ވިޔަފާރި

ނިޒާމީ ވޯޓު ނެގުމަށް ކޮމިޝަން ތައްޔާރު، ސާފު ނުވަނީ އަހަންވީ ސުވާލު: އީސީ


  • ރައްޔިތުންގެ ގާތުގައި އަހަންވީ ސުވާލު ސާފުވާންޖެހޭ

  • މިކަމަށް ކޮމިޝަނުން ތައްޔާރު

  • ވޯޓު ނެގޭނީ ބަޖެޓް ހަމަޖެހިގެން

އިލެކްޝަންސް ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އަންގަވާފައިވާގޮތަށް ނިޒާމަށް ގެންނަ ބަދަލާއި ގުޅޭ ވޯޓު ނެގުމަށް އިލެކްޝަންސް ކޮމިޝަނުން ތިބީ ތައްޔާރައްކަމަށާއި ނަމަވެސް ސާފުނުވަނީ ރައްޔިތުންގެ ގާތުގައި އަހަންވީ ސުވާލުކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެއެވެ.

ހަބީބް މިހެން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކުރި ގަރާރަކުން އިލެކްޝަން ކޮމިޝަނަށް އަންގަވާފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 30 ވަނަ ދުވަހުން ކުރިން ނިޒާމީ ވޯޓު ނެގުމަށެވެ.

އެ ގަރާރާ ގުޅިގެން އެ ކޮމިޝަނުން ޤާނޫނީ ލަފާ ހޯދުމަށް ފަހު، ވޯޓު ކުރިއަށް ގެންދަން ވަނީ ނިންމަވާފައެވެ. އެކަމަކު އޭގެ ކުރިން ބައެއް ކަންކަން ސާފުކުރުމަށް ކޮމިޝަނުން ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ، މި ވޯޓު ނެގުމަށް އެ ކޮމިޝަނުން ތައްޔާރުކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ސާފުވާންޖެހޭ ބައެއް ކަންކަން އަދި އެބަހުރިކަމަށެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވީ، ރައްޔިތުންގެ ޚިޔާލު ހޯދަން ވޯޓު ނަގާއިރު އެ ނަގަނީ ކޮން މަޢުޞޫއަކަށްކަން، އަދި ކުރަން ޖެހެނީ ކޮން ސުވާލެއްކަން އެ ކޮމިޝަނަށް ސާފުވާން ޖެހޭ ކަމަށެވެ. ނަމަވެސް، މަޖިލީހުން އެކަން ހިއްސާކޮށްފައި ނެތް ކަމަށް ހަބީބު ވިދާޅުވިއެވެ.

"މިކަހަލަ އާންމު ވޯޓެއް، ނިޒާމީ ވޯޓެއް ނަގާއިރު މަޢުޞޫއަކީ ކޮބައިކަން އެބަ އެނގެންޖެހޭ. ސުވާލަކީ ކޮބައިކަން އެބަ އެނގެންޖެހޭ. އެ ސުވާލެއްނެތް އަޅުގަނޑުމެންނަށް ލިބިފައެއް. އެހެންވީމަ އަޅުގަނޑުމެން މިހާރު ދަންނަވާފައިވާނެ ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުންގެ ގާތުގައި އިލެކްޝަންސް ކޮމިޝަނުން އަހަންވީ ކޮން ސުވާލެއްތޯ؟ އެ ސުވާލު ކޮބާތޯ؟ އެ ސުވާލު ފޮނުވާދެއްވާށޭ އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައި." ހަބީބް ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ، ވޯޓެއް ނަގާނަމަ ވޯޓާސް ރަޖިސްޓްރީއެއް އޮންނަން ޖެހޭ ކަމަށާއި ޝަކުވާ ހުށަހެޅޭނެ ގޮތްތަކެއްވެސް ހުންނަންޖެހޭކަމަށެވެ. އަދި އެކަމަށް ބޭނުންވާ ބަޖެޓްވެސް ހަމަޖެހެންޖެހޭކަމަށެވެ.

ވޯޓު ނެގުމަށް ކޮމިޝަނުން އޮތީ ތައްޔާރަށް ކަމަށާއި ނަަމަވެސް، މިހާރު އުފެދިފައި އޮތް ޤާނޫނީ ސުވާލުތަކަށް ޖަވާބު ލިބިގެން ނޫނީ ކުރިއަށް ނުދެވޭނެކަމަށް ހަބީބް ވިދާޅުވިއެވެ.

އިލެކްޝަންގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުމަކީ ކޮމިޝަންގެ ޒިންމާއެއް ކަމަށާއި އެހެންކަމުން، މިފަދަ ވޯޓެއް ނަގާއިރު ކޮމިޝަނުން އަމަލުކުރާނެ ގޮތްތައް ބަޔާންކުރާ ގަވައިދެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވިއެވެ.