ޚަބަރު

ޢަމަލުކުރީ ޤާނޫނުތަކާއި އެއްގޮތައް، ސިޔާސީ ގޮތުން ދިން ވަޒީފާއެއް ނޯންނާނެ: ސަޢީދު


  • ކޮރަޕްޝަނާއި ރޫޓިންއާއި ގުޅޭގޮތުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށް

  • ސިޔާސީގޮތުން އެއްވެސް މީހަކު މުވައްޒަފެއް ގޮތުގައި ނަގާފައިނުވާނެ ކަމަށް

  • ފެނަކައިން ރައްޔިތުންގެ މަންފާއަށް އެތައް މަސައްކަތެއް ކޮށްފައިވާނެ ކަމަށް

މި ހިނގާ ސަރުކާރުގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ފެނަކައިން ދެމުންދާ ޚިދުމަތްތަކާއި އެހެނިހެން މަސައްކަތްތަށް ކުރިއަށް ގެންގޮސްފައިވާނީ ރާއްޖޭގެ ޤާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށާއި، ސިޔާސީ ގޮތުން އެއްވެސް މީހަކަށް ވަޒީފާ ދީފައިނުވާނެކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

ފެނަކައަށް އަމާޒުކުރެވޭ އެކި ތުހުމަތުތަކާއި ގުޅިގެން އެކަމުގެ މަޢުލޫމާތު ދިނުމަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދު ވިދާޅުވީ، މި ނިމޭ ފަސް އަހަރުގެ ތެރޭގައި ފެނަކައިން ފޯރުކޮށްދީފައިވާ ހުރިހާ ޚިދުމަތްތަކަކީ ގާނޫނާއި، ގަވާއިދާއި އެއްގޮތަށް ފޯރުކޮށްދީފައިވާ ޚިދުމަތްތަކެއް ކަމަށެވެ.

އެގޮތުން ފެނަކައިގެ އެއްވެސް ވަޒީފާއަކަށް ސިޔާސީ ގޮތުން އެއްވެސް ފަރާތެއް އައްޔަން ކޮށްފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާއެކު ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަނާއި ރޫޓިން މަސައްކަތާއި އެ ކުންފުނޏަށް އަމާޒުކުރާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއްކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ މި ނިމޭ ފަސް އަހަރުގެ މުއްދަތުގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ އެއްވެސް ކޮރަޕްޝަނާއި ގުޅޭ މައްސަލައެއް ސާބިތުވެފައި ނޯންނާނެކަމަށެވެ. ހުރިހާ މަސައްކަތެއްވެސް ކުރިއަށް ގެންގޮސްފައިވާނީ ދައުލަތުން ކަނޑައަޅާފައިވާ އުސޫލްތަކާއި ހަމަތަކާއި އެއްގޮތައް ކަމަށް ސަޢީދު ވިދާޅުވިއެވެ.

މީގެ އިތުރުން ފެނަކަ ކޯޕަރޭޝަންގެ ދަރަނި އިތުރުވެފައިވާ މައްސަލައަށްވެސް ސަޢީދު ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން އެކުންފުނީގެ ދަރަނި 1.4 ބިލިއަން ރުފިޔާ އޮތްނަމަވެސް، އެ ދަރަނި ދަނީ ކޮންމެ މަހަކު ފެނަކައިން ދައްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ 2027 ވަނަ އަހަރު ނިމޭ އިރު ފެނަކައިގެ ދަރަނީގެ 90 އިންސައްތަ ޚަލާސްކޮށް ނިމޭނެކަމަށެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކުން 400 މިލިއަން ރުފިޔާގެ ދަރަންޏެއް ފެނަކައިން ނަގާފައިވާނެކަމަށާއި، އެރުފިޔާ ހޭދަކުރަމުންދަނީ އެސްޓީއޯގެ ތެޔޮ ބިލާއި ސަޕްލިމެންޓަރީ ކޮމެޓީގެ ބިލްތައް ދެއްކުމަށް ފެނަކަ އެމްޑީ ވިދާޅުވިއެވެ.

"ކޮވިޑް-19 އާއި އެކު ތަކެތީގެ އަގު އުފުލިގެން ދިއުމާއި، ފެނާއި ނަރުދަމާ އެކްސްޓެންޝަން ހިލޭ ގުޅައިދިނުމާއި، މިނިމަވް ވޭޖްގެ ސަބަބުން ފެނަކައަށް ލޮޅުން އެރުމުގެ އިތުރުން މީހުން ބަދަލުވާނެކަމަށް ލަފާކުރެވޭ ގޭގެއަށް ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ ސަބަބުން ފެނަކައަށް ލިބޭ އާމްދަނީ މަދުވެ ފެނަކައިގެ ދަރަނި އިންތިހާއަށް ބޮޑުވެގެން ދިޔަ" މެނޭޖިން ޑިރެކްޓަރ އަޙްމަދު ސައީދު މުހައްމަދު ވިދާޅުވިއެވެ.

ސަރުކާރުގެ މި ހިނގާ 5 އަހަރުގެ މުއްދަތުގެ ތެރޭގައި ފެނަކައިން އެތައް ކަމެއް ރައްޔިތުންގެ މަންފާއަށް ކޮށްދީފައިވާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ. އެގޮތުން އޭނާ ވިދާޅުވީ ރަށްރަށުގައި ފެނަކަ އިންފްރަސްޓްރަކްޗަރ އަޕްގްރޭޑް ކުރުމުގެ މަސައްކަތައް އެތައް ޚަރަދެއްކޮށްފައިވާނެ ކަމަށެވެ.

ސައީދު ވިދާޅުވީ، ރައީސް ޞަލިޙްގެ އަމާޒުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންނަށް އަސާސީ ޚިދުމަތް އެންމެ އިތުބާރާއި ޔަގީންކަމާއެކު ފޯރުކޮށްދިނުން ހިމަނާފައިވާއިރު، މިހާރު ރައްޔިތުންނަށް އެ ފުރުސަތު ފަހިކޮށްދެވި އެތައް ލުއިފަސޭހަތަކެއް ފޯރުކޮށްދެވިގެން ގޮސްފައިވާނެ ކަމަށް ސައީދު ފާހަގަކުރެއްވިއެވެ.

މިނިމޭ ފަސް އަހަރު ތެރޭގައި ފެނަކައިން ފޯރުކޮށްދޭ ޚިދުމަތްތައް އިތުރުކުރެވިފައިވާކަމަށާއި، ނަތީޖާއަކަށްވާނީ ކުރިއަށް އޮތް 40 އަހަރު ތެރޭގައި ފެނަކައިގެ އިންފްރަސްޓްރަކްޗަރއަށް ބަދަލެއް ގެންނަން ނުޖެހުންކަމަށްވެސް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައީދު މުހައްމަދު ވިދާޅުވިއެވެ.