ޚަބަރު

ނައިބު ރައީސްގެ ފަހު ބަސްދީގަތުން، ވިދާޅުވީ ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ދެމިހުންނަވާނެކަމަށް


  • ދައުރުގެ އެންމެފަހު ދުވަހު ނާއިބު ރައީސް ވަނީ ދިވެހިރާއްޖޭގެ އަޑަށް ވަޑައިގެންފައި

  • ރައްޔިތުން ބަލައިގަންނަ ފަދަ ކަމެއް ކުރުުމުގެ އަޒުމް ތުއްޕުޅުއިރުވެސް ހުރޭ

  • މުޖުތަމަޢުއަށް ފައިދާހުރި ކަންކަން ކުރުމުގައި ދެމިހުންނަވާނެކަމަށް ވިދާޅުވި

ކުރިއަށް އޮތް ތާނގައިވެސް ޤައުމަށް ފައިދާހުރި އަދި އަގުހުރި ޚިދުމަތްތައް ކޮށްދިނުމުގައި ދެމިހުންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ނައިބު ރައީސް މިފަދައިން ވިދާޅުވީ، ދައުރުގެ އެންމެފަހު ދުވަހު، ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރާމަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.

ދިވެހިރާއްޖޭގެ އަޑުން ގެނެސްދިން "އަދުގެ ރާއްޖެ" ޕްރޮގްރާމުގެ ޙާއްސަ މެހެމާނެއްގެގޮތުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، ޤައުމުގެ ރައްޔިތުން ބަލައިގަންނަ ކަމެއް ކޮށްދިނުމުގެ އަޒުމު އެންމެ ކުރީއްސުރެވެސް އެމަނިކުފާނު ދުށް ކަމަށެވެ. މިއަދަކީ އެމަނިކުފާނުގެ މަޤާމުގެ އެންމެ ފަހު ދުވަހަށް ވީނަމަވެސް ކުރިއަށް އޮތާނގައި އެމަނިކުފާނު އަދާކުރައްވާ ކޮންމެ މަގާމެއްގައި ހުންނަވައިގެން މުޖުތަމައަށް ފައިދާހުރި މަސައްކަތްތައް ކޮށްދިނުމަށާއި ރައްޔިތުންނަށް އެހީތެރިވުމުގައި ދެމިހުންނަވާނެކަމަށް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

ނައިބް ރައީސް ފައިޞަލް ވިދާޅުވީ، އެމަނިކުފާނު އެންމެ ކުޑައިރުން ފެށިގެން ޙާއްސަ ހަނދާންތަކެއް ދިވެހިރާއްޖޭގެ އަޑާއި ގުޅިފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ އަޑުން ކުރަމުންދާ މަސައްކަތަކީ އަގުހުރި މަސައްކަތެއް ކަމަށާއި އެކުރައްވާ ބުރަ މަސައްކަތް އެމަނިކުފާނު ބަލައިގަންނަ ކަމަށެވެ. ހަމައެއާއެކު މަޤާމުގެ އެންމެ ފަހު ދުވަހު ދިވެހިރާއްޖޭގެ އަޑަށް ޒިޔާރަތްކުރެއްވުމަށް ވިސްނެވީ ދިވެހިރާއްޖޭގެ އަޑަކީ އެމިނުކުފާނަށް ވަރަށް ޙާއްސަ ތަނަކަށްވާތީ ކަމަށް ނައިބް ރައީސް ވަނީ ވިދާޅުވެފައެވެ.

ނައިބް ރައީސް ފައިޞަލް ނަސީމުގެ ވާހަކަފުޅުގައި މިހާރުގެ ޒުވާނުންނަށް ޙާއްސަކޮށް މުހިންމު ނަސޭހަތްތަކެއް ވަނީ ދެއްވާފައެވެ. އެގޮތުން ގައުމު ގައުމަކަށްވަނީ އެކި ދާއިރާތަކުގައި މަސައްކަތްކުރާ ޒުވާނުންގެ ބުރަ މަސައްކަތުން ކަމަށް ނައިބް ރައީސް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މުސްތަޤްބަލް ބިނާވާނީ އަަޅުގަނޑުމެންގެ ތިބި ޒުވާނުންގެ މައްޗަށް. ޒުވާނުންނަށް ދަންނަވާލަން އޮތީ ރަނގަޅު ގޮތުގައި ވަގުތުތައް ހޭދަކުރަންޖެހޭ، ކަންކަން ދަސްކުރަން އެބަ ޖެހޭ، ޒިންމާދާރު މީހަކަށް ވާންޖެހޭ. ގަައުމާ ދޭތެރޭ ވިސްނާ ބަޔަކަށް ވާން ޖެހޭ. ހަމަޖެހުމާއި، އެކުވެރިކަމާއި އެއްބައިވަންތަކަމަށް ލޯބިކުރާ ބަޔަކަށް ޖެހޭ، އިހްތިރާމްކުރާ ބަޔަކަށް ވާންޖެހޭ، ގައުމީ ވިސްނުން ގެންގުޅޭ ބަޔަކަށް ވާންޖެހޭ. ގަޑިއަށް ފަރުވާތެރިވާ ބަޔަކަށް ވާންޖެހޭ. ޚަރަދުކުޑަކޮށް ބޮޑެތި ކަންކަން ކުރާ ބަޔަކަށް ވާންޖެހޭ. މިއަދުގެ ހުރި ގޮންޖެހުންތަކާއި އެކު މި އަޒުމުގައި މިގޮތަށް މަސައްކަތް ނުކުރެވިއްޖެނަމަ އަޅުަގނޑުމެން ދާން ބޭނުންވާ ހިސާބަށް ދިއުމުގައި އުނދަގޫވާނެ. ނައިބު ރައީސް ފައިޞަލް ވިދާޅުވިއެވެ.

ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ މިއަދުގެ ޒުވާނުންނަށް އެކުވެރިކަމާއި އެއްބައިވަންތަކަމާއެކު ކުރާ ކޮންމެ މަސައްކަތެއްވެސް ކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އުންމީދަކީ ކުރިއަށް އޮތްތަނުގައި ރާއްޖެއަށް ފައިދާހުރި އަދި ރައްޔިތުންގެ ލާބަޔާއި މަންފާއަށް މަސައްކަތްކޮށް ދިނުމުގައި ދެމިހުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އަޑުގެ "އަދުގެ ރާއްޖެ" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގަތުމަށްފަހު ނައިބު ރައީސް ވަނީ ދިވެހިރާއްޖޭގެ އަޑުގެ މުވައްޒަފުންނާއެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.