ޚަބަރު

500 އަށްވުރެ ގިނަ މީހުން ވޯޓުލާ މަރުކަޒުތަކުގައި 2 ފޮށި ހުންނާނެ


  • ފުރަތަމަ ބުރުގައި ފާހަގަވި ކަންކަމަށް 2 ވަނަ ބުރުގައި ސަމާލުކަންދޭނެ

  • ވޯޓު ފޮށީގެ އަދަދަށް ބަދަލުއައުމަކީ އެކަށީގެންވާ ކަމެއް

  • ޖާގަ ކުދި ތަންތަނުގައި ހުރި ވޯޓު ފޮށިތައް އެހެން ތަންތަނަށް ބަދަލުކުރާނެ

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލާއިރު 500 އަށްވުރެ ގިނަ މީހުން ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ވޯޓުފޮށީގައި 2 ސެޓަޕް ބަހައްޓާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. 2 ވަނަ ބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރަށް އިލެކްޝަންސް ކޮމިޝަނުން މިހާރު އެންމެ ބާރަށް ކުރަމުންދާ މަސައްކަތަކީ ރީ-ރަޖިސްޓްރީ ކުރުމަށް ހުށައަޅާފައިވާ 47000 އަށްވުރެ ގިނަ ފޯމު އިވެލުއޭޓްކުރުމުގެ މަސައްކަތެވެ. މި މަސައްކަތް ނިންމާ ވަރަށް އަވަހަށް ލިސްޓު އާންމުކުރާނެކަމަށް އީސީން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، 2 ވަނަ ބުރުގައި ރީ- ރަޖިސްޓްރީކުރި މީހުންގެ އަދަދަށް ބަލައި ވޯޓު ފޮށީގެ އަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

ބައެއް ވޯޓުފޮއްޓަށް ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ އަދަދު އިތުރުވާނަމަ އެ މަރުކަޒެއްގައި އިތުރު ފޮއްޓެއް ބަހައްޓަން ޖެހިދާނެ ހާލަތެއް އަތުވެދާނެކަމަށް ހަބީބު ވިދާޅުވިއެވެ. ނަމަވެސް ފޮށީގެ އަދަދު ޔަޤީންވެގެންދާނީ ރީ-ރަޖިސްޓްރޭޝަނަށް ހުށައެޅި ފޯމުތައް އިވެލުއޭޓްކުރުމަށްފަހު ރީ-ޗެކްކުރުމަށްފަހުގައިކަމަށް ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ވޯޓުލުމަށް ބައެއް މަރުކަޒުތަކުގައި ކިޔުތައް ދިގުވެގެންދިޔަ ދިއުމަށް ހައްލެއް ގެނައުމަށް 2 ވަނަ ބުރުގައި ވޯޓުލާއިރު ވޯޓުލާ މީހުންގެ އަދަދަށް ބަލައި އިތުރު ސެޓަޕްތައް ބަހައްޓާނެކަމަށެވެ.

“500 އަށްވުރެ ގިނަ މީހުން ވޯޓުލާ ތަންތަނުގައި 2 ސެޓްއަޕްއަށް އަޅުގަނޑުމެން ބަދަލުކޮށްލާނަން ވޯޓުލާ މަރުކަޒު. އެއިރުން 2 މޭޒަކުން އިނގިލީގައި ފާހަގަވެސް ޖަހާނެ. އަނެއްކާ ވޯޓު ކަރުދާސްވެސް ދޫކުރާނީ. އެހެންވީމަ އަވަސްވެސްވާނެ.” ހަބީބް ވިދާޅުވިއެވެ.

ހަބީބް ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީ ބައެއް މަރުކަޒުތަކުގެ ޖާގަ ކުދިކަމަށެވެ. އެހެންކަމުން 2 ވަނަ ބުރުގައި ބައެއް ވޯޓުފޮށި ބަހައްޓާ ތަންތަނަށް ބަދަލު އަންނާނެކަމަށެވެ. މިގޮތަށް ބަދަލުކުރަނީ ވީހާވެސް ފަސޭހައިން ވޯޓު ލެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށްކަން ހަބީބް ފާހަގަކުރެއްވިއެވެ. މިގޮތައް ބަދަލުކުރިނަމަވެސް ގިނަ ފޮށިތަކަށް ބަދަލު ނާންނާނެކަން ހަބީބް ފާހަގަކުރެއްވިއެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަގަވި ކަންކަމަށް ބަލައި ވޯޓު ފޮށީގެ ވެރިންނާއި އަދި އެހީތެރިންނަށް ރިފްރެޝަރ ޓްރެއިނިންތަކެއްވެސް މިހާރު އިލެކްޝަންސް ކޮމިޝަނުން ވަނީ ފަށާފައެވެ. މި ޓްރެއިނިންގ ތަކުގެ ބޭނުމަކީ 2 ވަނަ ބުރުގައި އެކަންކަން ހައްލުކުރުންކަމަށް އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރައްވައެވެ. މި ޓްރެއިނިންތަކުގައި ވޯޓުލާ މަރުކަޒުގެ ކިޔުތައް ބެލެހެއްޓުމާއި، ބާތިލް ވޯޓު ކަނޑައެޅުން ފަދަ މުހިންމު ކަންކަން އަމަލީގޮތުން ދައްކައި ބުނެދޭނެކަމަށް އީސީން ވިދާޅުވެއެވެ.