ޚަބަރު

އިތުރު 12 ވޯޓު ފޮށްޓާއެކު މާލޭގައި 187 ވޯޓު ފޮށި، ރާއްޖެއިން ބޭރުގަ 9ފޮށި


  • މާލޭގައި ވޯޓުލުމަށް 11 ފޮށި ވަނީ އިތުރުކޮށްފައި، ޖުމްލަ 187 ފޮށި

  • ވޯޓު ފޮށީގެ ޖުމްލަ އަދަދު 574އިން 586 އަށް ވަނީ އިތުރުވެފައި

  • ދެވަނަ ބުރުގައި 282804 މީހުންނަށް ވޯޓު ލުމުގެ ޙައްގު ލިބޭ

އިތުރު 11 ވޯޓު ފޮށްޓާއެކު މާލެ ސަރަޙައްދުގައި އިންތިޚާބުގެ ދެވަނަ ބުރުގައި 187 ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅުއްވައިފިއެވެ. ފުރަތަމަ ބުރުގައި މާލެ ސަރަހައްދުގައި ބަހައްޓާފައިވަނީ 176 ވޯޓު ފޮށްޓެވެ. ދެން ވޯޓު ފޮށްޓެއް އިތުރުކޮށްފައިވަނީ ރާއްޖެއިން ބޭރަށެވެ. މިއާއެކު ފުރަތަމަ ބުރަށްވުރެ އިތުރަށް ދެވަނަ ބުރުގައި 12 ވޯޓު ފޮށި ބަހައްޓައެވެ.

ރިޔާސީ އިންތިޚާބު 2023ގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ޙައްޤު 282395 މީހުންނަށް ލިބުނެއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލެވޭ މީހުންގެ ޢަދަދަށް ވަނީ ބަދަލު އައިސްފައެވެ.

އިންތިޚާބުގެ ދެވަނަ ބުރަށް 18 އަހަރު ފުރިގެން، 409 ޒުވާނަކަށް ވޯޓު ލުމުގެ ޙައްގު އަލަށް ލިބެއެވެ. މިއާއެކު ދެވަނަ ބުރުގައި ވޯޓު ލުމުގެ ޙައްގު ލިބޭ މީހުންގެ ޖުމްލަ އަދަދަކީ 282804 މީހުންނެވެ.

ފުރަތަމަ ބުރަށްވުރެ ދެވަނަ ބުރުގައި ވޯޓު ފޮށި ބަހައްޓާ އަދަދުވެސް އިލެކްޝަން ކޮމިޝަނުން ވަނީ އިތުރުކޮށްފައެވެ. މި އަދަދަށް އެންމެ ބޮޑު ބަދަލެއް އައީ ރީރެޖިސްޓްރޭޝަންއަށް އައި ބަދަލުތަކާއެކުއެވެ. އަދި ކުރިން އެއް ފޮށި ބެހެއްޓި ތަންތަނުގައި ދެ ވޯޓު ފޮށި ބެހެއްޓުމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އީސީން ބަހައްޓާފައިވަނީ 574 ވޯޓު ފޮށްޓެވެ. ނަމަވެސް އިތުރު 12 ފޮއްޓާއެކު، ދެވަނަ ބުރުގެ އިންތިޚާބުގައި 586 ވޯޓު ފޮށި ބަހައްޓައެވެ.

ފޮށި އިތުރުކޮށްފައިވަނީ މާލޭގެ އިތުރުން ރާއްޖެއިން ބޭރުގައި ބަހައްޓާ ބައެއް ސަރަހައްދުތަކަށެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މާލެއަށް 11 ވޯޓު ފޮށި މިި ބުރުގައި ވަނީ އިތުރުކޮށްފައެވެ. އެގޮތުން ފުރަތަމަ ބުރުގައި 176 ވޯޓު ފެށި މާލޭގައި ބެހެއްޓިނަމަވެސް، ހޮނިހިރު ދުވަހު ބާއްވާ ދެވަނަ ބުރުގެ އިންތިޚާބުގައި 187 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ރާއްޖެއިން ބޭރުގައި މިދިޔަ ބުރު ބެހެއްޓީ 8 ވޯޓު ފޮށްޓެވެ. ނަމަވެސް މިފަހަރު 9 ފޮށި ބަހައްޓައެވެ.

