ޚަބަރު

ރިޔާސީ އިންތިހާބުގެ ފުރިހަމަކަން ފާހަގަކޮށް، ކޮމަންވެލްތުގެ ތައުރީފް ރާއްޖެއަށް!


ރިޔާސީ އިންތިހާބުގެ އިންތިޒާމްތަކާއި މަސައްކަތްތައް ރާއްޖޭގައި ކުރިއަށްދިޔައީ އަމާންކަމާއެކު ދެ ފުށް ފެންނަ އިންތިޒާމެއްގެ ދަށުންކަމަށް ވިދާޅުވެ، ކޮމަންވެލްތުން ރާއްޖެއަށް ތައުރީފްކޮށްފިއެވެ.

މިދިޔަމަހުގެ 9 ވަނަ ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރާއި މިދިޔަ ހޮނިހިރުދުވަހު އޮތް އިންތިހާބުގެ ދެވަނަ ބުރު އޮބްޒާވްކުރުމަށް ކޮމަންވެލްތުގެ ފަރާތުން 7 ބޭފުޅުންގެ މައްޗަށް އެކުލެވޭ ވަފްދެއް ރާއްޖެ ވަޑައިގެންނެވިއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްފަހު ކޮމަންވެލްތުގެ ފަރާތުން ނެރުނު ބަޔާން އިއްވަވަވަމުން، ކޮމަންވެލްތުގެ އޮބްޒާވަރ ގްރޫޕްގެ ވެރިޔަކަށް ހުންނެވި ސީޝެލްސްގެ ކުރީގެ ރައީސް ޑެނީފޯ ފްރޭ ވިދާޅުވީ އިންތިހާބުގެ ފުރަތަމަ ބުރުގައި ފާހަަގަވި ބައެއް މައްސަލަތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގައި ވަރަށް ބޮޑަށް ރަނގަޅުކޮށްފައިކަމަށެވެ. އެގޮތުން އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުގެ ސިއްރުކަން ކަށަވަރުކުރުމަށްޓަކައި، ވޯޓުލާ ބޫތަކަށް ގެނެސްފައިވާ ބަދަލާއި ކިއުތައް ކުޑަކުރުމަށް ފޮށިތައް އިތުރުކޮށްފައިވާކަންވެސް ކޮމަންވެލްތުން ފާހަގަކުރެއެވެ.

ޥޯޓްލާ މަރުކަޒުތަކުގައި އޮފިޝަލުންގެ ގޮތުގައި ޒުވާނުންނާއި، އަންހެނުންގެ ބައިވެރިވުން ބޮޑުކަމާއި، އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުންނާއި ނުކުޅެދޭ މީހުން ކިއުގައި ނުޖެހި ވޯޓްލެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަންވެސް ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްފަހު ކޮމަންވެލްތުގެ ފަރާތުން ނެރުނު ބަޔާނުގައި ފާހަގަކުރިއެވެ.

ކޮމަންވެލްތުގެ ބަޔާނުގައި ބުނީ ރިޔާސީ އިންތިހާބު ކާމިޔާބުކަމާއެކު ކުރިއަށްގެންދެވިފައިވަނީ ރައްޔިތުންގެ އެކަމަށް ދިން އެއްބާރުލުމުގެ ސަބަބުންކަމަށެވެ. އަދި ޑިމޮކްރެޓިކް މަރުހަލާ ކުރިއަށްގެންދިއުމަށް ރައްޔިތުން ބޭނުންވެފައި ތިބި މިންވަރު އިންތިހާބުން ހާމަވެފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށްފަހު ކޮމަންވެލްތުގެ ފަރާތުން ނެރޭ ރަސްމީ ރިޕޯޓް ސަރުކާރާއި ކަމާއިބެހޭ އެެހެން ފަރާތްތަކަށް އެރުވުމަށްފަހު، އެ ރިޕޯޓް އާއްމުކުރުމަށް ހަމަޖެހިފައިވާކަމަށް އެ ޖަމާޢަތުން ބުނެއެވެ.

56 ޤައުމެއް ހިމެނޭ ކޮމަންވެލްތުގެ ވަފްދުގެ އިތުރުން، ޔޫރޮޕިއަން ޔޫނިއަނާއި ބައެއް ޤައުމުތަކުގެ އިލެކްޝަންސް ކޮމިޝަނުގެ ފަރާތުން ވަނީ ރިޔާސީ އިންތިހާބު އޮބްޒާވްކުރުމަށް ރާއްޖެ އައިސްފައެވެ. އެ ފަރާތްތަކުންވެސް ވަނީ އިންތިހާބުގެ ފުރިހަމަކަމާއި ދެ ފުއް ފެންނަ އިންތިޒާމްތަކެއްގެ ތެރެއިން މަސައްކަތްތައް ކުރިއަށްދިޔަކަން ފާހަގަކޮށްފައެެވެ.