މިދުވަސްކޮޅު އާއްމުންގެ މެދުގައި އެންމެ ބޮޑަށް ވާހަކަދެކެވޭ އެއްކަމަކީ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުވާލި 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އާއްމުކުރުމާއެކު އާއްމުންގެ ތެރޭގައި ހުރި ކަންބޮޑުވުންތަކެވެ.
ލިސްޓާއި ގުޅިގެން އާއްމުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ބަންޑުންވާން ފެށުމާއެކު، މި މައްސަލައިގެ ތެރެއަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ވަދެ، އެކަން ތަޙުޤީޤުކުރުމުގެ މަސައްކަތް ކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ.
މާލޭ ސަރަޙައްދަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުގެ "ބިންވެރިޔާ" ސްކީމާއި "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން މާލޭ ސަރަޙައްދުން ގޯއްޗާއި، ފްލެޓަށް ކުރިމަތިލާން ސަރުކާރުން ހުޅުވާލީ 26 ޖޫން 2022 ގައެވެ.
ކުރީގެ ސަރުކާރުތަކުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި ޚިލާފަށް މި ސަރުކާރުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން ހުޅުވާލިއިރު އާއްމުންނަށް ލިބިގެންދިޔަ އެންމެ ބޮޑު ފަސޭހައަކީ ދިގު ކިއުއެއްގައި ގިނަ ވަގުތުތަކެއް ހޭދަކުރަން ނުޖެހި، ފަސޭހަކާއެކު އެމީހަކު ހުރި ތަނެއްގައި ހުރެގެން ހައުސިންގ މިނިސްޓްރީގެ "ގެދޮރުވެރިން" ޕޯޓަލް މެދުވެރިކޮށް ކުރިމަތިލެވޭނެ ގޮތް ހެދުމެވެ.
"ގެދޮރުވެރިޔާ ސްކީމް" ގެ އެންމެ ބޮޑު ބޭނުމަކީ ތަނަވަސް ބޯހިޔާވަހިކަމަކަށް އެންމެ ބޮޑަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ފުރުޞަތު ފަހިވާގޮތަށް ކަށަވަރުކުރުންކަމަށް ހައިސިންގ މިނިސްޓްރީން ވިދާޅުވިއެވެ.
އިންޑިއާގެ 2 ކުންފުންޏަކާ ޙަވާލުކޮށްގެން ހުޅުމާލޭގައި ތަރައްޤީކުރަމުންދާ 4000 ފްލެޓަށް ކުރިމަތިލާން ހުޅުވާލުމާއެކު، މި ސްކީމުގެ އަސާސީ ޝަރުތުތަކާއި، ސްކީމުގެ ދަށުން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ޕޮއިންޓް ދޭނެ އުޞޫލުވެސް އާއްމުކުރެއްވިއެވެ.
ފްލެޓާއި ގޯތި ދިނުމުގައި ކުރީގެ ސަރުކާރުތަކުން ޢަމަލުކޮށްފައިވާގޮތާއި ޚިލާފަށް މިފަހަރުގެ އުޞޫލުގައި އެންމެ ބޮޑު ތަފާތަކީ މިހާއަށް ލިބޭ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށް އިސްކަންދިނުމެވެ. ސްކީމުގެ އަސާސީ ޝަރުތުތަކުގެ ގޮތުގައި މައިގަނޑު 7 ކަމެއް ހިމަނާފައިވާއިރު، ޕޮއިންޓް ލިބޭ ދާއިރާތަކާއި، ޕޮއިންޓް ލިބޭނެ ޢަދަދުތައްވެސް އުޞޫލުގައި ހިމަނާފައިވެއެވެ.
• ފޯމް ހުށައަޅާ މީހާގެ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބޯހިޔާވަހިކަމް ނެތުން
• ބެލުމުގެ ދަށުގައި ތިބި ކުދިންގެ އަދަދު
• ދިރިއުޅުމުގެ ޙާލަތު (ގޭގައި ހުރި ކޮޓަރީގެ އަދަދާއި ދިރިއުޅޭ މީހުންގެ އަދަދު)
• ގޭގެ ސިޓިންރޫމުގައި ބަދިގޭގެ ޖާގަ
• ގޭގައި ފާޚާނާ ހުރި މިންވަރު
• ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައި
4000 ފްލެޓަށް ކުރިމަތިލާން ހުޅުވާލީ ވަކިވަކި ފަރުދުންގެ ގޮތުގައެވެ. ނަމަވެސް ބައިވެރިއެއްގެ ގޮތުގައި އަނބިމީހާ ނުވަތަ ފިރިމީހާއަށް ކޯ-އެޕްލިކަންޓަކަށް ވެވިދާނެއެވެ.
ފްލެޓަށް ހުޅުވާލުމުން ޖުމްލަ 20،697 ފޯމު ޕޯޓަލް މެދުވެރިކޮށް ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 13،000 އަށްވުރެ ގިނަ މީހުންގެ ޝަރުތު ފުރިހަމަވާކަމަށް ކަނޑައަޅާ، ފްލެޓް ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު ހައުސިންގ މިނިސްޓްރީން އާއްމުކުރެއްވީ 8 އޯގަސްޓް 2023 ގައެވެ.
ވަގުތީ ލިސްޓު އާއްމުކުރައްވަމުން މިނިސްޓްރީން އޭރު ވިދާޅުވެފައިވަނީ ދާއިމީ ލިސްޓު އިޢުލާންކުރުމުގެ ކުރިން ވަގުތީ ލިސްޓުގައި ޝަރުތުހަމާކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުގައި ދީފައިވާ ދިރިއުޅުމުގެ ޙާލަތާއިގުޅޭ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރާނެކަމަށެވެ.
އެގޮތުން ގޭގެއަށް ގޮސްގެން ޙާލަތު ބެލުމާއި، ފޯމުގައި ހުށަހަޅާފައިވާ މަޢުލޫމާތުގެ ސައްޙަކަން ކަށަވަރުނުކުރެވޭ ފަރާތްތަކުގެ ފޯމު "ގެދޮރުވެރިން ޕޯޓަލް" އަށް ފޯމު ހުށަހެޅިއިރު ވެފައިވާ އިޤްރާރުގައިވާގޮތުގެ މަތިން ޢަމަލުކުރެވޭނެކަން މިނިސްޓްރީން ވަގުތީ ލިސްޓާއެކު އާއްމުކުރި އިޢުލާނުގައި ވިދާޅުވެފައިވެއެވެ.
ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް މުއްދަތެއް ދެއްވުމަށްފަހު، ދާއިމީ ލިސްޓް ހައުސިންގ މިނިސްޓްރީން އާއްމުކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ. ވަގުތީ ލިސްޓާއި ޚިލާފަށް ދާއިމީ ލިސްޓު މިނިސްޓްރީން އާއްމުކުރެއްވީ، ލިބުނު ޕޮއިންޓުގެ މަޢުލޫމާތާއިވެސް އެކުގައެވެ.
އެގޮތުން ފްލެޓް ލިބޭ މީހުންގެ ތެރެއިން 3 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމަނާފައިވަނީ 76 އިން ފެށިގެން މަތިން މާރކްސް ލިބިފައިވާ ފަރާތްތަކެވެ. އަދި 2 ކޮޓަރީގެ ފުލެޓްގެ ދާއިމީ ލިސްޓްގައި ހިމަނާފައިވަނީ 73 އިން ފެށިގެން މަތިން މާކްސް ލިބިފައިވާ ފަރާތްތަކެވެ.
ވަގުތީ ލިސްޓު އާއްމުކުރުމާއެކު ދެން ފެނިގެންދިޔައީ، ޕޮއިންޓް ދީފައިވާގޮތާމެދު އާއްމުން ގިނަ ސުވާލުތަކެއް އުފައްދަން ފެށި މަންޒަރެވެ. ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ސޯޝަލް މީޑިއާއަށް ބަންޑުންކުރަން ފެށި މަންޒަރެވެ. ކޮރަޕްޝަނާއި، އެކި ކަހަލަ ތުޙުމަތުތަކުގެ އަޑު ގަދަވާން ފެށިއެވެ.
