑިޑޭޓް ނަންބަރުތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާންކުރައްވާފައިވަނީ އޯގަސްޓް 9 ވަނަ ދުވަހުއެވެ.
ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުން އެންމެ ގިނަ ވޯޓާއެކު ކުރި ހޯއްދަވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒެވެ. އެއީ ވޯޓުލީ މީހުންގެ %46.06 ވޯޓާއެކުއެވެ. އެމަނިކުފާނަކީ ކެންޑިޑޭޓް ނަންބަރު 4 އެކެވެ. ދެވަނަ ހޯއްދަވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އެމަނިކުފާނަށް ލިބިވަޑައިގަތީ ޖުމްލަ %39.05 ވޯޓެވެ. ރައީސް ޞާލިޙުގެ ކެންޑިޑޭޓް ނަންބަރަކީ 3 އެކެވެ.
ދެން މި އިންތިޚާބުގައި ވާދަކުރެއްވި 6 ކެންޑިޑޭޓުންނަށް މި 2 ކެންޑިޑޭޓުންނާއި ގާތަށްވެސް ވޯޓު ލިބިވަޑައިގެންފައެއްނުވެއެވެ. އެހެންކަމުން އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓާއި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްގެންދިއުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅުއްވާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ. ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެންޑިޑޭޓް ނަންބަރަކީ ހަމަ ކުރީގެވެސް ނަންބަރުކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަ ބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ.