ޚަބަރު

ވިނަރެސް އާއި އެމްޕީއެލް ފްލެޓްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދޭނަން: ރައީސް


  • ފްލެޓުތަކުގެ ޑައުންޕޭމަންޓު ކުޑަކޮށްދެއްވާނެކަމަށް

  • ކަސްޓަމްސްއާއި ޔުނިވަރސިޓީއާއި ކަރެކްޝަންގެ ފްލެޓްތަކުގެ ލިސްޓު އާންމުކުރާނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޢިމާރާތްކޮށްފައިވާ ވިނަރެސް ފްލެޓްތަކާއި އެމްޕީއެލް ޕްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަގު ކުޑަކުރައްވާނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީން ގަލޮޅު ކަންމަތީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހް ވިދާޅުވީ ކެމްޕެއިން ކުރެއްވުމަށްޓަކައި ގޭގެއަށް ކުރައްވާ ޒިޔާރަތުގައި ވިނަރެސް ފްލެޓް ލިބިފައިވާ ފަރާތްތަކުން ޑައުންޕޭމަންޓާއި ކުލީގެ އަގު ބޮޑުވުމުގެ ކަންބޮޑުވުން ފާޅުކުރަމުން އަންނަކަމަށެވެ. އެހެންކަމުން ރައްޔިތުންގެ އެ ކަންބޮޑުވުމަށް ލަސްތަކެއް ނުވެ ޙައްލެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން އަރުވަމުން ރައީސް ވިދާޅުވީ، އެ ފްލެޓުތަކަށް ދައްކަންޖެހޭ ޑައުންޕޭމަންޑް ކުޑަކޮށް ކުއްޔަށް ގެނެވެން އޮތް ރަނގަޅު ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށެވެ.

ވިނަރެސް ފްލެޓްގެ އިތުރުން ރައީސް ވިދާޅުވީ އެމްޕީއެލް ފްލެޓްތަކުގެ އަގުބޮޑުވެގެންވެސް މުވައްޒަފުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަމަށެވެ. އެ ފްލެޓްތަކުގެ ވެސް އަގު ކުޑަކޮށް ޑައުންޕޭމަންޓަށް ހެޔޮ ބަދަލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ހައުސިންގެ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ޚާއްސަ ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓްވެސް ޢާންމުކުރައްވާނެކަމަށެވެ.

"މިއަދު ވަނީ ކަސްޓަމްސްގައި މަސައްކަތްކުރާ މީހުންނަށް ވީ ވައުދުތައް ފުއްދުމަށްޓަކައި ފްލެޓްތަކުގެ ލިސްޓް ހަވާލުކޮށްފައި، އިދާރަކުރެވިއްޔާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޔުނިވާސިޓީއާ ކަރެންޝަންސްގައި މަސައްކަތްކުރާ ފަރަތްކަކަށް ފްލެޓް ލިސްޓު ހަވާލުކުރާނަން." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

ވިނަރެސް ފްލެޓްގެ އަގު އުޅެނީ 2.52 މިލިއަން ރުފިޔާއާއި 2.59 މިލިއަން ރުފިޔާއާ ދެމެދުގައެވެ. މި ފްލެޓްތަކަށް ދެ ގޮތަކަށް ފައިސާ ދެއްކުމުގެ ފުރުޞަތު ދީފައިވެއެވެ. އެއީ އެއްފަހަރާ ފައިސާ ދައްކައިގެން ފްލެޓް ގަތުން ނުވަތަ 20-25 އަހަރަށް ބަހާލައިގެން މަހުން މަހަށް ފައިސާ ދައްކާ ނިންމާގޮތަށެވެ. ވިނަރެސް ފްލެޓްގެ ގޮތުގައި 1344 ފެލެޓްއެއް ވަނީ އިމާރާތްކޮށްފައެވެ.

މީގެ އިތުރުން އެމްޕީއެލްއިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި 3 ޓަވަރެއް ޢިމާރާތްކޮށްފައެވެ. އެ ފްލެޓްތަކަށް މަހުން މަހަށް ދައްކަންޖެހޭ ފައިސާ 25 އަހަރު ދުވަހުގެ މުއްދަތަކަށް ބަހާލައިގެން ދެއްކުމުގެ ފުރުޞަތު މުވައްޒަފުންނަށް ވަނީ ހުޅުވާލާފައެވެ.