ޚަބަރު

ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ރައީސް ސާލިހަށް ތާއީދުކުރަން ނިންމައިފި


  • ޖޭޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ގިނަ މެމްބަރުންތަކެއް ހިމެނޭ

  • ގާސިމްގެ ރަނިންމޭޓްވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރަން ނިންމަވާފައި

ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވުމަށް ނިންމަވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމެވިކަން ހާމަކުރެއްވީ މިރޭ އެމްޑީޕީގެ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައެވެ.

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް ތާއީދުކުރެއްވުމަށް ނިންމެވި ބޭފުޅުންގެ ތެރޭގައި، ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ހުންނެވި ޑރ. އަމީން އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. އަދި އެ ޕާޓީ ޑެޕިއުޓީ ލީޑަރުންނާއި ޕާޓީގެ ކައުންސިލްގެ މެންބަރުންތަކެއްވެސް ވަނީ ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ.

މިރަސްމިއްޔާތުގަޢި ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއި ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލާއި ވަޒީރުންނާއި މަޖިލީހާއި ރައްޔިތުންެގެ މަޖިލީހުގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސް ސާލިހު ވިދާޅުވީ އެމްޑީޕީގެ ކެމްޕެއިނާއި ގުޅުނު ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއެކު ރިޔާސީ އިންތިހާބުގައި ކާމިޔާބު ހޯދޭނެކަން ޔަގީންކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައީސް ސާލިހަށް ތާއީދުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ އިސް މެމްބަރުންތަކެއް ނިންމާފައި މިވަނީ، ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކަށް ތާއީދު ނުކުރުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

ޖުމްހޫރީ ޕާޓީން އެއްވެސް ޕާޓީއަކާއެކު ކޯލިޝަން ނުހެދިނަމަވެސް، އެ ޕާޓީގެ މެމްބަރުން ބޭނުންވާ ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ ހައްގު އޮންނާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވަނީ ވިދާޅުވެފައެވެ.

ގާސިމްގެ އަރިހުގައި މީގެކުރިން ތިއްބެވި ބޭފުޅުންގެ ތެރެއިން ކުރީގެ މެންބަރު ރިޔާޒު ރަޝީދާއި އިލްހާމް އަހްމަދުވެސް ވަނީ ރައީސް ސާލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައެވެ.