ޚަބަރު

2 ވަނަ ބުރުގައި 43 ފޮއްޓެއް ޖާގަ ތަނަވަސް މަރުކަޒުތަކަށް


  • 2 ވަނަ ބުރުގައި ވޯޓު ފޮށީގެ އަދަދަކީ 586

  • މިއީ 12 ފޮށީގެ އިތުރުވުމެއް

  • 99 މަރުކަޒެއްގެ ވޯޓުލުން ކުރިއަށްދާނީ 2 ސެޓަޕެއްގައި

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގައި ވޯޓުލާއިރު ކުދި ޖާގަތަކުގައި ހުރި 43 ފޮއްޓެއް ޖާގަ ތަނަވަސް އެހެން ތަންތަނަށް ބަދަލުކޮށްފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ. ހަބީބް މިހެން ވިދާޅުވީ، އިންތިޚާބާއި ގުޅޭ މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ 2 ވަނަ ބުރުގެ ވޯޓުލުން އޮންނަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެއީ މިމަހުގެ 30 ވަނަ ދުވަހެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަނަށް ފާހަގަކުރެވުނު އަދި ޝަކުވާ ލިބުނު ކަންކަމަށް ބަލައި 2 ވަނަ ބުރުގެ ވޯޓުލުމުގައި މިކަންކަން ރަނގަޅުކުރުމުގެ މަސައްކަތް އެކޮމިޝަނުން ދަނީ ކުރައްވަމުންނެވެ. އީސީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، އެކިއެކި ސަބަބުތަކާއި ހުރެ ފުރަތަމަ ބުރުގައި ވޯޓުލީ 43 ފޮއްޓެއް، ޖާގަ ތަނަވަސް ތަންތަނަށް މިހާރު ބަދަލުކޮށްފައިވާކަމަށެވެ.

2 ވަނަ ބުރުގައި ކިޔު މެނޭޖްކުރުމާއި އަދި ވޯޓުލާން އަންނަ މީހުން ވޯޓުލާންޖެހޭ ފޮށި ދެއްކުމަށް ގްރައުންޑް މެނޭޖަރުންގެ ގޮތުގައި ކުރިއަށްވުރެން ގިނަ މީހުން ހަރަކާތްތެރިވާނެކަމަށް ހަބީބް ވިދާޅުވިއެވެ.

2 ވަނަ ބުރުގައި ވޯޓުލާއިރު ބޫތުތަކަށްވެސް ބަދަލު ގެނެސްފައިވާކަން ހަބީބް ފަހަގަކުރެއްވިއެވެ. އެގޮތުން ބޫތު ހުންނާނީ ފާހަގަ ޖަހާއިރު މީހާ ބޫތުގެ އެތެރެއަށް ވަންނަ ފަދަ ގޮތަކަށްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ފާހަގަ ޖަހާއިރު ކަރުދާސް ބާއްވާ ތަންވެސް ހުންނާނީ ބްރިސިލް ބޯޑެއް ބާއްވައި ފަސޭހައިން ފާހަގަޖެހޭނެގޮތައްކަމަށާއި، އެތަންތަން އީސީން މިހާރު ޗެކްވެސް ކޮށްފައިވާކަން ހަބީބް ފާހަގަކުރެއްވިއެވެ.

"އެކިއެކި ސަބަބުތަކާއި ހުރި ފުރަތަމަ ބުރުގައި ވޯޓުލީ 43 މަރުކަޒެއް އެ މަރުކަޒުތައް ހުރިތަން ނޫން އެހެން ތަންތަނަށް ބަދަލުކުރެވުނު. މިކަން މިކުރީ ކުރީފަހަރުގެ ތަޖުރިބާތަކަށް ބަލާފައި ޝަކުވާތަކާއި މިކަންކަމަށް ރިއާޔަތްކޮށްފައި ވޯޓުލާ ބައެއް މަރުކަޒުތައް ހުރިގޮތުން ވޯޓުލާ މީހުންނަށް ދަތިވުމާއި، ބޫތު ބަހައްޓާފައި ހުންނައިރު ފާހަގަޖަހާއިރު ފާހަގަޖަހާއިރު ފެނުމުގެ ފުރުސަތުވެސް އޮވެދާނެތީ އެއަށްވުރެ ރަނގަޅު މަރުކަޒުތަކަށް ބަދަލުކުރަންވެގެން. އެ މައުލޫމާތު މިހާރު ކޮމިޝަނުން ހުންނާނީ އާންމުކޮށްފައި." ހަބީބް ވިދާޅުވިއެވެ.

ވޯޓުލާން ވަޑައިގެންނެވުމުގެ ކުރިން ވޯޓުލާންދާންޖެހޭ ތަން ޗެކްކުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ. 1414 އަށް ގުޅައިގެން ނުވަތަ VR ހުސްތަންކޮޅެއް ދޫކުރުމަށްފަހު އައިޑީކާޑު ނަންބަރު ޖެއްސެވުމަށްފަހު 1414 އަށް މެސެޖްކޮށްގެންވެސް މި މައުލޫމާތު ލިބޭނެއެވެ.

ވޯޓުލުމުގެ ކަންކަން އަވަސްކަމާއެކު ކުރިއަށްގެންދިއުމަށް 500 އަށްވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓްރީކޮށްފައިވާ ފޮށިތަކުގައި 2 ސެޓަޕަށް ވޯޓުލުމުގެ ކަންކަން މިފަހަރު ކުރިއަށްދާނެކަމަށް ހަބީބް ވިދާޅުވިއެވެ. އެގޮތުން ވޯޓުލާ 99 މަރުކަޒެއް މިގޮތަށް ބަދަލުގެނެސްފައިވާކަމަށް ހަބީބް ވިދާޅުވިއެވެ.

ރީ-ރަޖިސްޓްރޭޝަނަށް ފަހު 2 ވަނަ ބުރުގައި ވޯޓުފޮށީގެ އަދަދަށްވެސް ވަނީ ބަދަލުތަކެއް އައިސްފައެވެ. ފުރަތަމަ ބުރުގައި ބަހައްޓާފައިވަނީ 574 ވޯޓުފޮއްޓެކެވެ. ނަމަވެސް މިހާރު މިއަދަދު 586 އަށް ވަނީ އިތުރުވެފައެވެ. މިއީ 12 ފޮށީގެ އިތުރުވުމެކެވެ. އިތުރަށް ވޯޓުފޮށި ބަހައްޓަނީ މާލޭގައި 4 ފޮށި، ހުޅުމާލެ ފޭސް 1 ގައި 2 ފޮށި، ހުޅުމާލެ ފޭސް 2 ގައި 4 ފޮށި، ވިލިމާލޭގައި 1 ފޮށި އަދި އިންޑިއާގެ ޓްރިވެންޑްރަމްގައި 1 ފޮށްޓެވެ.