ޚަބަރު

ކާވެންޏާއި ގުޅުންހުރި ފޯމުތައް މިހާރު އޮންލައިންކޮށް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭނެ


  • ޕޯޓަލް މެދުވެރިކޮށް ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށްވެސް ފޯމު ހުށަހެޅޭނެ

  • ކާވެނި ފޯމުތަކުގެ ތެރެއިން %60 އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ފޯމުތައް

  • ކުރިއަށްއޮތްތާނގައި ފެމެލީ ކޯޓުވެސް އިތުރުކުރެވޭނެ

ކާވެންޏާއި ގުޅުންހުރި ފޯމުތައް އޮންލައިންކޮށް މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭނެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީ.ޖޭ.އޭއިން ހަމަޖައްސަވައިފިއެވެ.

ކާވެންޏާއި ގުޅުންހުރި ފޯމުތައް އޮންލައިންކޮށް ހުށަހެޅުމަށްޓަކާ "ކާވެނި ޕޯޓަލް"ގެ ނަމުގައި ޙާއްސަ ޕޯޓަލެއް ވަނީ ތަޢާރަފުކޮށްފައެވެ. މި ޕޯޓަލް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދުނާނެވެ.

މި ޕޯޓަލަކީ ކާވެންޏާއި ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޢާންމުންނަށް ފަސޭހަކުރުމުގެ މަޤްޞަދުގައި ތަރައްޤީކޮށްފައިވާ ޕޯޓަލެކެވެ.

މި ޕޯޓަލްގެ ފުރަތަމަ ފޭސް އިފްތިތާޙްކުރެވުމާއެކު މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކާވެންޏާ ގުޅުންހުރި ފޯމުތައް މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ހުޅުވާލެވިގެންދާނެކަމަށް ޑީ.ޖޭ.އޭއިން ވިދާޅުވެއެވެ. އަދި ޕޯޓަލުގެ ތެރެއިން ކުރިއަށްއޮތްތަނުގައި ފެމެލީ ކޯޓަށްވެސް މި ޚިދުމަތްތަކަށް ފޯމު ހުށަހެޅޭނެކަމަށް ޑީ.ޖޭ.އޭއިން ވިދާޅުވެއެވެ.

މި ޕޯޓަލް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލ އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ ދެއްކެވި ވާހަކަފުޅުގައި، ކޯޓުތަކަށް ހުށަހެޅޭ ކާވެނި ފޯމުތަކުގެ ތެރެއިން %60 އަކީ މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅޭ ފޯމުތައް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި ހުރިނަމަވެސް، ކައިވެނިކުރަން ބޭނުން ކޮންމެ މެޖިސްޓްރޭޓް ކޯޓަކަށް މި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށް ވިދާޅުވިއެވެ.

މިފަދަ ޕޯޓަލެއްގެ ސަބަބުން ކޯޓުތަކުން ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ލުއިފަސޭހަތަކެއް ވެގެންދާނެކަން ޗީފް ޖުޑީޝަލ އެޑްމިނިސްޓްރޭޓަރ ފާހަގަކުރެއްވިއެވެ.

"ކާވެނި ޕޯޓަލް" އަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްއާއި ގުޅިގެން ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާއެކު ޑީ.ޖޭ.އޭއިން ތަރައްޤީކޮށްފައިވާ ޕޯޓަލެކެވެ.