ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހަފްތާއަކު 2 ދުވަސް އޮފްގެ ގޮތުގައި ލިބޭނެގޮތް ހެދުމަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އަދި އެމް.ޑީ.ޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކެމްޕޭންގެ ތެރެއިން މައްޗަންގޯޅީގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދުގައި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އަދި އެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެވެސް ހިތްހަމަޖެހުންތަކަކާއި އިތުރަށް ރަނގަޅުކުރަން ބޭނުންވާ ކަންތައްތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ޓޫރިޒަމް ސިނާޢަތުގެ އިސް މެނޭޖްމަންޓްގެ ގިނަ ބޭފުޅުންނަކާ އެމަނިކުފާނު ބައްދަލުކުރެއްވިކަމަށާއި، މިނިމަމް ވޭޖާއެކު މުސާރައަށް ގެނެވުނު ބަދަލަކީ އެބޭފުޅުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއްގެގޮތުގައި ފާހަގަކުރެއްވިކަމަށް ރައީސް ވިދާޅުވިއެވެ. ޓޫރިޒަމް ދާއިރާގެ މުސްތަޤުބަލަށް އަދިވެސް އިތުރު ކަންކަން ބޭނުންވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ސިނާޢަތުގެ ބޭފުޅުން އެދިވަޑައިގަންނަވާގޮތަށް ދާއިރާގެ އެންމެން ތަމްޞީލުވާނެހެން ޓޫރިޒަމް އެޑްވައިޒަރީ ކޮމެޓީއެއް ނުވަތަ ކޮމިޝަނަށް އުފައްދަވާނެކަމަށެވެ.
ރައީސް ވިދާޅުވީ، ޓޫރިޒަމް ސިނާޢަތުގައި މަސައްކަތްކުރާ މުވައްޒަފުން ހަފްތާއަކު މަސައްކަތްކުރާ ގަޑި 48 ގަޑިއިރުން 40 ގަޑިއިރަށް ބަދަލުކުރުމަކީވެސް ސިނާޢަތުގައި ހަރަކާތްތެރިވާ މުވައްޒަފުން ބޭނުންވާކަމެއްކަމަށެވެ. އެހެންކަމުން ހަފްތާއަކު މަސައްކަތްކުރަންޖެހޭ ވަގުތު ކުޑަކޮށް 2 ދުވަހުގެ ޗުއްޓީ ލިބޭނެގޮތް ހެދުމަށް އިންޑަސްޓްރީގެ ބޭފުޅުންނާއި މަޝްވަރާކުރައްވާނެކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.
"އަޅުގަނޑުމެން އެ މަސައްކަތް ފަށާނަން. ރިސޯޓު އޯނަރުންނާއެކީގައިވެސް މިކަމުގައި އަޅުގަނޑުމެން މަސައްކަތް ކުރަންޖެހޭނެ.. މިނިމަމް ވޭޖް ކަނޑައެޅުމުގައިވެސް އަޅުގަނޑުމެން މަސައްކަތްކުރީ އެގޮތަށް.. މުސާރަ ލިބޭ ފަރާތާއި، މުސާރަ ދޭ ފަރާތާއި ދެމެދުގައި މަޝްވަރާކޮށް އޭގައި ހައްލެއް ހޯދުން އެއީ އެންމެ ރަނގަޅުގޮތްކަމަށް އަޅުގަނޑަށް ފެންނާތީ އެ މަސައްކަތް އަޅުގަނޑު ފަށާނެ ވާހަކަ ދަންނަވަން." ރައީސް ޞާލިޙު ވިދާޅުވިއެވެ.
ރައީސް ޞާލިޙު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތުގައި އިސް މަޤާމްތަކުގައި ގިނަ އަދަދެއްގެ ބިދޭސީން ތިބޭތީ، އެ މަޤާމްތަކަށް ބޭނުންވާ ދިވެހިން އުފެއްދުމަށްވެސް ޚާއްސަ އިސްކަމެއްދެއްވާކަމަށެވެ. އެގޮތުން ސަރުކާރުން މަތީ ތަޢުލީމަށްދޭ ސްކޮލަރޝިޕްތަކުގެ ފަތުރުވެރިކަމުގެ މަތީ ފަންތީގެ މަޤާމްތައްވެސް ހިމެނޭގޮތަށް ރިސޯޓުތަކުގެ ޖެނެރަލް މެނޭޖަރުންނާއި ހަމައަށް މީހުން ތަމްރީންކުރުމަށް ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ތަޢާރަފުކުރުމަށް ނިންމަވާފައިވާކަންވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.