ޚަބަރު

ޣައްޒާގެ އާބާދީގެ %61 މީހުންގެ ވަޒީފާ ގެއްލި ވިޔަފާރިތައް ހުއްޓުމަކަށް


  • ޣައްޒާގެ އިޤްތިސާދުވަނީ ކަންބޮޑުވާންޖެހޭ ވަރަށް ދަށްވެފައި

  • ވަޒީފާ ގެއްލުމުގެ ސަބަބުން އެތައް ހާސްބަޔަކު ވަނީ ފަގީރުވެފައި

  • ހަނގުރާމަ ކުރިއަށްދާނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެކަމަށް

ޔަހޫދީ އިސްރާޢީލުން ދެމުންދާ ހަމަލާތަކުގެ ސަބަބުން ޣައްޒާގެ އާބާދީގެ 60 އިންސައްތައަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލިފައިވާކަމަށް އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ބުނެފިއެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ބުނިގޮތުގައި އެތައް ހާސް މީހުންގެ ވަޒީފާތައް ގެއްލެމުންދާނަމަ ކުރިއަށް އޮތް އަހަރުތަކުގައި ބޮޑު ގެއްލުމެއް ޣައްޒާގެ އިޤްތިސާދަށް ކުރާނެކަމަށެވެ.

ފަލަސްޠީނުގެ ދެ ސަރަހައްދަކުން ޖުމްލަ 390،000 ވަޒީފާ ގެއްލިފައިވާ ކަމަށް ލަފާކުރެވޭއިރު މިއީ ދުވާލަކު 16 މިލިއަން ޑޮލަރުގެ ލޭބަރ އިންކަމް އިން ލިބޭ ގެއްލުމާއި އެއްވަރުގެ ގެއްލުމެކެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން، އައިއެލްއޯއިން ބުނިގޮތުގައި ޣައްޒާގައި އިސްރާއިލުންގެ އަސްކަރީ އޮޕަރޭޝަންތައް ވަރުގަދަވެ އެންކްލޭވްގައި އިންސާނީ ދަތިކަން ކުރިއަށްދާނަމަ އަދަދުތައް އިތުރުވާނެ ކަމަށް ލަފާކުރެވޭކަމަށެވެ.

ހިނގަމުންދާ އަނިޔާވެރި އަދި ގެއްލުންބޮޑު ހަނގުރާމައިގެ ސަބަބުން ފަލަސްޠީނުގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރުތަކާ ބެހޭ ގޮތުން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން ފުރަތަމަ ފަހަރަށް ކުރި ވަޒަންކުރުމުން، އިންތިހާއަށް ކަންބޮޑުވާންޖެހޭ ނަތީޖާތަކެއް ލިބިފައި ވާއިރު، ހަމަނުޖެހުން ކުރިއަށްދާނަމަ އެކަން އިތުރަށް ގޯސްވާނެކަމަށް އައިއެލްއޯގެ ރީޖަނަލް ޑިރެކްޓަރު ފޯ އަރަބް ސްޓޭޓްސް ރޫބާ ޖަރާދަތު ވިދާޅުވިއެވެ.

ރޫބާ ވިދާޅުވީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައަކީ ހަމައެކަނި ފުރާނަ ގެއްލުމާއި އިންސާނީ އަސާސީ ބޭނުންތަކުގެ ގޮތުން އިންސާނީ ގޮތުން ބޮޑު ދަތިކަމެއް ނޫން ކަމަށާއި އެއީ ވަޒީފާތަކަށާއި ވިޔަފާރިތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި އިޖުތިމާއީ އަދި އިގްތިސާދަށް ދަތިކަމެއް ގެންނަމުންދާ ކަމަށެވެ.

މުޅި ޣައްޒާގައި އާންމުންނަށް އިންސާނީ އެހީ ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ފުރިހަމަ، ހަލުވި، ރައްކާތެރި، އަދި ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ އެއްގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އައިއެލްއޯގެ ގަވަނިން ބޮޑީން މިހާރު ކުރިއަށްދާ ޖަލްސާގައި ގޮވާލާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިދަނީ ސަރުކާރާއި މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާއި އދ.ގެ އެޖެންސީތަކާއި އެހެނިހެން ފަރާތްތަކާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްތެރިންނާއި ވިޔަފާރިތަކަށް އަވަސް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން" ރޫބާ ފާހަގަކުރެއްވިއެވެ.

2023 ވަނައަހަރުގެ ދެވަނަ ކުއާޓާގައި ފަލަސްޠީނުގެ ސަރަހައްދުތަކުގައި ވަޒީފާ ނެތް މީހުންގެ އަދަދު 46.4 އިންސައްތައަށް އަރާފައިވާއިރު، މިއީ ދުނިޔޭގައި ވަޒީފާ ނެތް މީހުންގެ އެންމެ މަތީ ރޭޓުތަކުގައި ހިމެނޭ ރޭޓެކެވެ. އޭގެ އިތުރުން ޣައްޒާގެ އާބަދީގެ 80 އިންސައްތައަށްވުރެ ގިނަ މީހުން ދިރިއުޅެމުންދަނީ ފަގީރުކަމުގެ ކެޓަގަރީއަށްވުރެ ދަށުގައި ކަމަށް އދ އިން ހާމަކުރެއެވެ.

ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ޣައްޒާގެ އަވަށްތައް ހަލާކުވެ، އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ވިޔަފާރިތައް ބަންދުވެ، ފެނާއި ކާނާ އަދި ތެލުގެ ދަތިކަމުން އިގްތިސާދީ ހަރަކާތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.