2022 ވަނަ އަހަރުގެ ބޯހިމެނުމުގެ މަޢުލޫމާތު އަތޮޅު ފެންވަރުގައި ހިއްސާކޮށް ބޯހިމެނުމުގެ މައުލޫމާތު ބޭނުންކުރުމަށް މީހުން ތަމްރީންކޮށްދޭނެ ޓްރެއިނަރުން ހޯދުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން ހުޅުވާލައިފިއެވެ.
8 އަހަރަށްފަހު ރާއްޖޭގައި ބޯހިމެނުމުގެ މަސައްކަތް ސްޓެޓްސް ބިއުރޯއިން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން އޮކްޓޯބަރުމަހާއި ހަމައަށެވެ. އަދި ބޯހިމެނުމުން އެއްކުރެވުނު މަޢުލޫމާތުތައް މިއަހަރުގެ މާރިޗުމަހުގެ 30 ވަނަ ދުވަހު އެ ބިއުރޯގެ ފަރާތުން ވަނީ އާއްމުކޮށްފައެވެ.
ސްޓެޓްސް ބިއުރޯއިން ވިދާޅުވީ، ބޯހިމެނުމުގެ ނަތީޖާއަށް ބިނާކޮށް އެ ބިއުރޯއިން އަތޮޅު ޕްރޮފައިލްތަކެއް ތައްޔާރުކުރަމުންދާކަމަށެވެ. އަދި މި މަޢުލޫމާތު އަތޮޅުތަކާއި ހިއްސާކޮށް، ރަށު ފެންވަރުގައި ބޯހިމެނުމުގެ މަޢުލޫމާތު ބޭނުންކުރަން ދަސްކޮށްދިނުމަށް އަތޮޅުތަކުގައި ތަމްރީން ކުރިއަށްގެންގޮސްދޭނެ 20 ޓްރެއިނަރުން ބޭނުންވާކަމަށެވެ. މިކަމަށް ކުރިމަތިލުމުގެ ފުރުޞަތު 2 ނޮވެމްބަރުގެ ނިޔަލަށް އެ ބިއުރޯއިން ވަނީ ހުޅުވާލާފައެވެ.
2022 ގެ ސެންސަސް ޑިސެމިނޭޝަންގައި ޓްރޭނަރެއްގެ ގޮތުގައި ހޮވޭ ފަރާތްތަކަށް 3 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ތަމްރީން ފުރިހަމަކުރުމަށްފަހު އަތޮޅުތަކުގައި 2 ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ސްޓެޓްސް ބިއުރޯއިން ވިދާޅުވެއެވެ.
މި މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ތަމްރީން ދުވަސްވަރު އަދި މަސައްކަތުގައި ހޭދަވާ ދުވަސްތަކަށް އެލަވެންސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި އެލަވަންސް ދޭނީ ތަމްރީން ފުރިހަމަކޮށް މަސައްކަތް ފުރިހަމަކޮށް ނިމުމުންނެވެ.
މިކަމުގައި ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކުން 2 ނޮވެމްބަރު ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ގެ ކުރިން ސްޓެޓްސް ބިއުރޯގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޓްރޭނަރުންގެ އެޕްލިކޭޝަން ފޯމު ފުރިހަމަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
ބޯހިމެނުމުގެ މަސައްކަތަކީ ކޮންމެ 10 އަހަރަކުން އެއް އަހަރު ޤައުމުގެ ޙާލަތު ވަޒަންކޮށް ކުރިމަގުގައި ކުރިއަށްގެންދާ މަޝްރޫޢުތައް ޕްލޭންކުރުމަށް މަގުފަހިކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމަށް ކުރިއަށްގެންދާ ޤައުމީ ތަރައްޤީގެ މަސައްކަތެކެވެ. އެހެން ފަހަރުތަކާއި ޚިލާފަށް 2022 ވަނަ އަހަރުގެ ބޯހިމެނުމުގައި ވިޔަފާރިތަކާއި މަސައްކަތްކުރާ އިދާރާތަކުގެ މަޢުލޫމާތުވެސް ވަނީ އެއްކޮށްފައެވެ.