އަތޮޅުތަކާއި ރިސޯޓްތައް އަދި ޖަލުތަކާއި ސިނާއީ ރަށްތަކުގައި ބަހައްޓާ ވޮޓު ފޮށީގެ އަދަދަށް ބަދަލު އައިސްފައެއް ނުވެއެވެ.

އަތޮޅުތަކުގައި 319 ވޯޓު ފޮށި، ރިސޯޓްތަކުގައި 65 ވޯޓު ފޮށި، ޖަލުތަކުގައި 5 ވޯޓު ފޮށި އަދި ސިނާޢީ މަސައްކަތްކުރާ ރަށެއްގައި 1 ވޯޓު ފޮށި ބަހައްޓައެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ، ފުރަތަމަ ބުރުގައި ވޯޓު ލުން ކުރިއަށްގެންދިޔަ ރަށްތަކާއި ރިސޯޓްތަކާއި ސިނާޢީ ރަށްތަކުގެ ޢަދަދަށްވެސް ބަދަލެއް ނާދެއެވެ. ނަމަވެސް ފޮށީގެ އަދަދަށް ވަނީ ބަދަލު އައިސްފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ފާހަގަވި ބައެއް މައްސަލަތަކަށްވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ހައްލު ގެންނަވާފައެވެ. އެގޮތުން އިންތިޚާބުގެ ވޯޓުލީ ބައެއް މަރުކަޒުތަކުގެ ޖާގަ ކުޑަވުމުގެ ސަބަބުން ދިމާވި ދަތިތައް ހައްލުކުރުމުގެ ގޮތުން، 43 ވޯޓު ފޮއްޓެއް ޖާގަ ތަނަވަސް ތަންތަނަށް ވަނީ ބަދަލުކޮށްފައެވެ. މީގެތެރޭގައި މާލެ އަދި އަތޮޅުތަކުގެ ބައެއް ރަށްތަށްވެސް ހިމެނެއެވެ.

ވޯޓު ފޮށި ބަހައްޓަފައިވާ ތަން ޔަގީންކުރުމަށް VR ލިޔުމަށްފަހު ހުސްތަންކޮޅެއް ދޫކޮށްލާފައި، އައިޑީ ކާޑު ނަންބަރު ޖެހުމަށް ފަހު 1414 އަށް މެސެޖުކުރުމުން އެ މަޢުލޫމާތު ލިބޭނެއެވެ. އަދި 1414 އަށް ގުޅައިގެންވެސް އެ މަޢުލޫމާތު ސާފުކުރެވޭނެއެވެ.

މިފަހަރުގެ އިންތިޚާބުގައި ހަރަކާތްތެރިވާ ރާއްޖޭގެ އޮބްޒާވަރުންގެ ޢަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި، މޮނިޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ހިމެނޭހެން ބައިވެރިވެފައިވަނީ 9071 މީހުންނެވެ. ނަމަވެސް ދެވަނަ ބުރުގެ އިންތިޚާބުގައި 12083 މީހުން ބައިވެރިވާނެއެވެ.

ރާއްޖެއިން ބޭރުން ބައިވެރިވާ ބޭރުގެ އިސް ބޭފުޅުންނާއި އޮބްޒާވަރުންގެ އަދަދަށްވެސް ވަނީ ބަދަލު އައިސްފައެވެ. އެގޮތުން އިންތިޚާބުގެ ފުރަތަަމަ ބުރުގައި 165 މީހުން ބައިވެރިވިއިރު، ދެވަނަ ބުރުގައި ބައިވެރިވާނީ 98 މީހުންނެވެ.

ދެވެނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ އަންނަ ހޮނިހިރު ދުވަހުއެވެ.