ޕޮއިންޓް ދިން އުޞޫލާމެދު ހިންހަމަނުޖެހިގެން ގިނަ ބަޔަކު ހައުސިންގ މިނިސްޓްރީ ދޮށަށްވެސް އެއްވިއެވެ. ބައެއް މީހުންނަށް ފްލެޓްދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ރިޢާއަތްކުރުމެއްނެތި ނުޙައްޤުންކަމަށް ބައެއް އާއްމުން ބުނެއެވެ. އަދި އަމިއްލަ މަސްލަޙަތު އޮންނަ މީހުންނަށް ފްލެޓްތައް ބަލާފައިވާކަމުގެ ތުޙުމަތުގެ އިނގިލި އެކި ފަރާތްތަކުން ދިއްކުރެއެވެ. މިނިސްޓްރީ ދޮށަށް އެއްވި މީހުން މިހާރުގެ ލިސްޓު އަލުން ބާތިލުކޮށް، ޕޮއިންޓް ދިންގޮތް އަލުން ރިވިއުކުރުމަށްވެސް ގޮވާލިއެވެ.
މިނިސްޓްރީ ދޮށަށް އެއްވި އާއްމުންގެ އުދާސްތަކާއި އެމީހުންގެ ޑިމާންޑްތައް އަޑުއައްސަވާ، އާއްމުންގެ ޝަކުވާތަކަށް ޖަވާބުދާރީވުމަށް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީންވެސް ހިމެނޭހެން ހައުސިންގ ކަންކަމުގައި އިސްކޮށް އުޅުއްވާ ބޭފުޅުން މަސައްކަތްކުރެއްވިއެވެ.
އެތަނުގައި ހުންނަވާ މީޑިއާތަކާ ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީން ވިދާޅުވީ، ދާއިމީ ލިސްޓް ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހު ކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. އެހެންނަމަވެސް ޕޮއިންޓްދިނުމުގައި ދިރިއުޅުމުގެ ޙާލަތަށް ރިޢާތްކޮށްފައިވާ މިންވަރާއި، ޕޮއިންޓް ދީފައިވާގޮތުގެ ތަފްޞީލު ގިނަ ބަޔަކު އެނގެން ބޭނުންވާތީ، މިނިސްޓްރީން މިހާރު ވަނީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފައެވެ.
އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި، އެކި ފަރާތްތަކުން ހުށަހަޅާފައިވާ ޝަކުވާތަކަށް ބަލާ، މިކަމުގެ ތެރޭގައި ކުރެވޭ ކޮރަޕްޝަންގެ އެކި ތުޙުމަތުތަކާއި، ނާޖާއީޒްގޮތުގައި ފްލެޓްތައް ދޫކޮށްފައިވޭތޯ ބެލުމުގެ މަސައްކަތް އޭ.ސީ.ސީއިން ވަނީ ފަށާފައެވެ. އޭ.ސީ.ސީގެ ކުއިކް ރެސްޕޯންސް ޓީމެއް މިނިސްޓްރީއަށްގޮސް، ކަމާގުޅުންހުރި ލިޔެކިޔުންތައް ބަލާ ތަޙުޤީޤުކުރުމުގެ މަސައްކަތް އެކޮމިޝަނުން އަންނަނީ ކުރައްވަމުންނެވެ. އަދި ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ފުލެޓާ ގުޅުންހުރި ކަންކަން ކުރިއަށް ނުގެންދިއުމަށް އޭ.ސީ.ސީއިން ވަނީ ހައުސިންގ މިނިސްޓްރީއަށް އަންގަވާފައެވެ.
އޭ.ސީ.ސީއިން ވަނީ މި މައްސަލަ ތަހްޤީގުކުރަމުން އަންނާތީ، އެސްކީމްގެ ދަށުން ދޫކުރާ ފުލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓުތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހާ މަސައްކަތްތައް، ޝަކުވާ ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއްދީ، އެ ޝަކުވާތަކަށް ބެލުމަށްފަހު ނޫނީ ކުރިއަށް ނުގެންދިއުމަށް ހައުސިންގ މިނިސްޓްރީއަށް އަންގަވާފައެވެ.
ކޮންމެއަކަސް ގިނަ ބައެއްގެ މަސްލަޙަތާއި ގުޅިފައިވާ މި މައްސަލައިގައި މިހާރު އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުންދަނީ މިކަމުގައި އޭ.ސީ.ސީގެ ތަޙުޤީޤަށް ހޯދޭ ކުރިއެރުންތަކާއި، އެކޮމިޝަނުން ހިއްސާކުރާނެ މަޢުލޫމާތުތަކަށެވެ.