ޚަބަރު

ވިއްސާރައިގެ ސަބަބުން ގެއްލުންވި 84 ގެއަކަށް އެހީތެރިކަން ފޯރުކޮށްދެނީ


  • ވިއްސާރާގައި ގެއްލުންވި 84 ގެއަކަށް އެހީވާން ނިންމާފައިވޭ

  • ލިބުނު ގެއްލުންތަކުގެ ތެރޭގައި ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު ހިމެނޭ

  • ފުލް ކަވަރޭޖު ދޭނެކަމަށް އެންޑީއެމްއޭއިން ހާމަކުރޭ

މިމަހުގެ މިހާތަނަށް ރާއްޖެއަށް ކުރި ވިއްސާރައާއި ގުޅިގެން ގެއްލުންވި 84 ގެއަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވެއްޖެއެވެ. މިމަހު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރި ވިއްސާރާގައި ބައެއް ރަށްތަކަށް އުދައަރައި، ފެންބޮޑުވެ ބައެއް ގެތަކަށް ގެއްލުންވެފައިވެއެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެންޑީއެމްއޭގެ ސެކެޓްރީ ޖެނެރަލް ޞަފީނާޒް ހަސަން ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވިއްސާރަކޮށް ގޭގެއަށް ލިބިފައިވާ ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި، އެގޭގެއަށް ލިބިފައިވާ ގެއްލުންތަކަށް ބެލުމަށްފަހު އެކަމުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށެވެ.

ޞަފީނާޒް ވިދާޅުވީ ވިއްސާރައިގެ ސަބަބުން ޅ.ކުރެންދޫގެ 66 ގެއަކާއި، އއ.އުކުޅަސްގެ 15 ގެއަކާއި، އއ.ފެރިދޫގެ 1 ގެއެއްގެ އިތުރުން ސ.ފޭދޫގެ 2 ގެއަކަށް ގެއްލުންވެފައިވާކަމަށް ރިކޯޑުކުރެވިފައިވާކަމަށެވެ. ޞަފީނާޒް ވިދާޅުވީ އެގެތަކަށް ފެންވަނުމުގެ ސަބަބުން ހިފާގެންގުޅޭ ސާމާނާއި، ފަރުނީޗަރުފަދަ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިކަމަށެވެ. އެންޑީއެމްއޭއިން އެގެތަކަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް އެއީ ކިހާ ފައިސާގެ އެހީތެރިކަމެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ގެއްލުންތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭ އުސޫލު ތަފްސީލް ކޮށްދެއްވަމުން ޞަފީނާޒް ވިދާޅުވީ ގަދަ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމަށް ފުލް ކަވަރޭޖް ދިނުމުގެ މަސައްކަތްކުރާ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަކަށް ގެއްލުން ލިބުނު ރަށްތަކުގެ ގޭގެއަށް އެ ފަރާތްތަކަށް ބޭނުންވާ ޒަރޫރީ އެހީތެރިކަން ފޯރުކޮށްދީ އެދަތި ޙާލަތުން އަރައިގަތުންކަމަށްވެސް ޞަފީނާޒް ވިދާޅުވިއެވެ.

މިދުވަސްވަރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް އަންނަނީ ވިއްސާރަކުރަމުންނެވެ.