ޚަބަރު

އަންހެނުންނާއި ޒުވާނުންނަށް ޕާޓީ ތެރެއިން ޚާއްސަ މަޤާމުތަކެއް ދެވޭނެ: ދަ ޑިމޮކްރެޓްސް


  • ސިޓީތަކުގައި އަދި އަތޮޅު ފެންވަރުގައިވެސް މަޤާމު ލިބިގެންދާނެ

  • ނޮވެމްބަރު 15ގެ ނިޔަލަށް ޕާޓީއަށް ވަންނަ ކޮންމެ މެމްބަރަކަށް މަޤާމުތަކަށް ކުރިމަތިލެވޭނެ

އަންހެނުންނާއި ޒުވާނުންނަށް ދަ ޑިމޮކްރެޓްސްގެ ތެރެއިން ޤައުމީ ފެންވަރުގައާއި، ކޮންމެ އަތޮޅެއްގައި އަދި ކޮންމެ ސިޓީއެއްގައި މަޤާމުތަކެއް ޚާއްސަކުރެވިގެންދާނެކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފިއެވެ. އެޕާޓީން މިކަން ހާމަކޮށްފައިވަނީ މިއަދު ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޑިމޮކްރެޓްސް އިންޓެރިމް ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން، ނ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދް ބަަޝީރު ވިދާޅުވީ، އެ ޕާޓީގެ އަންނަ ދައުރުގެ މަޤާމުތައް ފުރާނެ މީހުން އިންތިޚާބު ކުރުމަށް އިންތިޚާބު ކޮމިޓިއެއް އެކުލަވާފައެވެ. އެގޮތުން، ޚާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ޕާޓީގެ ގިނަ ލީޑަރޝިޕް މަޤާމުތައް ޚާއްސަ ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

"ތަފާތުކަމަކަށް އޮތީ، އަންހެނުންގެ ފަރާތުން ކޮންމެ ރަށެއް، ކޮންމެ އަތޮޅެއް އަދި ޕާޓީ ފެންވަރުގައިވެސް ލީޑަރަކު ނަގާނެ. ހަމަ އެހެންމެ ޒުވާނުންގެ ތެރެއިންވެސް ގައުމީ ފެންވަރުގައި، އަތޮޅު، ރަށު، ސިޓީތައް، އަދި ސިޓީތަކުގަ ހުންނަ ދާއިރާތަކުގެ ފެންވަރުގައި މަގާމުތައް ނަގާނެ." ބަޝީރު ވިދާޅުވިއެވެ.

މީގެ އިތުރުން، ދާއިރާތަކުގެ ހިންގާ ކޮމިޓީއެއް ޑިމޮކްރެޓްސްގައި ނޯންނާނެކަމަށް ވިދާޅުވެ، އޭގެ ބަދަލުގައި، ދާއިރާ ރައީސްއެއް ހުންނާނެކަމަށް ވިދާޅުވި ބަޝީރު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އިން ބުނީ އަންނަމަހުގެ 15 ގެ ނިޔަލަށް ޕާޓީއަށް ވަންނަ ކޮންމެ މެމްބަރަކަށް މަޤާމުތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. ޑިމޮކްރެޓްސްއަކީ ރާއްޖޭގައި އެންމެފަހުން އުފެދުނު ސިޔާސީ ޕާޓީއެވެ.