ޚަބަރު

މާލެ ބޭފުޅަކަށް ނުވާތީ މުއިއްޒުއަަށް ވޯޓްނުލުމަށް ބުނެފައެއް ނުވާނެ: މާރިޔާ


  • ފަތުރާފައިވަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއް

  • ޑރ. މުޢިއްޒުއަށް ވޯޓު ނުދޭންވީ އަނިޔާވެރިކަމަށް ތާޢީދުކުރާނެތީ

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް، ޑރ. މުހައްމަދު މުޢިއްޒު ނިސްބަތްވެވަޑައިގަންނަވާ ރަށެއްގެ ސަބަބުން އޭނާއަށް ވޯޓު ނުލުމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވިކަމަށް ބުނެ ފަތުރަމުންދަނީ ދޮގު ވާހަކަތަކެއްކަމަށް އެކަމަނާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވެފައި މިވަނީ ޑރ.މުއިއްޒަކީ މާލެ މީހެއް ނޫން ކަމަށާއި އެހެންވީމަ މާލެ މީހުން އޭނާއަށް ވޯޓުލައިގެން ނުލުމަށް މާރިޔާ ވިދާޅުވިކަމަށް ބުނެ ރާއްޖޭގެ މީޑިއާއަކުން ފެތުރި ހަބަރަކާއި ގުޅިގެނެވެ. އެގޮތުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރެއިން މިނިސްޓަރ މާރިޔާ ބައެއް ގެތަކަށް ވަޑައިގެން ޑރ.މުއިއްޒަކީ މާލޭ މީހެއް ނޫން ކަމަށާއި، މާލެ މީހުން ޑރ.މުއިއްޒުއަށް ވޯޓްނުލުމަށް ވިދާޅުވިކަމަށް ބުނެ ހަބަރު ފަތުރާފައިވެއެވެ.

އެ ވާހަކަތައް ދޮގުކުރައްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އެފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވާނޭކަމަށާއި، އެއީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ. އަދި ރަށަކަށް ނިސްބަތްވާތީ މިނިސްޓަރ މާރިޔާ، މުއިއްޒުއަށް މާލާމަތްކުރެއްވިކަމަށް ދޭހަވާ ގޮތަށް ހަބަރު ފެތުރިނަމަވެސް، އެކަމަނާއަކީ ޅ. ހިންނަވަރު ނޫރާނީއާގޭ އިބްރާހީމް މުހަންމަދު ޞާލިޙްގެ ކެމްޕޭނުގެ، މާލޭ ދާއިރާގެ ފަޚުރުވެރި ކޯޑިނޭޓަރުކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ،

މާރިޔާ ވިދާޅުވީ ޑރ. މުޢިއްޒުއަށް ވޯޓު ނުދޭންވީ ސަަބަބުތަކެއް އެބަހުރިކަމަށާއި، އޭގެތެރޭގައި އަނިޔާވެރި ވެރިކަމެއްގެ އެންމެ އިސް ފަންތީގައި އެކަމުގެ މޭސްތިރިއަކަށް މުއިއްޒު ހުންނެވުން ހިމެނޭކަމަށް މާރިޔާ ވިދާޅުވިއެވެ. އަދި މުޢިއްޒު އުޅުއްވަނީ އެ އަނިޔާވެރިކަން އަލުން އިޢާދަކުރަންކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާއާ ގުޅޭގޮތުން ފެތުރު ވާހަކަތައް އެކަމަނާ ދޮގުކުރައްވާފައިވާއިރު، އެމްޑީޕީން ރިޔާސީ އިންތިޚާބަށް ހިންގާ ކެމްޕެއިނަށް ހުރަސް އެޅުމަށް ހަޤީޤަތާއި ހިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ބުނެ އެމްޑީޕީން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. މީގެއިތުރުން އެ ޕާޓީން ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށްވެސް އިދިކޮޅު ފަރާތްތަކުން ހުރަސް އަޅާކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފައެވެ.