ޚަބަރު

ސޫދާނުގައި ދެމުންދާ ވަރުގަދަ ޑްރޯން ހަމަލާތަކުގައި 160 މީހުން މަރުވެއްޖެ


ސޫދާނުގެ އެކި ސަރަހައްދުތަކަށް ދެމުންދާ ޑްރޯން ހަމަލާތައް ވަރުގަދަވެ، އެންމެ ފަހުގެ ހަމަލާތަކުގައި 160 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެ ޤައުމުގެ އަސްކަރިއްޔާއާއި ޕެރެމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަސްއިން (އާރްއެސްއެފް) ކުރަމުންދާ ހަނގުރާމައިގައި، އާންމުން ދިރިއުޅޭ މާރުކޭޓުތަކަށާއި ދަތުރުފަތުރުކުރާ މަރުކަޒުތަކަށް ޑްރޯނުން ދޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. އެންމެ ނުރައްކާތެރި ހަމަލާ އަމާޒުވީ ހުޅަނގު ކުރްދުފާންގެ އަލް-ދަބަބު އަވަށުގެ މާރުކޭޓަކަށެވެ. އެ ސަރަހައްދުގައި އެއްވެ ތިބި އާންމުންނަށް އަމާޒުކޮށް ދިން ހަމަލާގައި 80 މީހުން މަރުވިއިރު، ޒަޚަމުވި މީހުންގެ ތެރެއިން 30 މީހަކު ފަހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން ވެރިރަށް ޚަރްޠޫމާއި، ނީލް ޕްރޮވިންސާއި، ދެކުނު ދާރްފޫރުގެ ނުޔާލާއަށް ވެސް ވަރުގަދަ ހަމަލާތަކެއް ދީފައިވެއެވެ.

މި ހަމަލާތައް އެކުވެރި ދައުލަތްތަކުން (އދ) ވަނީ ކުށްވެރިކޮށްފައެވެ. އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝްގެ ތަރުޖަމާނު ސްޓިފަން ދުޖަރީކް ވިދާޅުވީ، ކުޑަކުދިން ހިމެނޭހެން ޢާންމުން މަރުވަމުންދާތީއާއި ޚިދުމަތްތަކަށް ބުރޫއަރަމުންދާތީ އިންތިހާއަށް ކަންބޮޑުވާ ކަމުގައެވެ. ހަނގުރާމައިގެ ޙާލަތު މޮނިޓަރުކުރާ އޭސީއެލްއީޑީން ބުނީ، 2023 ވަނަ އަހަރުގެ އެޕްރީލު މަހު ފެށުނު މި ދާޚިލީ ހަނގުރާމައިގައި މިހާތަނަށް 59،000 މީހުން މަރުވެފައިވާ ކަމުގައެވެ. ނަމަވެސް، އެހީދޭ ޖަމުޢިއްޔާތަކުން ޤަބޫލުކުރަނީ އަސްލު ޢަދަދު މިއަށްވުރެ މާ މަތިވާނެ ކަމަށެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން 13 މިލިޔަން މީހުން ގެދޮރު ދޫކޮށް ގޮސްފައިވާއިރު، މިއީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ ބޮޑު އިންސާނީ ކާރިސާއެވެ. ސޫދާނުގެ 33.7 މިލިޔަން މީހުންނަށް ކާބޯތަކެތީގެ އަވަސް އެހީތެރިކަން މި އަހަރު ބޭނުންވެއެވެ. އޭގެ ތެރޭގައި 17.3 މިލިޔަން ކުޑަކުދިން ހިމެނެއެވެ. މީގެ އިތުރުން ގާތްގަނޑަކަށް 825،000 ކުޑަކުދިން ކާނާ ނުލިބުމުގެ ނުރައްކާތެރި ހާލަތަކާ ކުރިމަތިލަމުންދާ ކަމުގައި އދ އިން ބުނެއެވެ. މި ހަނގުރާމަ ހުއްޓުވުމަށް އދ ގެ ސަލާމަތީ މަޖިލީހުން ފިޔަވަޅު އެޅުމަށް އެމެރިކާއިން ގޮވާލި ނަމަވެސް، ހަތިޔާރު މަނާކުރުން ފުޅާކުރުމަށް ރަޝިއާއާއި ޗައިނާއިން ވަނީ ދެކޮޅު ހަދާފައެވެ.