ޚަބަރު

މިދިޔަމަހު އިމްޕޯޓްކުރި މުދަލުގެ އަދަދު %7 އިތުރު


  • މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވޭ

  • މި އަހަރުގެ އޮގަސްޓްމަހު މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާއަށް އިތުރުވެފައި

  • މި އަހަރުގެ އޮގަސްޓްމަހު 324 މިލިއަން ރުފިޔާގެ މުދާވަނީ އެކްސްޕޯޓްކޮށްފައި

މިދިޔަމަހު ރާއްޖެއަށް އިމްޕޯޓް ކުރި މުދަލުގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު، 7 އިންސައްތަ އިތުރުވެއްޖެއެވެ.

ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު ރާއްޖެއަށް 4.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވެއެވެ. މި އަހަރުގެ އޮގަސްޓްމަހު މި ޢަދަދުވަނީ 5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އިމްޕޯޓް އިތުރުވި ނަމަވެސް މިދިޔަމަހު ރާއްޖެއިން މުދާ ބޭރުކުރި މިންވަރުވަނީ ދަށްވެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ އޮގަސްޓުމަހު 125 މިލިއަން ރުފިޔާގެ މުދާ ވަނީ އެކްސްޕޯޓްކޮށްފައެވެ. މިއަދަދު ވަނީ މިދިޔަމަހު 7 އިންސައްތައަށް ދަށްވެފައެވެ. އެގޮތުން މިދިޔަމަހު ރާއްޖެއިން އެކްސްޕޯޓްކޮށްފައި ވަނީ 93 މިލިއަން ރުފިޔާއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން އިމްޕޯޓް އެކްސްޕޯޓުން މިދިޔަމަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ އޮގަސްޓްމަހު 391 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ އޮގަސްޓް މަހު މި ޢަދަދުވަނީ 324 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަމަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައިވާ ޤައުމުތަކަކީ އޮމާން، އިންޑިއާ، ޔޫ.އޭ.އީ، ޗައިނާ އަދި ޖަރުމަނުވިލާތެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އިމްޕޯޓްކުރި ޤައުމުތައް:

• އޮމާން - 887 މިލިއަން ރުފިޔާ
• އިންޑިއާ - 736 މިލިއަން ރުފިޔާ
• ޔޫ.އޭ.އީ -648 މިލިއަން ރުފިޔާ
• ޗައިނާ - 398 މިލިއަން ރުފިޔާ
• ޖަރުމަނުވިލާތް - 364 މިލިއަން ރުފިޔާ

މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކޮށްފައިވަނީ ތެލާއި ގޭހުގެ ބާވަތްތަކެވެ.

އެގޮތުން މިބާވަތުން އިމްޕޯޓްކުރި މުދަލުގެ އަގު 1139 މިލިއަނަށް އަރައެވެ. ދެން އެންމެ ގިނައިން އެތެރެކޮށްފައި ވަނީ ކެއުމަށް ބޭނުންކުރާ އެކިއެކި ބާވަތްތަކެވެ. 802 މިލިއަން ރުފިޔާގެ ކާބޯތަކެތި މިދިޔަ މަހު ވަނީ ރާއްޖެ ގެނެސްފައެވެ.

ރާއްޖެއިން އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތައް:

• ޖަރުމަންވިލާތް - %25
• އިނގިރޭސިވިލާތް - %18
• ތައިލޭންޑް - %13
• އިންޑިއާ - %8
• ފަރަންސޭސިވިލާތް - %5

ރާއްޖެއިން އާންމުގޮތެއްގައި އެންމެ ގިނައިން އެކްސްޕޯޓްކުރަނީ މަހުގެ ބާވަތްތަކެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޮގަސްޓްމަހު މަހުގެ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އެކްސްޕޯޓްކޮށްފައި ވަނީ ކަޅުބިލަމަހުގެ އުފެއްދުންތަކެވެ.

މިދިޔަމަހު ވަނީ 45 މިލިއަން ރުފިޔާގެ ކަޅުބިލަމަހުގެ އުފެއްދުންތައް އެކްސްޕޯޓްކޮށްފައެވެ.