ޚަބަރު

ޑައުންޕޭމަންޓުގެ %15 ދެއްކުމުން، ވިނަރެސް ފްލެޓުތަކުގެ ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ


  • 3 މަސްތެރޭ ޑައުންޕޭމަންޓު ދައްކައި ނިމުމުން ތަޅުދަނޑި ހަވާކުރެވޭނެ

  • ގަނެވިއްކުމުގެ އުސޫލުތަކަށް އަމަލު ކުރާނެ

  • ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދު

ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކުން ޑައުންޕޭމަންޓް އަދަދުގެ 15 އިންސައްތަ ދެއްކުމުން، ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް އެޗްޑީސީން ހާމަކޮށްފިއެވެ.

ވިނަރެސް މަޝްރޫޢުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓް އެޗް.ޑީ.ސީން އިޢުލާންކުރީ މިއަހަރުގެ ފެބްރުއަރީމަހުއެވެ. އަދި ވިނަރެސް ފްލެޓްތައް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށާފައިވަނީ މިދިޔަމަހުގެތެރޭގައެވެ.

އެޗްޑީސީން މިހާރުވަނީ ވިނަރެސް ފްލެޓުތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކަށް ލުއިގޮތްތަކެއް ހަމަޖައްސާދީފައެވެ. އެގޮތުން ވިނަރެސް ފްލެޓްތަކަށް ދިގުމުއްދަތަށް ބަހާލައިގެން ފައިސާދައްކާ ފަރާތްތަކުން ޑައުންޕޭމަންޓުގެ 15 އިންސައްތަ ދެއްކުމުން ގަނެވިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށާއި، 3 މަސްދުވަހުގެ ތެރޭގައި ޑައުންޕޭމަންޓުގެ އަދަދު އެއްކޮށް ދައްކައި ނިމުމުން ޔުނިޓްގެ ތަޅުދަނޑި ހަވާލުކުރެވޭނެ ކަމަށް އެޗްޑީސީން ހާމަކުރެއެވެ.

އަދި މިގޮތަށް އަމަލުކުރުމުގައި، ގަނެވިއްކުމުގެ އެއްބަސްވުމުގައި ކަނޑައެޅިފައިވާ އުސޫލުތަކަށް އަމަލު ކުރެވޭނެކަމަށްވެސް އެޗްޑީސީން ހާމަކުރެއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ.

މިމަޝްރޫޢުގައި މުޅިންވެސް ހިމެނެނީ 3 ކޮޓަރީގެ ފްލެޓްތަކެވެ. މިތަންތަން ޑިޒައިންކޮށްފައިވަނީ 4 ކޮންސެޕްޓަކަށެވެ. އެއީ އިނާ ވިއު، އައުޓާ ވިއު، މެރީނާ ވިއު އަދި ސްޓޭންޑާޑް ވިއު އެޕާޓްމަންޓްތަކެވެ. މެރީނާ ވިއު ފްލެޓްތަކުގައި ހިމެނެނީ 172 ފްލެޓެވެ. އައުޓާ ވިއުގައި 372 ފްލެޓް ހިމެނެއެވެ. އިނާ ވިއުގައި ހިމެނެނީ 352 ފްލެޓެވެ. އަދި ސްޓޭންޑާޑް ވިއުގައި 448 ފްލެޓް ހިމެނެއެވެ. ވިނަރެސްގެ ޔުނިޓްތައް ހަވާލުކުރަނީ ފިނިޝިން ހުރިހާ މަސައްކަތްތައް ނިންމުމަށްފަހުއެވެ.